ENGLISH
21 ޖޫން 2026
ދިވެހި ޕްރިމިއަރ ލީގުގެ ފަހު ޖާގަ ގައްދުއަށް
21 ޖޫން 2026
|
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ޓީސީ އާއި ގައްދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ކޮލިފައިން ބުރުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް، އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ފަހު ޖާގަ ގދ. ގައްދޫން ހޯދައިފިއެވެ. ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ގައްދޫން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރަނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ.
މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ. މީގެ ކުރިން ތާވަލުގެ ކުރީގައި އޮތް ބިސް ބުރާއި، ޓީސީ އަދި ދިއްދޫން ވަނީ ދިވެހި ޕްރިމިއަރ ލީގުގެ ޖާގަތައް ކަށަވަރުކޮށްފައެވެ.
ކޮލިފައިންގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ގައްދުއަށް ކާމިޔާބުކޮށްދިނީ ޑޮނާލިއޯއެވެ.
މި މޮޅާއެކު ތާވަލުގެ ހަތަރުވަނައިގައި އޮތް ގައްދުއަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތް ބިސް ބުރަށް ހަތަރު މެޗުން ލިބުނު 10 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޓީސީ އާއި، ތިންވަނައިގައި އޮތް ދިއްދުއަށް ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފައެވެ.
ތާވަލުގެ ކުރީގައި އޮތް ހަތަރު ޓީމުން އަންނަ ސީޒަނުގެ ދިވެހި ޕްެރިމިއަރ ލީގުގެ ޖާގަ ކަށަވަރުކުރުމާއެކު، ފަސްވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި، ފުލުގައި އޮތް ހުރާއަށް ވަނީ އެ ފުރުސަތު ގެއްލިފައެވެ. ގްރީން ސްޓްރީޓްސްއަށް ހަތަރު މެޗުން ދެ ޕޮއިންޓް ލިބުނުއިރު، ހުރާއަށް ހަތަރު މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ.
ކޮލިފައިންގެ މެޗުތައް ދެން ކުޅޭނީ އަންނަ ބުދަ ދުވަހެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި ޓީސީއެވެ. އަދި އެރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ ގައްދުއާ ދެކޮޅަށެވެ.