ENGLISH

28 މޭ 2026

Advertisement

ޑައިވިން ހާދިސާ ހިނގި ހޮހަޅައިގެ ވީޑިއޯ ފުރަތަމަ ފަހަރަށް މިރޭ ދައްކާލަނީ

28 މޭ 2026

|

އައިމިނަތު ޝަފާ

ވ. އަތޮޅު އަލިމަތާ ހޮހަޅަ

އިޓަލީ ޑައިވަރުން މަރުވި ހިތާމަވެރި ހާދިސާ ހިނގި ވ. އަތޮޅު އަލިމަތާ ހޮހަޅައިގެ އެކްސްކްލޫސިވް ވީޑިއޯ މިރޭ ދައްކަން ނިންމައިފި އެވެ. 

އިޓަލީގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި ހޮހަޅައިގެ އެކްސްކްލޫސިވް ވީޑިއޯއެއް މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އިޓަލީގެ ގަޑިން ރޭގަނޑު އަށެއް ޖަހާއިރު ޓީޖީ1 (TG1) އިން ދުރަށް ދައްކާނެ އެވެ. 

މި ވީޑިއޯއަކީ "ޑޭން ޔޫރަޕް ފައުންޑޭޝަން" ގެ އެހީތެރިކަމާއެކު ހަށިގަނޑުތައް ނެގުމުގައި ހަރަކާތްތެރިވި ފިންލޭންޑްގެ ރެސްކިއު ޓީމުން ނަގާފައިވާ ވީޑިއޯއެކެވެ. މިއީ މި ހާދިސާ ހިނގި އަނދިރި ހޮހަޅައިގެ އެތެރޭގެ މަންޒަރުތައް އާންމުންނަށް ފެންނަ ފުރަތަމަ ފަހަރެވެ.

މި ވީޑިއޯއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރެސްކިއު ޑައިވަރު ސާމީ ޕަކަރިނެން ބުނީ، މަރުވި ޑައިވަރުންގެ ހަށިތައް ފެނުނީ ޗާޓުގައި ނެތް، އަދި ދާން ނުޖެހޭ ފަދަ ފުން ހިސާބަކުން ކަމަށެވެ. ގާތްގަނޑަކަށް 60 މީޓަރު އަޑީގައި އޮތް މި ހޮހަޅައިގެ ތެރެއަށް އެމީހުން ވަދެފައިވާކަން އެނގުނީ ވެލިގަނޑުގައި ހުރި ނިޝާންތަކަކުން ކަމަށް އޭނާ ބުންޏެވެ. އަދި ކުރިމަގުގައި މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށްޓަކައި އެ ހޮހަޅަ ރަނގަޅަށް މެޕްކުރުމަށް އަލުން ރާއްޖެ އަންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން އިޓަލީގެ ރޯމް ޕްރޮސެކިއުޓާސް އޮފީހުން ވަނީ މީހުން މަރުވުމުގައި އިހުމާލެއް އޮތްތޯ ބަލަމުން ނެވެ. 

މި ހާދިސާގައި މަރުވެފައިވަނީ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން (51އ) އާއި، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (23އ) އާއި، ރިސާޗަރ މުރިއެލް އޮޑެނީނޯ (31އ) އާއި، ފެޑެރީކޯ ގުއަލްޓިއޭރީ (30އ) ގެ އިތުރުން "ޑޫކް އޮފް ޔޯކް" ސަފާރީގެ އިންސްޓްރަކްޓަރު ޖިއާންލޫކާ ބެނެޑެޓީ (44އ) އެވެ.

މަރުވި މީހުންގެ އޮޓޮޕްސީ ރިޕޯޓުތަކުން މަރުވާން ދިމާވި ސީދާ ސަބަބެއް އަދި ކަށަވަރު ނުވާއިރު، އިތުރު ތަހުލީލުތަކުގެ ނަތީޖާއަށް އިންތިޒާރު ކުރަމުންދާ ކަމަށް އާއިލާގެ ވަކީލުންގެ ފަރާތުން ބުންޏެވެ.

މި ހާދިސާގައި މަރުވި މީހުންގެ ޖަނާޒާގެ ކަންކަން މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް އެކި ގަޑިގަޑިއަށް ތާވަލުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު