ENGLISH
13 އޭޕްރީލު 2026
ޒުވާން ނަބްޙާންއާ ޚަދީޖާގެ ވަކިވުމާއެކު މިލަންދޫއަށް ހިތާމަވެރި ދުވަހެއް
13 އޭޕްރީލު 2026
|
މިއަދު ނިޔާވި ޚަދީޖާ އަދި ނަބުޙާން --
އެންމެ މަޤްބޫލު
މިއަދަކީ ށ. މިލަންދޫގެ ރައްޔިތުންްނަށް ވަރަށް ހިތާމަވެރި ދުވަހެކެވެ. އެއީ އެ ރަށުން ދެ މީހަކު މިއަދު ނިޔާވުމާއި ގުޅިގެންނެވެ. އެ ރަށު މަގުމަތީގެ އަޙްމަދު ނަބުހާން މުޙައްމަދާއި ޕިންކްހައުސް ޚަދީޖާ ޙުސައިން ނިޔާވީ މިއަދު އެވެ.
ނަބުޙާން ނިޔާވީ އުމުރުން 22 އަހަރުގަ އެވެ. ޚަދީޖާގެ އުމުރަކީ 63 އަހަރެވެ.
އުމުރުން 22 އަހަރުގެ ނަބުޙާން މިދިޔަ ހަފްތާގައި ކުއްލިއަކަށް ބަލިވީ އެވެ. ގަދަ ހުމެއް ޖެހުމުން މިލަންދޫ ސިއްޙީ މަރުކަޒުގައި އެނދުމަތިކޮށް ފަރުވާން ދޭން ފެށި އެވެ. ނަމަވެސް ޙާލަތު ރަނގަޅުނުވެ އިތުރަށް ގޯސްވި އެވެ. އެހެން ކަމުން ހދ. ކުޅުދުއްފުށި ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކުރި އެވެ.
ޑެންގީ ޖެހި ނަބުޙާންގެ ހާލު ދިޔައީ އިތުރަށް ގޯސްވަމުންނެވެ. އެހެން ކަމުން އިމާޖަންސީގައި އިއްޔެ މާލެ ގެނައީ އެވެ.
ނިޔާވީ ޙާލު ވަރަށް ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ނަބުޙާންގެ ޖަނާޒާ އޮތީ މިރޭ މަޣްރިބު ނަމާދަށް ފަހު މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގަ އެވެ.
ޙަދީޖާ ޙުސައިންއަށް ސްޓްރޯކެއް ޖެހި އެ ވޭނުގައި ދުވަސްތައް ހޭދަކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އުމުރުން 63 އަހަރުގައި ޚަޖީދާ ނިޔާވީ ސްޓްރޯކްގެ ސަބަބުން ޙާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށެވެ.
އައިސީޔޫގައި ވެސް ފަރުވާ ދީފައިވެ އެވެ.
ޚަދީޖާގެ ޖަނާޒާ މިއަދު އަޞްރު ނަމާދަށް ފަހު މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގައި ވަނީ ބާއްވާފަ އެވެ.
ޒުވާން ނަބުޙާން އާއި ޙަދީޖާގެ ވަކިވުމާއެކު މުޅި މިލަންދޫއަށް މިއީ ފަހުގެ ތާރީޚެއްގައި އެންމެ ހިތާމަވެރި ދުވަހަށް ވަނީ ވެފަ އެވެ. އެ ރަށުން ވާހަކަ ދެއްކި ކޮންމެ މީހަކު ވެސް ބުނީ މިއީ ރަށަށް ވަރަށް ބޮޑު ހިތާމައެއް ލިބުނު ދުވަހެއް ކަމަށެވެ. އެއް ދުވަހާއި ދެ މީހަކު ނިޔާވެ ލިބުނު ހިތާމައިން މިލަންދޫ އޮތީ މޮޅިވެރިކަމާއެކު ފުން ހިތާމައެއްގަ އެވެ.