ENGLISH
26 ޖުލައި 2026
މިނިވަންކަމާއި ސަރަހައްދީ ނަޒާހަތް ދަމަހައްޓަން ގެނައި ދުސްތޫރީ އިސްލާހުތަކާ ދެކޮޅުހަދާ ސަބަބާމެދު ވިސްނައިލަންޖެހޭ: ރައީސް
26 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދިވެހި ދައުލަތުގެ ސަރަހައްދުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށް ގާނޫނުއަސާސީއަށް މި ސަރުކާރުން ގެންއި އިސްލާހުތަކާ އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދާ ސަބަބުތަކާމެދު ރައްޔިތުން ފުންކޮށް ވިސްނައިލަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހުގެ މުނާސަބާ އިހުތިފާލުކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިނިވަންކަމާއި އިސްތިގުލާލުގެ ހައްގަކީ ހުރިހާ ގަައުމަކަށް އެއް ހަމައަކަށް ލިބިފައި އޮންނަ ހައްގެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ގައުމުތަކުގެ ސަރަހައްދީ ނަޒާހަތް ދެމެހެއްޓުމަކީ ގައުމުތަކުގެ މިނިވަންކަން ނެގެހެއްޓުމުގެ އެންމެ މުހިއްމު އެއް އަސާސްކަމުގައި ދެކެވަޑައިގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ސަރަހައްދީ ނަޒާހަތް ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާތީ ސަރަހައްދުތަކާ ބެހޭ ހާއްސަ އޮފީހެއް ގާއިމުކުރައްވާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު އެ އޮފީހުގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ފާއިތުވި އެމްޑީޕީ ސަރުކާރުގައި ވަރަށް ފިނޑި ގޮތެއްގައި ޣައިރު ގާނޫނީ ގޮތެއްގައި ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލި ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން ދޫކޮށްލި ސަރަހައްދު އަނބުރާ ރާއްޖެއަށް އިއާދަކުރުމުގެ މަސައްކަތް މިއަދުގެ ސަރުކާރުންވަނީ ފަށާފައެވެ. މިހާރު އެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.
"މިދިޔަ އެމްޑީޕީ ސަރުކާރުން ޣައިރު ޤާނޫނީ ގޮތެއްގައި، ވަރަަށް ފިނޑި ގޮތެއްގައި، ވަރަށް ނޭނގާނީ ގޮތެއްގައި އަޅުގަަނޑުމެންގެ ކަނޑުން ބައެއް ސިއްރުސިއްރުން ދޫކޮށްލި ވަރަށް ބޭއިންސާފުވެރި ގޮތެއް. އެކަން ބަދަލުކޮށް ކަނޑުގެ އެބައި ހޯދުމުގެ މަސައްކަަތް އަޅުގަނޑުމެން މިވަނީ ފަށާފައި. އެއީ ގާނޫނީ ހަމަތަަކުން ބަލާއިރުގައި އަޅުގަނޑުމެންގެ ސަރަހައްދު. އެހެންވީމާ އެ ސަރަހައްދު ދޫކޮށްލުމުގައި ހިނގައިދިޔަ ކަންތަކުން އިންސާފު ލިބިގަތުމުގެ މަސައްކަަތް އަޅުގަނޑުމެން އެބަކުރަން،" ރައީސް ވިދާޅުވިއެވެ.
ފޯޅަވަހި ނުވަތަަ ޗާގޯސްއަކީ ދިވެހިރާއްޖޭގެ ތަނެއްކަން ތާރީހުން ފެންނަން އޮތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެތަން އެއްވެސް ބަޔަކާ ހަވާލުކުރާނަމަ ހަވާލުކުރަންޖެހޭނީ ދިވެހިރާއްޖެއާކަން ދިވެހިން ގަބޫލުކުރާކަމަށެވެ. އެސަބަބަށްޓަކައި އެކަމުގައި ކުރަންޖެހޭ މަޝްވަރާތައް ގައުމީ ރޫހެއްގައި ކުރިއަށްގެންދަވާކަމަށް ވިދާޅުވިއެވެ.
ގާނޫނާ ހިލާފަށް އެއްވެސް ހަމައެއް ނެތި ދިވެހިރާއްޖޭގެ ސަރަހައްދުން ބައިތައް ދޫކުރުމާއި، ގާނޫނީ އަސާސެއެް ނެތް ގޮތެއްގަައި ރާއްޖޭގައި ބޭރުގެ ސިފައިން ބޭތިއްބުންފަދަ ކަންކަން ހިނގާފައިވާތީ އެކަންކަމަށް ހައްލު ހޯދުމަކީ މި ސަރުކާރުން އިސްނެގި ސިޔާސަތުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މައްސަލަތައް ހައްލުކުރުމަށް ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަވާފައިވާ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތު ލިބިގެންނޫނީ ރާއްޖޭގެ ސަރަހައްދާއި، ކަނޑާއި، ހާއްސަ އިގުތިސާދީ ސަރަހައްދަށް ބަދަލެއް ނުގެނެވޭނެ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދެވަނަ އިސްލާހެއްގެ ގޮތުން، ދޭދޭ ގައުމުތަކާއެކު ހެދޭ އެއްބަސްވުންތަކުގެ ދަށުން އަސްކަރީ ތަމްރީނުތައް ފުރިހަމަކުރުމަށް ރާއްޖެއަށް އަންނަ ސިފައިން ފިޔަވައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ބޭނުމަކަށް ބޭރު ގައުމެއްގެ ސިފައިން ތިބޭނަމަ މަޖިލީހުގެ ހުއްދައެއް ހޯދަންޖެހޭ ގޮތަށް ގެންނެވި އިސްލާހުކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ހަމައެއާއެކު އަޅުގަނޑުމެން ގެނައި އިސްލާހަކީ އެއްބަސްވުމެއްގެ ދަށުން ބާއްވާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނޫނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ އަސްކަރީ ސިފައިންނަށް ހަރަކާތްތެރިނުވެވޭ ގޮތަށްވާނީ ބަދަލުކޮށްފަައި. ކުރިން އޮންނާނީ ބޭސްއެއް ހަދަންވެއްޖެއްޔާއޭ މަޖިލީހުން ރުހުން ހޯދަންޖެހޭނީ. އެހެންނަމަވެސް އަޅުގަނޑުމެން ބަދަލުކޮށްފައިވަނީ އެންމެ ބޫޓުކިނބައެއްވެސް މިތާ ބެހެއްޓޭނީ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެންކަމަށް. އެއީ އަޅުގަނޑުމެން ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް. މިކަމަށް ކީއްވެތޯ ސިޔާސީ އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދަނީ ބުއްދީގެ ހަމަތަކުން ވިސްނައިލަންޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިނިވަންކަމާއި ސަރަހައްދީ ނަޒާހަތްތެރިކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ސަރުކާރުން ގެންނަ އިސްލާހީ ބަދަލުތަކާ ދެކޮޅުހައްދަވާ ބޭފުޅުން އެބޭފުޅުން އެކަންކަމާ ދެކޮޅުހައްދަވާ ސަބަބުތަކާމެދު ޖަވާބުދާރީވާންޖެހޭނެ ކަމަށެވެ.