ENGLISH

18 ޖޫން 2026

Advertisement

އަންނަ އަހަރުން ފެށިގެން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން އިއާދަވާން ފަށާނެކަމަށް އައިއެމްއެފް އިން ލަފާކޮށްފި

18 ޖޫން 2026

|

ޢަލީ ޝަހީމް

އަންނަ އަހަރުން ފެށިގެން ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ރަނގަޅުވާން ފަށައި، މެދު ރާސްތާގައި ގައުމުގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ ހަތަރު އިންސައްތައިގެ މިންގަނޑަށް ރުޖޫއަވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މި ހިނގާ ޖޫން މަހުގެ 4 އިން 14 އަށް ރާއްޖެއަށް ކުރި ޒިޔާރަތަށްފަހު، އައިއެމްއެފްގެ 2026 އާޓިކަލް މިޝަން އިން އެކުލަވައިލި އިބްތިދާއީ ރިޕޯޓުގައެވެ.

އައިއެމްއެފް އިން ފާހަގަކުރި ގޮތުގައި، ފާއިތުވި އަހަރު ރާއްޖޭގެ އިގްތިސާދަށް ވަނީ ކުރިއެރުން އައިސްފައެވެ. މިއީ މާލީ ފިޔަވަޅުތަކާއި، ފަތުރުވެރިކަމުގެ ކުރިއެރުމާއި، ދޭދޭ ގައުމުތަކުގެ އެހީތެރިކަމުގެ އިތުރުން ރަސްމީ ރިޒާވް އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފައިވެއެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމަށް އަންނަ ލޮޅުންތަކާއި، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމުގެ ގޮންޖެހުންތަކާ ހުރެ، މި އަހަރު އިޤްތިޞާދީ ކުރިއެރުން އެއް އިންސައްތައަށް މަޑުޖެހޭނެ ކަމަށްވެސް ލަފާކޮސްފައިވެއެވެ. އެހެންނަމަވެސް ކުރު މުއްދަތުގެ މަޑުޖެހުމަށްފަހު އަންނަ އަހަރުން ފެށިގެން އިޤްތިޞާދު ކުރިއަރަން ފަށާނެކަން ލަފާކޮށްފައިވެއެވެ.

ދިގު މުއްދަތުގެ ކުރިއެރުން ދެމެހެއްޓުމަށްޓަކައި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ވިޔަފާރި މާހައުލު ރަނގަޅުކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް އެކަށީގެންވާ ފަދަ ނިޒާމެއް ގާއިމުކުރުމަށް އައިއެމްއެފް އިން ވަނީ އިރުޝާދުދީފައިވެއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގެ ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރަމުންދިއުމަކީ ބޭރުގެ މާކެޓުތަކަށް އޮންނަ ބަރޯސާ ފުޅާވެ، އިގްތިސާދަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ވެސް ފާހަގަކޮށްފައިވެއެވެ.

އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ސަބަބުން ބޭރު ފައިސާގެ ތާށިކަން ކުޑަވެ، ރިޒާވް ވަރުގަދަވުމަށް މަގުފަހިވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން އޯޕަން މާކެޓް އޮޕަރޭޝަންސް އަލުން ފެށުމަށް ނިންމި ނިންމުމަށް އައިއެމްއެފް އިން ވަނީ މަރުހަބާ ކިޔާފައެވެ.

ދައުލަތުގެ ދަރަނި ކުޑަކޮށް މާލީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި 2025 ވަނަ އަހަރު ފަށާފައިވާ އިސްލާހީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށް އައިއެމްއެފް އިން ބުނެއެވެ. މީގެ ތެރޭގައި ކެޕިޓަލް ހަރަދުތައް ކުޑަކުރުމާއި، ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެހެން ސަބްސިޑީގެ ނިޒާމު މުރާޖައާކުރުމުގެ އިތުރުން އިއާދަކުރަނިވި ހަކަތައަށް ބަދަލުވެ، ތެލަށް ކުރާ ހޭދައާއި ސަބްސިޑީގެ ކުޑަކުރުން ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު