ENGLISH

26 ޖުލައި 2026

Advertisement

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން 4 ބޭފުޅަކަށް

26 ޖުލައި 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އެރުއްވި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އާއިލާގެ ބޭފުޅުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. ފޮޓޯ؛ ރައީސް އޮފީސް.

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން 4 ބޭފުޅަކަށް އަރުވައިފިއެވެ.

މި 4 ބޭފުޅުންނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވަނީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ 4 ބޭފުޅުންނަކީ:-

* ޑރ. މުހައްމަދު ލަތީފް، މއ. ކިނބި، މާލެ.

* އަލްއުސްތާޛް އިބްރާހީމް ރަޝީދު މުސާ، ހ. މީރުބަހުރުގޭއާގެ، މާލެ.

* ހުސެއިން އަފީފް، މއ. ޗަމްޕާވިލާ، މާލެ.

* މުހައްމަދު މޫސާ، މއ.ޗަމްޕާމާގެ، މާލެ.

މި ބޭފުޅުންގެ ތެރެއިން ޑރ. މުހައްމަދު ލަތީފަކީ ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް ޑރ. ލަތީފް ވަނީ ގިނަ ހިދުމަތްތަކެއް ކުރައްވަފައެވެ. ޑރ. ލަތީފަކީ ރައީސް މައުމޫގެ ޒައާމަތުގައި ތައުލީމީ ވަޒީރުކަންވެސް ކުރައްވާފައެވެ.  ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ އެޑިޔުކޭޝަން މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވީވެސް ޑރ. ލަތީފެވެ. ޑރ. ލަތީފަކީ، ރާއްޖޭގެ ހާރިޖީ ދާއިރާގައިވެސް ހިދުމަތްކުރައްވައި، އެ ދާއިރާއިންވެސް ތަޖުރިބާ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. ޑރ. ލަތީފް އެންމެ ފަހުން ހުންނެވީ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރު ކަމުގެ މަގާމުގައެވެ.

އަލްއުސްތާޛް އިބްރާހީމް ރަޝީދު މުސާއަކީ ރާއްޖޭގައި އިސްލާމީ އިލްމު ފެތުރުއްވުމާއި އަރަބި- އިސްލާމީ ތައުލީމުގެ ދާއިރާއިން މީހުން ބިނާކުރެއްވުމަށާއި ދިވެހި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި ބޭފުޅެކެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، މިސުރުގެ އަލް ޖާމިޢުލް އަޒުހަރުން މަތީ ތަޢުލީމު ހާސިލު ކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު، ފުރަތަމަ އަދާކުރެއްވީ، މަޖީދިއްޔާ ސްކޫލުގެ ހިސާބު މުދައްރިސެއްގެ މަގާމެވެ. އިބްރާހީމް ރަޝީދު މޫސާއަކީ، ހިސާބު ޢިލްމުގެ ރޮނގުން ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ރައީސްކަމުގެ ވަރަށް ކުރީކޮޅުގައި، ރާއްޖޭގައި އުފެއްދެވި ޢަރަބި އިސްލާމީ ތަޢުލީމުދޭ މަދަރުސާ ކަމަށްވާ މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެއްދެވުމުގައި އެމަނިކުފާނުގެ ޙިއްޞާ ބޮޑެވެ. މަޢުހަދު ހިންގެވުމާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެބޮޑު އިސްކަމެއް ދެއްވީ، ރާއްޖޭގައި އޭރު އެކަށީގެންވާ ވަރަށް މީހުން ތައްޔާރުކުރެވިފައި ނުވާ އެކި ދާއިރާތަކުން މީހުން ބިނާކުރެއްވުމަށެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ދީނީ ރޮނގުން އެތައް ފޮތްތަކެއް އެކުލަވައިލައްވައި ޝާއިޢުކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، 11 ފޮތެއް ތަރުޖަމާ ކުރައްވައިފައިވާއިރު، ތަސްނީފު ކުރައްވައި ޝާއިއު ކުރައްވައިފައިވާ ފޮތްތަކުގެ އަދަދުވެސް ފަންސާހަށްވުރެ ގިނައެވެ. މީގެއިތުރުން، ދީނީ ތަފާތު އެތައް ޕުރޮގުރާމުތަކެއްވެސް ވަނީ ލިޔުއްވައި ތައްޔާރުކުރައްވައި، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ އަޑުފުޅުން ރެކޯޑުކޮށްދެއްވައިފައެވެ.

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވައި، އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވީ ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމުދޭ މުއައްސަސާ ކަމުގައިވާ މައުހަދުއްދިރާސާތިލް އިސްލާމިއްޔާގައި އަދި ފަހުން ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާގައެވެ. 17 ނޮވެންބަރު 2018 ގައި ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ކީރިތި ގުރްއާނާބެހޭ މަރުކަޒުގެ ރައީސް ކަމުގެ މަގާމުގައެވެ.

ނިޝާން މުލީގޭ އިއްޒަތުގެ ވެރިޔާ ޗަމްޕާ ހުސެއިން އަފީފަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށްދިނުމުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި މިއަދު މިދެކޭ ފަތުރުވެރިކަމުގެ ބިނާރުތައް ތަރައްގީކޮށް ކުރިއަށްގެންދެވުމުގައި ހީވާގިކަމާއެކު މަސައްކަތްކުރައްވާ ބޭފުޅެކެވެ. އަފީފަކީ ފަތުރުވެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމާއި، ތުރުވެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރުމުގެ ލަގަބާއި، ނިޝާން މުލީގޭ އިއްޒަތުގެ ވެރިޔާގެ ލަގަބުވެސް އަފީފަށް ދިވެހި ސަރުކާރުން ވަނީ އަރުވާފައެވެ. 

މިއަދު ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އެރުވި އެންމެ ފަހު ބޭފުޅަކީ މުހައްމަދު މޫސާ (އުއްޗު) އެވެ. މުހައްމަދު މޫސާއަކީ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ދަނޑުވެރިކަމުގެ ދާއިރާގައި މިހާރުވެސް ހިދުމަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. ނިޝާން މުލީގޭ އިއްޒަތުގެ ވެރިޔާ މުހައްމަދު މޫސާ ދަނޑުވެރިކަމުގެ ރޮނގުން ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި ސަރުކާރުން ވަނީ ތިމާވެށީގެ ފެހި ފަތް އޭނާއަށް އަރުވާފައެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް މުހައްމަދު މޫސާ ކޮށްދެއްވަމުން ގެންދަވާ އަގު ހުރި ހިދުމަތްތައް ފާހަގަކޮށް ދިވެހި ފަތުރުވެރިކަމަށް 50 އަހަރުފުރުމާ ދިމާކޮށް އޭނާއަށް ވަނީ "ޓުއަރިޒަމް ގޯލްޑް" އެވޯޑް އަރުވާފައެވެ. 

ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް އަރުވަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިންނާއި ގާނޫނު ނަންބަރު 1/97 ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު