ENGLISH

28 އޭޕްރީލު 2026

Advertisement

ރަސްމާލެ މަޝްރޫއު ހިންގަން މަޖުބޫރު، އެ މަޝްރޫއާ ނުލާ ބޯހިޔާވަހިކަން ނުހޯދޭނެ: މުއްތަލިބް

28 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ވަޒީރު ޑރ. މުއްޠަލިބް މަޖިލީހުގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލިސް

ރަސްމާލެ މަޝްރޫއު ހިންގަން މަޖުބޫރުކަމަށާއި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ހައްލު ނުހޯދޭނެކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒިރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން ގުޅިފަޅާއި ގިރާވަރުފަޅު އަދި ހުލުމާލެ ތިންވަނަ ފިޔަވަހި އާބާދުކުރުމުގެ މަސައްކަތް އޮތްއިރު، ރަސްމާލެ ޕްރޮޖެކްޓަށް އިސްކަން ދީގެން ކުރިއަށްގެންދާ ސަބަބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނެވެ. 

ވަޒީރު ވިދާޅުވީ ގުޅިފަޅާއި ގިރާވަރުފަޅު އަދި ހުލުމާލެ ތިންވަނަ ފިޔަވަހި އާބާދުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ. 

ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެތަންތާނގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ ވީހާވެސް އަވަހަށް ޤާއިމުކޮށް ރައްޔިތުންނަށް ދިރުއުޅެވޭނެ މަގު ފަހިކޮށްދިނުމަށްކަމަށް ވަޒީރު ވިދާޅުވި އެވެ. މި މަސައްކަތަކީ ވަރަށް ބޮޑު ހޭދައެއް އެކަމަށް ކުރަންޖެހޭ މަސައްކަތަކަށްވާއިރު، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އެކަމަށް ފައިސާ ހޯދުމަށް ގިނަ ދަތިތަކެއް ހުރިކަމަށް ވިދާޅުވެ ވަޒީރު ވަނީ މަސައްކަތްތައް އަވަސްކުރުމަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެ މަސައްކަތްތައް ކުރުމަށް ނިންމައި އެކަމުގެ ތައްޔާރީތައް ވަމުންދާކަން ފާހަގަކުރައްވާފަ އެވެ. 

ރަސްމާލެއަކީ މުސްތަޤުބަލަށް އޮތް ޕްލޭންކަން ފާހަގަކުރައްވައި ފްލެޓް އެޅުމަށް ޖާގަ ހޯދުމަށްވެސް އޮތީ މަދު ބިންތަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ގުޅިފަޅު، ގިރާވަރުފަޅު، ހުޅުމާލެ 3، މި ތަންތަނުގައި މިހާރު ބިމެއް ނެތް އިތުރަށް ދޭކަން. ގިނަވެގެން ކުރިމަގުގައި ދެވޭނީ 12،000 ފްލެޓް. އެހެންވީމަ ރަސްމާލެއަކީ މުސްތަޤުބަލަށް ރިއާޔަތްކޮށް ހިންގަން މަޖުބޫރު މަޝްރޫއުއެއް. ރައީސްގެ ތަޞައްވުރަކީ 20 އަހަރުގެ ޕްލޭނެއް. މިއީ ހިންގަން މަޖުބޫރު މަޝްރޫޢެއް،". ވަޒީރު ވިދާޅުވި އެވެ.  

ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދށ ރަސްމާލެ މަޝްރޫޢުގައި ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ތިން ހަތަރު ސަރަޙައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު ބައެއް ސެގްމަންޓްތައް ވަނީ އެއްކޮށް ހިއްކާ ނިންމާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލޭގައި ހިއްކޭ ބިމުން 15،000 ގޯތި ދޫކުރުމަށް ނިންމާ އެކަން އިއުލާނު ކުރައްވާފަ އެވެ.

ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1،009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު