ENGLISH
26 ޖުލައި 2026
އޯ.އައި.ސީން ކުރިއަރުވާ އިސްލާމީ އުސޫލުތަކަކީ ދިވެހިންގެ ހިތްތަކާ ގުޅިފައިވާކަމެއް: ރައީސް
26 ޖުލައި 2026
|
އޯ.އައި.ސީގެ ބައްދަލުވުމެެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛ ރައީސް އޮފީސް.
އެންމެ މަޤްބޫލު
ދިވެހިރާއްޖެއާއި އޯ.އައި.ސީއާ ދެމެދު އޮންނަ ގުޅުމަކީ ހަމައެކަނި އާންމު އުޞޫލުން އޮންނަ އާދައިގެ ގުޅުމަކަށްވުރެ ހަރުދަނާ ގުޅުމެއްކަމަށާއި، އެ ޖަމާޢަތުން ކުރިއަރުވާ އިސްލާމީ އުޞޫލުތަކާއި އިންޞާފުވެރިކަމަކީ ދިވެހި ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ ކަންތައްތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނުނުތާ 50 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅިގެން ފޮނުއްވި ހާއްސަ މެސެޖެއްގައެވެ.
އޯ.އައި.ސީގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނުނުތާ 50 އަހަރު ފުރުން ފާހަގަކުރަމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މުސްލިމު ޤައުމުތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގައާއި، ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އިސްލާމީ އުއްމަތް ސަލާމަތްކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގައި އޯ.އައި.ސީން އަދާކުރަމުންދާ ދެމެހެއްޓެނިވި ދައުރުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ބައި ޤަރުނު ފާއިތުވެގެން ދިޔައިރުވެސް، ބައިނަލްއަޤްވާމީ އިސްލާމީ މުޖުތަމަޢުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ މުހިންމުކަން ކުޑަނުވާކަން ފާހަގަކުރައްވައި، އަދުގެ ދުނިޔޭގައި އެ ޖަމާޢަތުގެ މުހިންމުކަމާއި ބޭނުންތެރިކަން ދެމިއޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޯ.އައި.ސީ އުފެދުނުތާ ދިހަ އަހަރު ނުވަނީސް، 20 ޖުލައި 1976 ގައި އެ ޖަމާޢަތުގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ބަލައިގަތުމުގެ ހަނދާންތައް އައުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެކަމަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި މިއީ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤުލާލަށް އިޙްތިރާމްކުރުމާއި، އެއްބައިވަންތަކަމާއި، މެންބަރު ޤައުމުތަކުގެ ތަރައްޤީއަށް އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްގެ ފެށުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފާއިތުވި 50 އަހަރުގެ ތެރޭގައި، އިސްލާމިކް ސަމިޓްތަކުގައާއި، ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ ބައްދަލުވުންތަކުގައާއި، އެނޫންވެސް މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެ، އޯ.އައި.ސީގެ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ފުޅާ ދާއިރާއެއްގައި ޙިއްޞާވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މޫސުމީ ނޭދެވޭ ބަދަލުތަކުން އަރައިގަތުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިސްލާމިކް ފައިނޭންސް އަދި އޯ.އައި.ސީގެ މަސައްކަތްތައް ހަރުދަނާކުރުން ފަދަ މުހިންމު ކަންކަމުގައި ދިވެހި ޑިޕްލޮމެޓުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި އޯ.އައި.ސީއާ ދެމެދު އޮންނަ ގުޅުމަކީ ހަމައެކަނި ޢާންމު އުޞޫލުން އޮންނަ އާދައިގެ ގުޅުމަކަށްވުރެ ހަރުދަނާ ގުޅުމެއްކަމަށާއި، އެ ޖަމާޢަތުން ކުރިއަރުވާ އިސްލާމީ އުޞޫލުތަކާއި އިންޞާފުވެރިކަމަކީ ދިވެހި ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ ކަންތައްތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ ހެއްކެއްގެ ގޮތުގައި، ފަލަސްޠީނު ރައްޔިތުންގެ ނިގުޅައިގަނެވިފައިވާ ޙައްޤުތަކަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތުކުރަމުންދާ ދިއުމާއި، ރޮހިންޔާ މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމު މުޖުތަމަޢުތަކަށް އިންޞާފު ހޯދައިދިނުމަށް ދިވެހިރާއްޖެއިން ގޮވާލަމުންދާ ގޮވާލުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، އޯ.އައި.ސީގެ މަޤްޞަދުތައް ޙާޞިލުކުރުމަށާއި މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތުކަން ތަކުރާރުކުރެއްވިއެވެ. އަދި މިއަދު އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޢަމަލީގޮތުން، ހާލަތާއި ވަގުތާގުޅޭ، އަދި ނަތީޖާ ނެރެދެވޭނެ ޙައްލުތަކެއް ހޯދުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.