ENGLISH
22 އޭޕްރީލު 2025
ވެމްކޯގެ ޚިދުމަތް ގުޅިއަށް ތަޢާރަފުކުރުމުން ރަށުގެ ކުނީގެ މައްސަލަ ޙައްލުކުރެވޭނެ: ޠާރިޤު
09 ފެބްރުއަރީ 2025
|
ކ. ގުޅީގައި ވެމްކޯގެ ޚިދުމަތް ފެއްޓުމާއެކު އެ ރަށުގެ ކުނީގެ މައްސަލައަށް ދެމެހެއްޓެނެވި ޙައްލެއް ލިބޭނެކަމަށް އެންވަޔަރަމެންޓް އެންޑް ޓޫރިޒަމް މިނިސްޓރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގުޅީގައި ވެމްކޯގެ ޚިދުމަތްތައް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ޠާރިޤު ވިދާޅުވެފައިވަނީ ގުޅިއަކީ ޓޫރިޒަމް ކުރިއަރަމުން ފުޅާވަމުންދާ ރަށަކަށްވާއިރު ކުނީގެ މައްސަލައަކީ އެރަށަށް ކުރިމަތިވެފައި އޮތް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ވެމްކޯއިން އެ ރަށުގައި ޚިދުމަތް ދޭން ފެށުމުން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.
ވެމްކޯގެ ޚިދުމަތާއެކު ކުނި ޖަމާކުރުމާއި ނެގުމުގެ މަސައްކަތް ވަކި އިންތިޒާމުތަކެއްގެ ތެރެއިން ތަރުތީބުކުރެވިގެން ކުރިއަށްދާނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަމުގެ ސަބަބުން އެ ރަށުގެ ވެށި ރައްކާތެރިކޮށް ޙިމާޔަތްކުރުމަށް މަގުފަހިވާނެ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކަަށް ވެމްކޯގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވި އެއް އަހަަރު ތެރޭގައި އެ ކުންފުނީގެ ޚިދުމަތް ކުރިން ނުދޭ ވަރަށް ގިނަ ރަށްތަކަށް ޚިދުމަތް މިހާރު ފުޅާކުރެވިފައިވާ ކަމަށެވެ.
ވެމްކޯގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން އެ ކުންފުނިން މޭލެއިން ގެންނަ ކުނި ކޮންޓެއިނަރައިޒްކުރުމާއި ބަންކައރިން ޚިދުމަތުގެ ތެރެއިން ބޯޓު ފަހަރުގެ ކުނި ނަގައިދިނުމުގެ ޚިދުމަތްވަނީ ފައްޓާފައެވެ.
ކ. ގުޅީގައި ވެމްކޯގެ ޚިދުމަތް ތަޢާރަފުކުރެއްވުމަކީ ކ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ގުޅިއަށް އެމަނިކުފާނު ވަޑައިގެން އެ ރަށު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެއްޓާ ރައްޓެހި ގޮތަކށް ކުނި މެނޭޖުކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވަން މަސައްކަތް ފައްޓަވައި، އެކަމަށްޓަކއި ކުނި އުފެދޭ ހިސާބުން ފެށިގެން ކުނި މެނޭޖުކުރާ ސަރަޙައްދީ މަރުކަޒުތަކާއި، ރައްކާތެރިކަމާއެކު ކުނި ނައްތައިލުމުގެ ނިޒާމު ޤާއިމުކުރެއްވުމަށް ޤައުމީ ޕްލޭނެއް ސަރުކާރުން އެކުލަވައިލައްވައި އިފުތިތާޙުކުރައްވާފައިވެއެވެ.