ENGLISH
26 ޖުލައި 2026
ކުރިނބީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް
26 ޖުލައި 2026
|
ކުރިނބީގައި ތަރައްގީކުރާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ހދ. ކުރިނބީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މިހާރު ކުރިއަށްދަނީ ބިން ކޮނުމާއި، ލީން ކޮންކްރީޓް އެޅުމުގެ އިތުރުން ފޫޓިންގްތަކުގެ ދަގަނޑު ބޭނުންކޮށްގެން ޝަޓަރިންގްގެ މަސައްކަތްތަކެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ހދ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ކުރިނބީ ރައްޔިތުންނާ ބައްދަލުކުރައްވައި ވައުދުވެވަޑައިގެންފައިވާ މުހިންމު މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސިއްހީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ނާޒިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
12.53 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކުރިނބީގައި ޒަމާނީ ފެންވަރުގެ ސިއްހީ މަރުކަޒެއް ބިނާކުރެވޭނެއެވެ. މި މަޝްރޫއުގެ ދަށުން ލެބޯޓްރީ، ވޯޑްތައް، ޕްރައިވެޓް ރޫމް، ޕްރޮސީޖާ ރޫމް، ނާސިން ސްޓޭޝަން، ގަރާޖު، ސްޓޯރޭޖް އަދި ޕަބްލިކް ހެލްތް ޔުނިޓެއް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އާ އިމާރާތުގެ މަސައްކަތް ނިމުމާއެކު، އެ ރަށުން 24 ގަޑިއިރުގެ ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.
މި މަޝްރޫއަކީ ކުރިނބީގެ ސިއްހީ ނިޒާމަށް އަންނާނެ ބޮޑު އިންގިލާބީ ބަދަލެއް ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.