ENGLISH

28 މޭ 2026

Advertisement

ޖަަލަށް ވެއްދުން މަނާ އެއްޗެއް ގައިދީއަކު އަތުން ފެނުމުން ރޭގަނޑުވެސް ބަލައިފާސްކުރާނެ: ވަޒީރު އިހުސާން

28 މޭ 2026

|

ޝިފްޒާން އަޙްމަދު

ވަޒީރު އަލީ އިހުސާން

ޖަލަށް ވެއްދުން މަނާ އެއްޗެއް ޖަލުގައި ހުރި ގައިދީއެއްގެ އަތުން ނުވަތަ އޭނާ ބަހައްޓާފައި ހުރި ގޮޅިން ފެނިއްޖެނަމަ އޭނާ ހުންނަ ތަނެއް ޖަލު ބަލަހައްޓާ އޮފިސަރުން ބަލައިފާސްކުރާނެ ކަމުގައި ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ. 

އިހުސާނު މިފަދައިން ވިދާޅުވީ ކޯޓު އަމުރަކާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑައިލުމުގެ ކުށް ސާބިތުވެ ޖަލަށް ލާފައި ތިބި އަދަދުގެ ދެ ނޫސްވެރިން ތިބި ގޮޅިން ފޯނެއް ފެނުމާ ގުޅިގެން ޖަލުގައި އަމަލުކުރާ އުސޫލުގެ ދަށުން ގައިދީން ތިބި ގޮޅިތައް ފުލުހުން ބަލައިފާސްކުރުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް ދޭހަވާ ގޮތަށް އެ ނޫހުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. 

އިހުސާނު މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޯޓަކުން އިއްވި ޝަރުއީ ހުކުމެއް ތަންފީޒުކުރަން ޖަލަށް ދާންޖެހޭ މީހާއަކީ ޖަލަށް ވަނުމަށްފަހު ގައިދީއެއް ކަމަށެވެ. އަދި ޖަލަށް ލުމަށްފަހު ގައިދީންނާމެދު މުއާމަލާތްކުރާނީ ގައިދީންނާމެދު މުއާމަލާތްކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކުން ކަމަަށްވެސް އިހުސާނު ވިދާޅުވިއެވެ. 

އިތުރަށް އިހުސާނު ވިދާޅުވީ ޖަލަށް ލުމަށް ހުކުމްކުރުމުގެ ކުރިން އެމީހަކު ކުރީ ކޮންމެ ކަހަލަ މަސައްކަތެއްކަމަށް ގަބޫލުކުރެވުނު ނަމަވެސް ޖަލަށްލުމަށްފަހު އެމީހަކާމެދު މުއާމަލަތްކުރެވޭނީ ހުކުމް ތަންފީޒުކުރުމަށް ޖަލަށްލެވިފައި ތިބި އެހެނިހެން ގައިދީންނާމެދު މުއާމަލާތްކުރެވޭ އުސޫލުން ހަމަހަމަކަމާއެކު ކަމަށެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ ޖަލުގައި ހުރި ގައިދީއެއްގެ އަތުން ނުވަތަ އޭނާ ބަހައްޓާފައި ހުރި ގޮޅިއެއްގެ ތެރެއިން ޖަލށް ވެއްދުން މަނާ އެއްޗެއް ފެނިއްޖެނަމަ، އެ ގައިދީއަކު ހުންނަ ގޮޅިއަށް ރޭގަނޑުގެ ލަސް ވަގުތުތަކުގައިވެސް ޖަލު ބަލަހައްޓާ އޮފިސަރުން ވަދެ އެތަނެއް ބަލައިފާސްކުރަމުންދާނެ ކަމށެވެ. 

އިތުރަށް ވަޒީރު ވިދާޅުވީ މިގޮތަށް ޖަލުތަކަށް ވެއްދުން މަނާ އެއްޗެއް ގެންގުޅެނިކޮށް ފެނުމުން ވަކި އިންތިޒާމެއްގެ ތެރެއިން ތަރުތީބު ގޮތެއްގައި ބަލައިފާސްކުރުމަކީ ހުރިހާ ޖަލެއްގައިވެސް އަމަލުކުރުމަށް ހަމަޖެހިފައި އޮންނަ މިންގަނޑުތައް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު