ENGLISH

26 ޖުލައި 2026

Advertisement

"ތިބޭފުޅުން ކުރެހުމުގަައި ދެމިތިއްބަވާ، އަޅުގަނޑުމެން ތަންފީޒުކުރުމުގައި ދެމިތިބޭނަން"

26 ޖުލައި 2026

|

އައިމިނަތު ޝަފާ

ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ؛ ރައީސް އޮފީސް.

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވައި އިދިކޮޅު ފަރާތްތަކުން ކަރުދާހަށް ތިލަކޮށްގެންވިޔަސް ނުކުރެވި ހުރި ކަންކަން މި ސަރުކާރުން ތަންފީޒުކުރުމުގައި ދެމިތިބޭނެކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ. 

އަމީނީ މަގުގެ ތަރައްގީގެ މަޝްރޫއާ ގުޅުވައި އޭއައި ބޭނުންކޮށްގެން ކުރަަހާފައިވާ ފޮޓޯތަކެއްް އިދިކޮޅު ފަރާތްތަކުން ދައުރުކުރަމުން އަންނަ މި ދަނޑިވަޅުގައި އެ ފޮޓޯތަކާއެކު ފޭސްބުކުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ތަރުޖަމާނު ވިދާޅުވީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތުވެސް ތަރައްގީގެ 1400 މަޝްރޫއު ހިނގަމުންދާކަމަށެވެ.

މި ސަރުކާރުން ނިންމާ މަޝްރޫއުތަކުގެ ކްރެޑިޓް ނަގަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން އަންނަކަމަށް ވިދާޅުވެ ތަރުޖަމާނު ވިދާޅުވީ ކަންކުރަން ލިބުނު ފުރުސަތުގައި އިދިކޮޅު ފަރާތްތަކުން އެކަމެއް ނުކުރުމަކީ މި ސަރުކާރުގެ މައްސަލައެއް ނޫންކަމަށެވެ. ކަންކަން ތަންފީޒުކުރެވޭނީ އެއިރެއްގައި އޮންނަ ސަރުކާރަކަށްކަން ހާމަކުރައްވައި ތަރުޖަމާނު ވިދާޅުވީ މިވަގުތު ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތްކުރަމުންގެންދަނީ ވީހާވެސް ރަނގަޅަށް ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދެވޭތޯކަމަށެވެ. 

"މިވަގުތު މިކަން އަޅުގަނޑުމެން މިބަލަނީ ވީ އެންމެ ރަނގަޅަށް ކުރެވޭތޯ! ކުރެހުމުގަައި ދެމިތިއްބަވާ. އަޅުގަނޑުމެން ތަންފީޒުކުރުމުގައި ދެމިތިބޭނަން." ތަރުޖަމާނު ވިދާޅުވިއެވެ. 

މާލޭގެ ތަރައްގީއަށް އަމާޒުކޮށްގެން މި ސަރުކަރުން އަންނަނީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގިކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއާއެކު މާލޭގެ އެތެރޭގެ މަގުތައްވެސް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން މާލެ ވަށައިގެންވާ ބޮޑުތަކުރުފާނުމަގު ހެދުމުގެ މަސައްކަތް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އެމްޓީސީސީއާ ހަވާކޮށްގެން މި ސަރުކާރުން ނިންމާލީ އަންދާޒާކުރި ވަރަށްވުރެ އަވަހަށެވެ. މަގުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް އަންނަ ނޮވެމްބަރުގެ ނިޔަލަށް ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ. 

ކިޔުންތެރިންގެ ހިޔާލު