ENGLISH
02 ފެބްރުއަރީ 2026
ވިލުފުށިން ރައީސަށް ހަދިޔާއެއް؛ އަށް ގޮނޑި އިންތިހާބަކާ ނުލައި ޕީއެންސީއަށް
02 ފެބްރުއަރީ 2026
|
ވިލުފުށި، ފޮޓޯ: ޕީއެސްއެމް
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވިލުފުށީގައި އިންތިހާބުކުރަންޖެހޭ ދިހަ ގޮނޑީގެ ތެރެއިން އަށް ގޮނޑި ވެރިކަންކުރާ ކޮންގުރެސް ޕާޓީއަށް ވޯޓު ނެގުމަކާ ނުލައި ލިބިއްޖެއެވެ.
ވިލުފުށީގައި އިންތިހާބުކުރަންޖެހެނީ ކައުންސިލުގެ ރައީސާއި ކައުންސިލުގެ ހަަތަރު މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއާއި އެ ކޮމިޓީގެ ހަތަރު މެންބަރުންނެވެ. ޖުމްލަ ދިހަ މެންބަރުން އިންތިހާބުކުރަންޖެހެއެވެ.
ކައުންސިލުގެ ރައީސްކަމަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް ކޮންގުރެސް ޕާޓީގެ ކެންޑިޑޭޓުންގެ އިތުރަށް މިނިވަން ދެ ކެންޑިޑޭޓުން ވާދަކުރައްވާތީ އެ ދެ މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ވޯޓު ނަގަންޖެހޭނެއެވެ.
ނަމަވެސް ބާކީ އޮތް އަށް މަގާމަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ފިޔަވައި އިތުރު އެއްވެސް ބޭފުޅަކު ކުރިމަތިނުލައްވާތީ އެ އަށް ގޮނޑި ކޮންގުރެސް ޕާޓީއަށްވަނީ ލިބިފައެވެ.
މި ކާމިޔާބާ ގުޅިގެން ވިލުފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހަސަން ވަަހީދު "އެމްއެމްޓީވީ"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ރަށަކީ އެމްޑީޕީއަށް ތާއީދުކުރާ މެންބަރުން ވަރަށް ގިނަ ރަށެއް ނަމަވެސް އެ ރަށު ރައްޔިތުން އެ ގޮނޑިތަކަށް އެމްޑީޕީން ކެންޑިޑޭޓުން ނުނެރެން ނިންމީ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެ ރަށުގެ ރައްޔިތުން ތަރައްގީއަށް ހުރަސްއެޅުމަށް އެއްވެސް މިންވަރަކަށް ބޭނުންނުވެއެވެ. އެހެންވެ އެމްޑީޕީއަށް ނިސްބަތްވާ ވިލުފުށީ ރައްޔިތުންވެސް ކެންޑިޑޭޓުން ނެރެން ބޭނުންނުވީ އެހެންވެއެވެ.
އިތުރަށް އޭނާ ވިދާޅުވީ މި ކާމިޔާބަކީ އެ ރަށުގެ ތަރައްގީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް އަރުވާ ހަދިޔާއެއް ކަމަށެވެ.
ރައީސް ޑރ.މުޢިއްޒުގެ ޒައާމަަތުގައި ވިލުފުށީގައި އެއާޕޯޓު އެޅުމުގެ އިތުރަށް އެ ރަށަށް ބޭނުންވެފައި ހުރި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަންނަނީ ކުރިއަށްގެންދަމުންނެވެ.