ENGLISH

28 އޭޕްރީލު 2026

Advertisement

މައްސަލަތަކަށް ފާޑުކިޔުމާއި ދަޮގު މައުލޫމާތު ފަތުރައި އަބުރު ކަތިލުމަކީ ތަފާތު ދެ ކަމެއް: ޑރ.ޝަހީމު

28 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ޑރ.ޝަހީމް އަލީ ސައީދު

މިނިވަން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން މައްސަލަަތަކަށް ފާޑުކިޔުމާއި، ދޮގު ހަބަރު ފަތުރައިގެން މީހުންގެ އަބުރު ކަތިލުމަކީ ތަފާތު ދެ ކަމެއް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ ކާކުކަން ނޭނގޭ ގޮތަށް އަންހެނަކު އަރުވައިގެން ރައީސްގެ މައްޗަަށް ޤަޛުފުކުރުވި މައްސަލައިގަ އަދަދު ނޫހާ ދެކޮޅަށް ހިންގަމުންދާ ޖިނާއީ ތަހުގީގުގައި ފުލުހުން އެ ނޫހުގެ އޮފީހަށް ވަނުމާ ގުޅިގެން މީސްމީޑިޔާގައި ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވައި އެކްސްގައި އެމަނިކުފާނު ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. 

ރާއްޖޭގައި ދުސްތޫރީ ގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުވެފައި އޮތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން އޮތްކަން ގަބޫލުކުރައްވާކަމަަށާއި، އެ މިނިވަންކަން ހިމާޔަތްކޮށް އިތުރަށް ވަރުގަދަކުރަންޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖެ އޮންނަންޖެހޭނީ ނޫސްވެރިކަމުގެ މަތީ މިންގަނޑުތަކެއް ހިފަހައްޓާ ގައުމެއް ގޮތުގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

"ނަމަވެސް މުޖުތަމައުގައި ބޭއިންސާފާއި، އަނިޔާއާއި ކޮރަޕްޝަނާ ދެކޮޅަށް ނުހަނު މުހިއްމު ދައުރެއް އަދާކުރާ ކަމަކަށް ނޫސްވެރިކަންވާތީ އެކަމުގައި އެ މަސައްކަތްކުރަންޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށް ދެކެން،" ވަޒީރު ވިދާޅުވިއެވެ. 

ދައުލަތުގެ ފެންވަރުގައި ނޫސްވެރިކަމަށް ހިމާޔަތާއި ރައްކާތެރިކަން އޮންނަންވާނެ ކަމުގައި ވިދާޅުވެ ވަޒީރު ފާހަގަކުރެއްވީ ނޫސްވެރިކަމަކީ މީހުންގެ ކަރާމަތާއި އިއްޒަތަށް ގެއްލުންދީ އިސްލާމްދީނާއި ގާނޫނުއަސާސީގެ އިމުން ބޭރުން މީހުންނަށް ގަނާކޮށް، އަނބުރު ކަތިލުމަށް ބޭނުންކުރެވޭ ސިޔާސީ އާލަތަކަށް ނޫސްވެރިކަން ބަދަލުކުރުމުން އޭގެ ގެއްލުން ލިބެނީ މުޖުތަމައަށް ކަމަށެވެ. އަހުލާގީ އަދި ޕްރޮފެޝަނަލް ނޫސްވެރިކަމަކީ މުޖުތަމައުގެ ހަމަޖެހުމާއި ސަލާމަތް ރައްކާތެރިކޮށްދޭ ކަަމަކަށްވާތީ، އެ ބާވަަތުގެ ނޫސްވެރިކަން ހިމާޔަތްކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ނޫސްވެރިކަމަށް ރައީސް ޑރ.މުއިއްޒު ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމަށާއި، އެކަމުގެ އެއް ހެއްކަކީ ހަފުތާއަކު އެއް ދުވަހު އެމނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވައި ސީދާ ނޫސްވެރިންނަށް ޖަވާބުދެއްވަމުންދާ ކަމށެވެ. ދެފުށްފެންނަ ވެރިކަން ކުރިއަރުވައި، މައުލޫމާތު ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މިހާރަކަށް އައި ބައެއް ނޫސްތަކާއި ޓީވީ ޗެނަލްތަކާއި މީސްމީޑިޔާ އެކައުންޓުތަކުން ރައީސާއި އެމަނިކުފާނުގެ އާއިލާއާއި ވަޒީރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް އަމާޒުކޮށް، މީގެ ކުރިން ދުވަހަކުވެސް މީޑިޔާއިން ނުކުރާ ކަންކަން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަދުލަށް ލޯބިކުރާ އެކަކުވެސް އެފަދަ ކަންކަން ބަލައިނުގަންނާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މައްސަލަތަކަށް ފާޑުކިޔުމާއި ޒާތީ ހަމަލާތައް ދީ އަބުރު ކަތިލުމަކީ ތަފާތު ދެ ކަމެއް ކަމަށެވެ. 

މީހުންގެ އަބުރަށް ގެއްލުންދީ، އަނިޔާވެރި ބަހުރުވަ މީހުންނާމެދު ބޭނުންކޮށް، ދޮގު މައުލޫމާތު ފެތުރުމަކީ ކީރިތި ޤުރުއާނާއި ނަބަވީ އިރުޝާދުތަކުގައި މަނާވެގެންވާ ކަމެއް ކަމުގައި ފާޙަގަކުރައްވައި ޑރ.ޝަހީމު ވިދާޅުވީ މީހެއްގެ ގަދަރާއި އަބުރަކީ އެމީހެއްގެ އެންމެ އަގުހުރި ރައުސުލްމާލަށްވާއިރު، އެކަންކަން ހިމާޔަތްކުރުމަކީ އިސްލާމީ ޝަރީއަތުގެ އެންމެ މަތީ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ މިހަމަތަކުގެ މަތީން ނޫސްވެރިކަމާއި ހިލާފު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންޖެހޭނީ ގާނޫނުއަސާސީއާއި އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި ކަމަަށެވެ. ވަޒީރު ވިދާޅުވީ  ޒިންމާދާރު ނޫސްވެރިން ކުރާ މަސައްކަތްތައް ބަލައިގަންނަންޖެހޭކަމަށާއި، މުޖުތަމައަށް އެއިން ފައިދާވާނެހެން އަދި މީހުންގެ އަބުރު ހިމާޔަތްކުރެވޭ ގޮތަށް ބިނާކުރަނަަވި ފާޑުކިޔުމާއި މައުޟޫޢީ ވިސްނުމާއެކު ކުރެވޭ ނޫސްވެރިކަމަށް ހިތްވަރުދޭންޖެހޭކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު