ENGLISH
21 ޖޫން 2026
އެއްބަނޑުއެއްބަފާ ދެބެއިން ކުޅެނީ ދެ ޤައުމަކަށް، އިމްތިހާނަކަށް ވެދާނެ؟
21 ޖޫން 2026
|
ދެބެއިން ކަމަށްވާ ޑެސިރޭ ޑުއޭ އަދި ގުއެލާ ޑުއޭ؛ ދެބެއިން ކުޅެނީ ދެ ޤައުމަކަށް ---
އެންމެ މަޤްބޫލު
އެއް މެޗެއްގައި ދެ ދަރިން ދެ ޓީމަކަށް ކުޅޭއިރު، ސަޕޯޓުކުރާނީ ވަކި ކޮން ދަރިއަކަށް ހެއްޔެވެ؟ މިއީ ކޮންމެ މައިންބަފަޔަކަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު އެއް އިމްތިހާނެވެ. މި ދައްކަނީ އާދައިގެ ކުޅިވަރު ދަނޑެއްގައި ނުވަތަ ސްކޫލް މެޗެއްގައި ހިނގާ ކަމެއް ނޫނެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް 2026 ގައި ހިނގާ ކަމެކެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި އެކި ޤައުމުތަކަށް ކުޅޭ ހަތަރު ބެއިންގެ ޖޯޑު ހިމެނެއެވެ. އޭގެ ތެރޭގައި އެކަކު އަނެކަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތު އޮތް ޑެސިރޭ ޑުއޭ އަދި ގުއެލާ ޑުއޭ ހިމެނެއެވެ.
ފްރާންސްގެ މަންމައަކާއި އައިވަރީ ކޯސްޓުގެ ބައްޕައަކަށް، ފްރާންސްގެ އޭންޖާސް ސިޓީއަށް އުފަންވި މި ދެބެއިން ކުޅެނީ އެ ގައުމުގެ ޕީއެސްޖީ އާއި ސްޓްރާސްބޯގަށެވެ. ނަމަވެސް ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މި ދެބެއިން އިޚުތިޔާރު ކުރީ ތަފާތު ދެ މަގެކެވެ. އެގޮތުން ދެ ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އުމުރުން 21 އަހަރުގެ ޑެސިރޭ ކުޅެނީ ފްރާންސްގެ ޤައުމީ ޓީމަށެވެ. އަދި އުމުރުން 23 އަހަރުގެ ގުއެލާ ކުޅެނީ އައިވަރީ ކޯސްޓަށެވެ.
"އަހަރެމެން އެކަކު އަނެކަކަށް ހުރިހާ ވާހަކައެއް ހިއްސާކުރަން، އަދި އެއްވެސް ސިއްރެއް ނޯވޭ، އޭނާއަކީ އަހަރެންގެ އާންމު ދިރިއުޅުމުގައި ވަރަށް ބޮޑު އެހީތެރިއެއް،" ފްރާންސްގެ ފުޓްބޯޅަ ޕްރޮގްރާމަކަށް ދިން އިންޓަވިއުއެއްގައި ޑެސިރޭ، އޭނާގެ ބޭބެއާ އޮތް ގުޅުމާ ބެހޭގޮތުން ބުންޏެވެ.
ދެބެއިން ކަމަށްވާ ޑެސިރޭ ޑުއޭ އަދި ގުއެލާ ޑުއޭ ---
ނަމަވެސް އުފެދޭ ސުވާލަކީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕަކީ މި ގާތް ގުޅުމަށް، ކޮންފަދަ އިމްތިހާނަކަށް ވެދާނެބާއެވެ؟
ފްރާންސް ގްރޫޕް އައި އިން ދެވަނަ ހޯދައި، އަދި އައިވަރީ ކޯސްޓް ގްރޫޕް އީ އިން ދެވަނަ ހޯދައިފިނަމަ، މި މަހުގެ 30 ވަނަ ދުވަހު ޓެކްސަސްގެ އާލިންގްޓަންގައި ބާއްވާ ގަދަ 32 ޓީމުގެ ބުރުގައި މި ދެބެއިން އެކަކު އަނެކަކާ ދެކޮޅަށް ކުޅެން ޖެހޭނެއެވެ.
މި މަހުގެ 4 ވަނަ ދުވަހު، ވޯލްޑް ކަޕުގެ ކުރިން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އައިވަރީ ކޯސްޓުން 2-1 ގެ ނަތީޖާއަކުން ފްރާންސް ބަލިކުރިއިރު، ގުއެލާ ވަނީ މެޗުގެ ކުރިން ދެ ޤައުމުގެ ޤައުމީސަލާންވެސް ކިޔާފައެވެ. އޭގެ ފަސް ދުވަސް ކުރިން ޕީއެސްޖީ އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޑެސިރޭ އެ މެޗުގައި ހުރީ ބެންޗުގައެވެ.
އެކުވެރިކަމުގެ މެޗަށް ފަހު ގުއެލާ ބުނެފައިވަނީ އޭނާގެ ކޮއްކޮއާ ދެކޮޅަށް ކުޅެން ފުރުސަތު ނުލިބުމަކީ ހިތްދަތި އިހުސާސްތަކެއް އެކުލެވިގެންވާ ކަމެއް ކަމަށެވެ.
ކަން މިހެން އޮތުމުން މި މުބާރާތުގައި ފްރާންސާއި އައިވަރީ ކޯސްޓް ބައްދަލުކުރަން ޖެހިއްޖެނަމަ، މި ދެ ކުޅުންތެރިންނަށާއި، އެ އާއިލާއަށްވެސް ވާނީ އިމްތިހާނަކަށެވެ. މީގެ ސަބަބުން އަސަރުކުރާނެ ގޮތަކާއި، އައިސްދާނެ ކަންތައްތަކެއް އެކަކަށްވެސް އަދި ނޭނގެއެވެ. ނަތީޖާ ލިބޭނީ އިމްތިހާނު ނިމުނީމައެވެ.