ENGLISH
18 ޖޫން 2026
ތިނަދޫ ސިޓީގައި ތަރައްގީކުރާ އެމްއެންޔޫގެ އެކޮމޮޑޭޝަން ބްލޮކް އިމާރާތުގެ މަސައްކަތް ކުރިއަށް
18 ޖޫން 2026
|
ތިނަދޫ ސިޓީގައި ތަރައްގީކުރާ އެމްއެންޔޫގެ އެކޮމޮޑޭޝަން ބްލޮކް އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ގދ. ތިނަދޫ ސިޓީގެ އެމްއެންޔޫ ކެމްޕަހުގައި ތަރައްޤީކުރާ އެކޮމޮޑޭޝަން ބްލޮކް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބީމްތަކާއި ސްލެބްތަކުގެ ދަގަނޑު ބަނުމާއި، ފޯމްވޯކް (ކޮންކްރީޓް އެޅުމަށްޓަކައި ފިލާޖެހުން) ގެ މަސައްކަތްތައް ކުރަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި ކެމްޕަހަކީ ކިޔަވަމުންދާ ދަރިވަރުންނަށާއި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކުރެވިގެން ކުރިއަށްދާ މަޝްރޫއެއްކަމަށް އެމްއެންޔޫ އިން ބުނެފައިވެއެވެ.
އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ގދ. ތިނަދޫގައި ހުންނަ އެމްއެންޔޫ ކެމްޕަސް ތަރައްގީކޮށް ހިދުމަތް ލިބެން ފެށުމުން، ރަށުގެ ރައްޔިތުންއަށް ތައުލީމީ ރޮނގުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ގަބޫލުކުރެއެވެ.
މި މަޝްރޫއު ދަށުން، ތިން ފަންގިފިލާގެ ކެމްޕަސް އިމާރާތެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ދެވަނަ މަޝްރޫއުގެ ދަށުން ދަރިވަރުންނަށް ހާއްސަ ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ.
އެމްޓީސީސީން ބުނީ ދަރިވަރުންގެ އެކޮމޮޑޭޝަން ބްލޮކްގެ 31 ކޮޓަރިއާއި ލޯންޑަރީއެއް ހުންނާނެ ކަމަށެވެ. އަދި ތިންވަނަ މަޝްރޫއުގެ ދަށުން މުވައްޒަފުންނަށް ހާއްސަ ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި މި ބްލޮކުގައި ހަތް ކޮޓަރިއާއި ކެފޭއެއްވެސް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ވަނީ ނުފެށި ހުއްޓިފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި ހާއްސަ އިރުޝާދުފުޅުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައެވެ.