ENGLISH
18 މޭ 2025
ކިޑްސް އެތުލެޓިކްސް 2025 ނިންމުމުގެ ރަސްމިއްޔާތު މެޑަމް ސާޖިދާ ޝަރަފްވެރިކޮށްދެއްވައިފި
17 މޭ 2025
|
ކިޑްސް އެތުލެޓިކްސް 2025 ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ހުޅުމާލެ ސިންތެޓިކް ޓްރެކުގައި މިއަދު ކުރިއަށްދިޔަ ކިޑްސް އެތުލެޓިކްސް 2025 ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ ހަރަކާތް އިންތިޒާމުކުރީ އެތުލެޓިކްސް އެސޯސިއޭޝަނުންނެވެ. އެ އެސޯސިއޭޝަނުން ކިޑްސް އެތުލެޓިކްސް 2025 ބޭއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި ޞިއްޙީ ވުޒާރާ އަދި ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކުއެވެ.
ހަރަކާތްތައް ނިންމުމުގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ މުޙައްމަދުގެ އަރިހުގައި ޞިއްޙީ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމްއާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުސްޠަފާ މުޙައްމަދު (މުސްތޮ) ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޑްސް އެތުލެޓިކްސް ހަރަކާތްތައް ނިންމާލީ ޝަޓްލް ރިލޭއަކާއެކުއެވެ. އެގޮތުން ކިޑްސް އެތުލެޓިކްސް އިވެންޓުގައި ބައިވެރިވި ކުދިން 8 ލޭނަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ އިވެންޓުގައި، 7 އަހަރާއި 12 އަހަރާއި ދެމެދުގެ 200 އަށް ވުރެ ގިނަ ކުދިން ބައިވެރިވިއެވެ.
ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވަނީ ކިޑްސް އެތުލެޓިކްސް 2025 ގައި ބައިވެރިވި ހުރިހާ ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވައިފައެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ ހަރަކާތް ކުރިއަށްގެންދިޔައީ "ދުޅަހެޔޮ މުސްތަޤްބަލަކަށް ތުއްތު ކުދިން" ޝިއާރުގެ ދަށުން ކަމަށެވެ. ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ ޞިއްޙަތަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، ކުޑަކުދިން ހަރަކާތްތަކަށް ނެރެ، ޞިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
ކިޑްސް އެތުލެޓިކްސް 2025 ކުރިއަށްދިޔައިރު ހުޅުމާލެ ސިންތެޓިކް ޓްރެކުގައި 6 ސްޓޭޝަނެއް ވަނީ ބަހައްޓައިފައެވެ. އެ ސްޓޭޝަންތަކުގައި ކުދިން އެކި ހަރަކާތްތަކުގައި ބައިވެރިވެވޭނޭ އިންތިޒާމުތައް ހަމަޖެއްސިއެވެ. އަދި ކުދިންނާއެކު އެތުލެޓިކްސްގައި ހަރަކާތްތެރިވާ ކޯޗުން ބައިވެރިވިއެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ އެ ހަރަކާތުގައި ސްޓޭޝަންތައް ތައްޔާރުކުރީ ދަރިވަރުންނަށް އެކި ހުނަރުތައް ދަސްވާ ގޮތަށް ކަމަށެވެ.