ENGLISH

28 މޭ 2026

Advertisement

މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ނާޒިމު ވަކިކުރުމުގެ މައްސަލަ އާދީއްތަ ދުވަހަށް ތާވަލުކޮށްފި

28 މޭ 2026

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމު

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމު ވަކިކުރުމުގެ ވޯޓު ނަގާ ޖަލްސާ އާދީއްތަދުވަހަށް ތާވަލުކޮށްފިއެވެ. 

މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމަށް މަޖިލީހުގައި އަޣުލަބިއްޔަތު އޮތް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަަންޓަރީ ގުރޫޕުން ފާސްކުރީ މޭ މަހުގެ 13 ވަނަ ދުވަހު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމެއްގައެވެ. 

ނާޒިމު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުން ފާސްކުރީ ނާޒިމުގެ މައްޗަށް އިތުބާރު ނެތުމުންނެވެ. އަދި އެ ނިންމުމާ ގުޅިގެން މޭ މަހުގެ 14 ވަނަ ދުވަހު އޭނާ މަގާމުން ވަކިކުރުމަށް 73 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅިއެވެ. 

މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، މަޖިލީހުގެ ނައިބުރައީސްކަމުން ނާޒިމު ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދާނެ ގޮތް ކަނޑައަޅާފައިވަނީ ފާއިތުވި ހަފުތާގައެވެ. އެ ކޮމިޓީން ކަނޑައެޅީ މުޅި މައްސަލައަށް އެއް ގަޑިއިރުގެ ވަގުތެއް ކަނޑައަޅައި މެންބަރުން ވާހަކަދެއްކުމަށް 50 މިނިޓު ހާއްސަކުރުމާއެކު ޖަވާބުދާރީވެވަޑައިގަތުމަށް ނާޒިމަށް 10 މިނިޓުގެ ވަގުތެއް ދިނުމަށެވެ. 

މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް ވަކިކުރުމުގެ މައްސަލައެއްގައި ނޯޓިސް ފޮނުވާތާ 14 ދުވަސް ހަމަވުމަށްފަހު ފުރަތަަމަ އަންނަ ރަސްމީ ދުވަހުގައި އެގަރާރާމެދު ގޮތެއް ނިންމުމަށް ޖަލްސާއެއް ބާއްވަންޖެހެއެވެ.

ނާޒިމަށް ނޯޓިސް ފޮނުވި ދުވަހުން ފެށިގެން 14 ދުވަސް ހަމަވާނީ މާދަމާއެވެ. އެހެންކަމުން 14 ދުވަސް ހަމަވުމަށްފަހު ފުރަތަމަ ރަސްމީ ދުވަހަކަށްވާނީ އަންނަ އާދީއްތަ ދުވަހެވެ. 

އަންނަ އާދީއްދަ ދުވަހަށް ނާޒިމު ވަކިކުރުމުގެ މައްސަލަ ތާވަލުކުރާނެކަން މަޖިލީހުންވަނީ މެންބަރުންނަށް އަންގާފައެވެ. އަދި އެ ޖަލްސާގެ އެޖެންޑާގައި އޮންނާނީ ނާޒިމު ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދިއުން އެކަނިކަމަށާއި، ޖަލްސާގައި ވަގުތު ބަހާފައިވާ ގޮތްވެސް އަންގާފައިވެއެވެ. 

މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުން މަޖިލީހުގެ ނައިބުރައީސް މަގާމުން ވަކިކުރުމަށް ބޭނުންވަނީ އެ މައްސަލަަ ކުރިއަށްގެންދާ ޖަލްސާގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތު ވޯޓެވެ. 

ކިޔުންތެރިންގެ ހިޔާލު