ENGLISH
26 ޖުލައި 2026
ގޮނޑިކޮއްކޮ ހާރިޖީ ސިޔާސަތަކީ ދިވެހިންނަށް ރަނގަޅު ގޮތެއް ނޫން: ރައީސް
26 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާަ ޑރ.މުޙައްމަދު މުޢިއްޒުގެ ދެމަފިރިކަނބަލުން މިއަދުގެ މިނިވަންދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނައިރު ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ގޮނޑިކޮއްކޮ ހާރިޖީ ސިޔާސަތަކަަށްވުމަކީ ދިވެހިންނަށް ރަނގަޅު ގޮތެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ ރަަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ގޮތުން މިނިވަންކަން ލިބުމަކީ ގައުމެއް މިނިވަންވުމަށް ފުދޭ މިންވަރެއް ނޫން ކަމަށެވެ. ހާރިޖީ ގޮތުންނާއި، ދާހިލީ ސިޔާސަތު ހިންގުމުގައާއި ޝަރުއީ ނިޒާމު ބިނާކޮށް ހިންގުމުގައި މިނިވަންކަން އޮތުމާއި، އިގުތިސާދީ މިނިވަންކަން އޮތް ހިސާބާއި، ތަރައްގީއާއި ތަމައްދުންގެ މިނިވަންކަން އޮތް މިންވަރަކީ ގައުމެއްގައި މިނިވަންކަން އޮތް މިންވަރު ވަޒަންކުރުމުގައި ބަލަންޖެހޭ ކަންކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
އަދި މިހުރިހާ ކަމެއް ގުޅިފައިވަނީ އިސްލާމްދީނާއި ދިވެހިންގެ އަމިއްލަ ބަހާއި، ދިވެހިންގެ ސަގާފަތާއި އާަދަކާދައާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަންކަން އާލާކޮށް ދެމެހެއްޓުމަށް ހުރިހާ ދިވެހިންވެސް އަޒުމްް އާކޮށް، ހިންމަތްތެރިކަމާއި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި މި ސިފަތައް އާލާކުރުމުގައި އެންމެން އެކުވެރިވެ، އަމިއްލަ ނަފުސަށްވުރެ ގައުމު އިސްކޮށްގެން މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ދިވެހިންނަށް ރަނގަޅު ގޮތް ހޯދައިދިނުމަށް އިސްކަންދީ، ދިވެހިންނަށް ހެޔޮ ގޮތް ހޯދުމުގައި އެއްބާރުލުންދީ އެހީތެރިވާ ހުރިހާ ދައުލަތްތަކާއެކު ގާތް އެކުވެރި ގުޅުން ގާއިމުކޮށް އެކުގައި މަސައްކަތްކުރުންކަމަށާއި، އެ ސިޔާސަަތަށް އިނގިރޭސިބަހުން ދެއްވާ ނަންފުޅަކީ "މޯލްޑިވްސް ފަސްޓް ފޮރިން ޕޮލިސީ"ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މީގެ ކުރީގައި އެކި ނަންނަމުގައި ތަފާތު އެކި ހާރިޖީ ސިޔާސަތުތައް އެކި ސަރުކާރުތަކުން ތަންފީޒުކޮށް ހިންގާފައިވެއެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ބާރުވެރިކަން ދިވެހި ދައުލަތުގެ އަތްމަތީގައި ނެތް ދުވަސްތަކެއް ދިވެހި ތަޖުރިބާކޮށްފައިވާކަމަށާއި، އެފަދަ ގޮނޑިކޮއްކޮ ޚާރިޖީ ސިޔާސަތެއް ހިންގުމަކީ ރާއްޖެއަށް ރަނގަޅު ގޮތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިގައުމުގައި އެކި ސަރުކާރުތަކުން އެކިކަހަލަަ ފޮރިން ޕޮލިސީ ގެންްގުޅެފައިވޭ. އެހެން ބައެއްގެ އަތްދަށުގައި ނޫނީ އެބައެއްގެ ބާރުގެ ދަށުގައި ރާއްޖޭގެ ހާރިޖީ މިނިވަންކަން ގެންގުޅެފައިވާ ދުވަސްވަރެއްވެސް ގޮސްފައިވޭ. އާދައިގެ ބަހުން ދަންނަވާނަމަ ގޮނޑިކޮއްކޮ ހާރިޖީ ސިޔާސަތު. އެއީ މިގައުމަށް ހެޔޮ ގޮތެއް ނޫން. މިއީ ފަހުރުވެރި ދިވެހިންގެ ރާއްޖެ. މި ދިވެހިންގެ ރާއްޖޭގައި އިސްކުރާންޖެހޭނީ ދިވެހިން. އެއީ މި ސަރުކާރުގެ ސިޔާސަތު،" ރައީސް ވިދާޅުވިއެވެ.
އިސްރާއީލުން ފަލަސްޠީނު ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ދެމިގެންދާހާ ހިނދަކު އަދި މިއަދުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރެވެމުންދާހާ ހިނދަކު އިސްރާއީލާއެކު ގުޅުން ނޯންނާނެކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށް މިއަދުގެ ސަރުކާރުން ނިންމި ނިންމުން ދަމަހައްޓަވާނެ ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ އެމްޑީޕީން ރާއްޖޭގައި ވެރިކަންކުރި ކޮންމެ ފަހަރަކުވެސް ތަންފީޒުކުރީ ޕްރޯ-އިސްރާއީލު ސިޔާސަތެއް ކަމަށެވެ. އަރަބި އިސްލާމީ ގައުމުތަކާ ދުރުވެގަތް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ސިޔާސަތަކީ ދިވެހިންނާ ދޯޅު ދިވެހިން ބަލައިގަންނަ ސިޔާސަތެއް ނޫނެނެވެ.
"ދިވެހިންގެ ވިންދާ އިހުސާސާ ގުޅޭ ހާރިޖީ ސިޔާސަތަކީ ދިވެހިން އެކަމުގެ އުފާފާގަތިކަމާއި ހިތްހަމަޖެހުން ލިބިގަންްނަ ހާރިޖީ ސިޔާސަތު. އަރަބި އިސްލާމީ ގައުމުތަކާ ގާތް ގުޅުން އޮންނަ، ރާައްޖެއަށް ފައިދާވާނެ ގޮތުގައި އެހީތެރިވާނެ ހުރިހާ ގައުމުތަކާއެކުގައި، ކައިރީގައިވާ އަވައްޓެރި ގައުމުތައް އަދި ދުރުގައިވާ ގައުމުތައް ނަމަވެސް އެގައުމުތަކާ ގާތް ގުޅުމެއް ބޭއްވުން،" ރައީސް ވިދާޅުވިއެވެ.
ދިވެހިންނަކީ ސުލްހައަށް ލޯބިކުރާ ބަައެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހަނގުރާމަކުރުމާ އަބަދުވެސް ރާއްޖެއިން ދެކޮޅުވާނެ ކަމަަށެވެ. ހިޔާލުތަފާތުވުމަކީ ތަބީއީކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ މަޝްވަރާގެ ތެރެއިން އެފަދަ ދެބަސްވުންތަކަށް ހައްލުތައް ހޯދުން ކަމަށެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ޖަމްއިއްޔާ ސާކުގެ ހަރަކާތްތެރިކަމެއް ނެތި އަހަރުތަކެއްވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރަހައްދުގެ ތަރައްގީއާއި ސުލްހަވެރިކަމަށްޓަކައި އެ ޖަމްއިއްޔާ އަލުން ހަރަކާތްތެރިކުރުން މުހިއްމު ކަމަަށެވެ. ސާކު އޮޕަރޭޝަނަލް ކުރުމަށް ދެބަސްވުންތައް އޮތް ގައުމުތަކާމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރަން ދިވެހިރާއްޖެ ތައްޔާރަށް އޮތްކަމަަށް ރައީސް ވިދާޅުވިއެވެ.
އޯއައިސީގައި ރާއްޖެއިން އަދާކޮށްފައިވާ މުހިއްމު ދައުރު ފާހަގަކުރައްވަމުން ރައީސްވަނީ އެ ޖަމްއިއްޔާގައި ރާއްޖެއިން އަދާކޮށްފައިވާ ދައުރާމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.