ENGLISH

21 ޖޫން 2026

Advertisement

ކިއުރަސޯގެ ފުޓްބޯޅައިގެ އައު ކުރިއެއް، ކީޕަރަށް ބޮޑު ޝަރަފެއް

21 ޖޫން 2026

|

ސުވެއިދާ ހުސެއިން

ކިއުރަސޯގެ ގޯލްކީޕަރު އެލޯއީ ރޫމް؛ އެކުއަޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި 15 ސޭވް ވަނީ ކޮށްފައި --- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕުގައި މުޅިން އަލަށް ވާދަކުރާ ޤައުމުތަކުގެ ތެރެއިން ކިއުރަސޯ ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. އެ މީހުން ވަނީ ފުޓްބޯީޅައިގެ ތާރީޚީ ކުރިއެއް ފަޅުވާފައެވެ. އޭގެތެރެއިން އެންމެ ބޮޑު ޝަރަފެއް ލިބޭ ކުޅުންތެރިއަކީ އެ ޓީމުގެ ގޯލްކީޕަރު އެލޯއީ ރޫމް އަށެވެ.

ވޯލްޑް ކަޕް 2026 ގެ ގްރޫޕް އީ ގައި އެކުއަޑޯ އަތުން ކިއުރަސޯ ތާރީޚީ ޕޮއިންޓެއް މެޗުގައި، އެ މީހުުންގެ ގޯލަށް އަމާޒުކޮށް މެޗުގެ ކުރީކޮޅު އެކުއަޑޯގެ އެނާ ވެލެންސިއާ ބާރު ހަމަލާއެއް ފޮނުވާލުމުން، އެއީ ގޯލަކަށްވާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނެއެވެ. ސަބަބަކީ ގޯލާ އެންމެ 10 ޔާޑު ދުރުގައި ހުރެ، ހަމައެކަނި ކީޕަރު ބީޓުކޮށްލަން ލިބުނު އެ ފުރުސަތުން ގޯލެއް ވަންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެ ކުޅުންތެރިޔާއަށްވެސް އޮތުމުންނެވެ. އެ ބޯޅަ ގޯލަށް ވަތްނަމަ، މުބާރާތުގެ ފުރަތަމަ މެޗުގައި ޖަރުމަން އަތުން 7-1 ގެ ނަތީޖާއަކުން ބަލިވި ކިއުރަސޯ މުބާރާތާ ވަކިވާނެއެވެ.

ނަމަވެސް ތަޖުރިބާކާރު ކީޕަރު ރޫމް ވަނީ އެ ހަމަލާ އަންނާނެ ދިމާ ދުރާލައި އަންދާޒާކޮށް، ހުޝިޔާރުކަމާއެކު އެ ބޯޅަ ބޭރުކޮށްލާފައެވެ. އެއީ ގަބޫލުކުރަންވެސް ދަތި، ހައިރާންކުރުވަނިވި ރީތި ސޭވެކެވެ. 

އެކުއަޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި ކިއުރަސޯގެ ގޯލްކީޕަރު އެލޯއީ ރޫމް ބޯޅަ މަތަކުރަނީ --- ފޮޓޯ: ރޮއިޓަރސް

ގިނަ ވަގުތު މެޗު ކޮންޓްރޯލުކޮށްގެން ކުޅުނު އެކުއަޑޯއަށް ފުރުސަތުތަކުގެ ބޭނުން ނުހިފިގެން  މާޔޫސްކޮށްލިއެވެ. މަޔާމީ އެފްސީގެ 37 އަހަރުގެ ކީޕަރު ރޫމް ވަނީ މި މެޗުގައި 15 ސޭވްކޮށް، ދުނިޔޭގެ ރިކޯޑަކާ އަރާ ހަމަކޮށްފައެވެ. މިއީ އެ ޤައުމުގެ ރައްޔިތުންގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެންނުދާނެ ފަދަ މޮޅު ކުޅުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 1966 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވޯލްޑް ކަޕުގެ 90 މިނެޓުގެ ތެރޭގައި އެއްވެސް ކީޕަރަކު މިއަށްވުރެ ގިނަ ސޭވް ކޮށްފައެއް ނުވެއެވެ. މި ރިކޯޑު ދެން އޮތީ އެމެރިކާގެ ކީޕަރު ޓިމް ހަވާޑުގެ އަތުގައެވެ. ނަމަވެސް ހަވާޑާ ޚިލާފަށް ރޫމް ވަނީ ބައިކޮޅަށް ގޯލެއް ވަނަނުދީ ހިފަހައްޓާފައެވެ.

ކިއުރަސޯ މުބާރާތަށް ކޮލިފައިވުމުގައިވެސް މި ތަޖުރިބާކާރު ކީޕަރުގެ ދައުރު ބޮޑެވެ. ނޮވެމްބަރު މަހު ޖެމެއިކާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކުރި މުހިންމު ސޭވްތަކަކީ އެ ޤައުމަށް މުބާރާތުގެ ފުރުސަތު ކަށަވަރުކޮށްދިން އެއް ސަބަބެވެ. ނެދަލެންޑްސްގެ 21 އަހަރުން ދަށުގެ ޓީމަށް ކުރިން ކުޅުނު ރޫމް، ކިއުރަސޯއަށް ކުޅެން އެއްބަސްވީ 2015 ވަނަ އަހަރު އެ ޓީމުގެ ކޯޗަކަށް ހުރި ޕެޓްރިކް ކްލައިވަަޓުގެ އެދުމުގެ މަތިންނެވެ.

އެކުއަޑޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ކިއުރަސޯގެ ގޯލްކީޕަރު އެލޯއީ ރޫމް --- ފޮޓޯ: ރޮއިޓަރސް

ރޫމްގެ ފުޓުބޯޅަ ކެރިއަރު ބިނާވެފައިވަނީ ނެދަލެންޑްސް ލީގުގައެވެ. އޭނާ ވަނީ ވިޓެސޭ އަދި ޕީއެސްވީ ފަދަ ކުލަބުތަކަށް 200 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. އޭގެ ފަހުން އެމެރިކާގެ ކޮލަމްބަސް ކްރޫއަށް ބަދަލުވެ، އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، ސީޒަނުގެ އެންމެ މޮޅު ސޭވްގެ ޝަރަފުވެސް ހޯދިއެވެ.

ކެންސަސް ސިޓީ ސްޓޭޑިއަމްގައި 68،000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ރޫމް ދެއްކި ހައިރާންކުރުވަނިވި ކުޅުމާއެކު، އޭނާގެ ނަން ވޯލްޑް ކަޕުގެ ތާރީޚުގައި ރަން އަކުރުން ފަވާލެވިއްޖެއެވެ. 

މި ނަތީޖާއަކީ އެންމެ 156،000 މީހުންގެ އާބާދީއެއް އޮންނަ، ޖަޒީރާ ޤައުމެއް ކަމަށްވާ ކިއުރަސޯއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. ދުނިޔޭގެ ރޭންކިންގެ 80 ވަނައަށްވުރެ ފަހަތުގައި އޮވެ، ވޯލްޑް ކަޕުގައި ޕޮއިންޓެއް ހޯދި މަދު ޤައުމުތަކުގެ ތެރޭގައި އެ ޤައުމު މިހާރު ހިމެނެއެވެ. މީގެ އެންމެ ބޮޑު ހިއްސާދާރަކީ ހަމަ ކީޕަރެވެ. 

ކިޔުންތެރިންގެ ހިޔާލު