ENGLISH
21 ޖޫން 2026
މާލެ ވެޓް މާކެޓް މަޝްރޫޢުއާ ގުޅޭގޮތުން ކައުންސިލުން ފަތުރަނީ ދޮގު، ބިން ހަވާލުނުކުރަން ދައްކަނީ އަސާސެއް ނެތް ބަހަނާ
21 ޖޫން 2026
|
ވެޓް މާކެޓް ކޮންޕްލެކްސްގެ ކުރެހުމެއް --
އެންމެ މަޤްބޫލު
މާލެ ވެޓް މާކެޓް މަޝްރޫޢުއާ ގުޅޭގޮތުން ކައުންސިލުން ފަތުރަމުންދާ ވާހަކަތަކުގެ ޙަޤީޤަތް ސާފުކޮށްދީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އަނެއްކާ ވެސް ބަޔާނެއް ނެރެފި އެވެ.
މާލޭގެ މާރުކޭޓްތަކުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އާންމުންނާއި ވިޔަފާރިވެރީންނަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޓްރަސްޓެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާއި ހަވާލުކޮށްފައިވާ މަޝްރޫޢު އެކެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، ކޮންޓްރެކްޓަރާ މަސައްކަތުގެ ސައިޓް ހަވާލުކުރުމަށްޓަކައި އެ ސަރަޙައްދުގެ ބިން މިނިސްޓްރީއާ ހަވާލުކޮށް ދިނުމަށް އެދި މާރޗް 29، 2026 ގައި މަޝްރޫޢުގެ ތަފްސީލީ ކުރެހުންތަކާއެކު މާލޭ ސިޓީ ކައުންސިލަށް ވަނީ ހުށައަޅާފަ އެވެ.
އެ ސިޓީއަށް އެއްވެސް ޖަވާބެއް ލިބިފައިނުވާތީ މިހާރުގެ ލޯކަލް މާރުކޭޓް ހުރި އިމާރާތް ހުސްކުުރުމަށް ފަހު އޭޕްރީލް 18، 2026 ގެ ކުރީން ބިން ހަވާލުކޮށްދިނުމަށް އެދި އޭޕްރީލް 12، 2026 ގައި ދެވަނަ ފަހަރަށް ސިޓީ ކައުންސިލްގައި ވަނީ އެދިފަ އެވެ.
މި ސިޓީއަށްވެސް ކައުންސިލުން ޖަވާބެއް ނުދިނެވެ. އަދި އެއްބަސްވުމުގެ ދަށުން ބިން ހަވާލުކޮށްދިނުމަށް ކޮންޓްރެކްޓަރުގެ ފަރާތުން މިނިސްޓްރީގައި ތަކުރާރުކޮށް އެދެމުންދާރީ މެއި 7، 2026 ގެ ކުރީން ހަވާލުކޮށް ދިނުމަށް އެދި މެއި 3، 2026 ގައި އިތުރު ސިޓީއެއް ވަނީ ފޮނުވާފަ އެވެ. އެހެން ނަމަވެސް އެ މުއްދަތުގައިވެސް ބިން ހަވާލުކޮށްފައިނުވާތީ މެއި 31، 2026 ގެ ކުރީން ބިން ހަވާލުކުރުމުގެ ކަންކަން ނިންމައިދިނުމަށް އެދި މެއި 18، 2026 ގައި މިނިސްޓްރީން ވަނީ ހަތަރުވަނަ ސިޓީއެއް ފޮނުވާފަ އެވެ.
އޭގެ ފަހުން ކައުންސިލުން ވަނީ އެ ބިން ހަވާލުކުރެވެން ނެތް ކަމަށް ބަޔާންކޮށް މިނިސްޓްރިއަށް އަންގާފަ އެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މާޗް 9، 2023 ގައި އެ ކައުންސިލާއި ހައިރު އިންޖިނިއަރިންގ ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޑެޓާ ދެމެދު ވެވުނު އެއްބަަސްވުމެއްގެ ދަށުން، މަސްމާރުކޭޓް ސަރަޙައްދު ތަރައްޤީކުރުން އެ ކުންފުންޏާއި ހަވާލުކޮށްފައިވުމެވެ.
އަދި ބިން ހަވާލުކުރެވޭނީ އެއްބަަސްވުމުގައިވާ ގޮތުގެ މަތީން އެ އެއްބަސްބުން ބާތިލުކުރުމަށް ފަހު ކަމަށްވެސް ބުނެފައިވެ އެވެ.
ނަމަވެސް މިނިސްޓްރީން ބުނީ އެ މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއްވެސް ބަދަލާއި ނުލައި އެއްބަސްވުން ބާތިލުކުރުމަށް ހައިރު އިންޖިނިއަރިންގ ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޑެޓުން ވަނީ ކައުންސިލަށް ސިޓީވެސް ފޮނުވާފަ އެވެ.
ނަމަވެސް މިއަދާ ހަމައަށް ވެސް އެ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކައުންސިލުން ކޮށްފައެއް ނުވެ އެވެ.
ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލުން ޕްލޭން ކޮށްފައިވާ ޑިޒައިނާ އެއްގޮތަށެވެ. އެ ކައުންސިލުން މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ގޮތުން އެއްވެސް ކަމެއް ނުކޮށް އޮތުމުން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދާ ދިނުމަކީ ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް ކަމުގައި ދެކޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އެގޮތުން މާލެސިޓީ ކައުންސުލުން މަޝްރޫޢު ހަވާލުކޮށްފައިވާ ކުންފުނިން ވަގުތީ ގޮޅިތައް ހެދުން ފިޔަވާ އަމަލީ އެއްވެސް މަސައްކަތެއްކޮށްފައިނުވާތީ އެ މަޝްރޫޢުގެ އެއްބަސްވުން ބާތިލުކުރުމަކީ އެކަމުގައި އެއްވެސް ހުރަހެއް އޮތް ކަމެއް ކަމުގައި މިނިސްޓްރީން ނުދެކޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ އެއްބަސްވުން ބާތިލުކުރި ނަމަވެސް އެ ބިން ސަރުކާރާއި ހަވާލުކުރުމަށް ހުރަހެއް އޮތް ކަަމަށް ނުދެކޭ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ކަމުގައި މާލެ ސިޓީ ކައުންސިލުން މިއަދާ ހަމައަށްވެސް ބިން ހަވާލުނުކޮށް އޮތުމަކީ އާންމު ރައްޔިތުންގެ ލާބައާ މަންފާއަށްވުރެ ބޮޑަށް ސިޔާސީ މަސްލަހަތު އިސްކޮށްގެން ކުރަމުންދާ ކަމެއް ކަމަށެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް ޢަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވީނަމަވެސް، މި މަސައްކަތް ނުފެށި އޮތް ހަމައެކަނި ސަބަބަކީ މަޝްރޫޢު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައިނުވުމެވެ.
ހަސަތޭކަ ދުވަހުގެ ތެރޭގައި އެންމެގައި މަސައްކަތްތައް ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢުއަކީ މާލޭގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫޢުއެއް ކަމަށާ އެހެން ކަމުން މި މަސައްކަތް ލަސްވާ ކޮންމެ ދުވަަހަކީ މަޝްރޫޢުގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުން މަޙްރޫމްވާނެ ކަމެއް ކަމުގައި މިނިސްޓްރީން ފާހަގަ ކުރެވެ އެވެ.
މިނިސްޓްރީން ބުނީ މި މައުލޫމާތުތައް ހާމަކުރީ މާލެ ސިޓީ ކައުންސިލުން އާންމުންނަށް އޮޅޭގޮތަށް މަޢުލޫމާތު ފަތުރަމުންދާތީ ކަމަށެވެ.