ENGLISH

26 ޖުލައި 2026

Advertisement

"ރާއްޖޭގެ މިނިވަންކަން ދުނިޔެއިން ބަލައިގަތުމުގެ ހުއްޖަތަކީ ދިވެހިންގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަން"

26 ޖުލައި 2026

|

އައިމިނަތު ޝަފާ

ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު

ދިވެހިންނަކީ މުސްތަޤިއްލު ބައެއްގެ ގޮތުގައި ދުނިޔޭގެ ކުރިމައްޗަށް ނުކުންނައިރު، އެކަން ބަލައިގަންނަ ބަލައިގަތުމުގެ އެންމެ ވަރުގަދަ ހުއްޖަތަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ މިނިވަންދުވަހަކީ ހަމައެކަނި ކަލަންޑަރުގެ ތާރީހެއް ނޫންކަމަށެވެ. މިއަދަކީ ގުރުބާނީގެ ދުވަހެއްކަމަށާއި އަދި މިއަދަކީ ސާފު ހިތަކާއި، ތެދު ނިޔަތަކާއި، ގަދަ ހިންމަތާއި މިންނަތުން ހާސިލުކުރެވުނު މިނިވަންކަމުގެ ހަނދާންތަކާއިގެން އައި ދުވަހެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި ސަރުކާރުން ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އެެންމެ ފުރަތަމަ ދުވަހުން ފެށިގެން އިސްކަންދީގެން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. 

"މި މުނާސަބަތު ފާހަގަކުރެވޭއިރު އިހުސާސްވާ އެންމެ ބޮޑު އެއް އުފަލަކީ، އަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ، މިނިވަންކަން ހިމާޔަތްކުރެއްވުމާއި ގައުމިއްޔަތު އާލާކޮށް ދެމެހެއްޓުމުގެ ވައުދަކާއެކު އިންތިޚާބުވެ ވަޑަގަތް ރައީސަކުކަމުގައި ވާކަން. މިއިން ކަށަވަރުކޮށްދެނީ، މި ގައުމުގެ މިނިވަންކަން ދެމެހެއްޓުމާއި އޭގެ ދާއިރާ ފުޅާކޮށް ކުރިއެރުވުމުގައި އެންމެ އިސްކަމެއް ދެނީ މި ސަރުކާރުންކަން،" ހީނާ ވިދާޅުވިއެވެ.

މި މޭރުމުން އެކަމަނާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ވިދާޅުވީ ގައުމެއްގެ މިނިވަންކަމަކީ ހަމައެކަނި ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫން ކަމަށާއި، އެއީ އެ ބައެއްގެ ކިބައިގައި ހުންނަ ވަކި ހާއްސަ ސިފަތަކަކަށް ދުނިޔެ އިއުތިރާފުވުން ކަމަށެވެ. އަދި ދިވެހިންނަކީ މުސްތަގިއްލު ބައެއްގެ ގޮތުގައި ދުނިޔޭގެ ކުރިމައްޗަށް ނުކުންނައިރު، އެކަން ބަލައިގަންނަ ބަލައިގަތުމުގެ އެންމެ ވަރުގަދަ ހުއްޖަތަކީ ރާއްޖޭގެ މުއްސަނދި ސަގާފަތާއި އަމިއްލަވަންތަކަން ކަމަށް ވިދާޅުވިއެވެ.

މިނިވަން މުނާސަބަތަށް 60 އަހަރު ފުރުނު ނަމަވެސް، ދިވެހި މިނިވަންކަމަކީ ހާސް އަހަރުން ގުނޭ ދިގު ތާރީހެއް އޮތް ކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިނިވަންކަން ދެމެހެއްޓުނު އަސްލާއި ސިއްރަކީ ޖީލުން ޖީލަށް އަމާނާތްތެރިކަމާއެކު ވާރުތަކުރި މިނިވަން ފިކުރު ކަމަށެވެ. އަދި މާޒީގެ ހިތްދަތި ތަޖުރިބާތަކާއި މުސްތަގުބަލުގެ ހިރާސްތައް ޒުވާން ޖީލުތަކުގެ ސިކުނޑިއަށް ވާސިލްކޮށްދެވުމަކީ މިނިވަންކަން ދެމިއޮތުމުގެ ސަބަބު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެންދިޔަ ތާރީހީ ހާދިސާތަކަށް އަލިއަޅުވާލައްވައި ވަޒީރު ވިދާޅުވީ މިނިވަންކަމަށް ބުރޫއެރި ކޮންމެ ފަހަރަކު އޭގެ ފަހަތުގައި ދިވެހިންގެ ބަޔަކު ހިމެނޭކަން ތާރީހުން ކަށަވަރުވާކަމަށެވެ. އެހެންކަމުން ގައުމީ މިނިވަންކަން ނެގެހެއްޓުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށް ހީނާ ވިދާޅުވިއެވެ.

މަރްހޫމް އިބްރާހީމް ޝިހާބުގެ ބަސްފުޅަކަށް ރިއާޔަތްކުރައްވައި، ވަޒީރު ވިދާޅުވީ މިނިވަންކަން ދެމިއޮންނާނީ އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓައިގެން ކަމަށެވެ. ގައުމުގެ ނަމުގައި ގޮވައިލެވޭ ހިނދު ލޯތްބާއެކު ސާފު ހިތަކުން އިޖާބަދިނުމަށާއި، ދެބަސްވާ ފިކުރުގެ ތެރެއިން ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބައިވަންތަވުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. 

އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ ގައުމިއްޔަތަށް އޭގެ ހައްގު މަގާމު ހޯދައިދިނުމަކީ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައި ގަބޫލުކޮށްގެން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު