ENGLISH
28 އޭޕްރީލު 2026
ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި
28 އޭޕްރީލު 2026
|
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ ޢަލީއާ ބައްދަލުކުރެއްވުން. ފޮޓޯ؛ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، މި ދާއިރާއިން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ ޢަލީއާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
ފުލުހުންގެ ހިދުމަތުން ބުނީ މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. މީގެ އިތުރުން، މި ދާއިރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ނަފްސާނީ ބަލިތަކާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ކޮމިޝަނަރ ވަޒީރާ ހިއްސާކުރެއްވިކަމަށެވެ.
މި ބައްދަލުވުމުގައި، ހުރިހާ އުމުރުފުރާތަކަކަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފެށުމާއި، ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލަސްނުވެ އެންމެ ފުރިހަމަ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ހިޔާލު ބަދަލުކުރައްވާފަ އެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ގީލާ ޢަލީއާ ބައްދަލުކުރެއްވުން. ފޮޓޯ؛ފުލުހުންގެ އިދާރާ
ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލައަކީ ދިވެހި މުޖުތަމަޢުގައި ބޮޑުވަމުން އަންނަ، އެހެންނަމަވެސް އެކަށީގެންވާ ފަރުވާގެ ނިޒާމު މިހާތަނަށް ޤާއިމުކުރެވިފައިނުވާ މައްސަލައެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން ކުރިއަށްގެންދާއިރު ނަފްސާނީ އެތައް ބަލިމަޑުކަމެއްގެ އަސްލުކަމަށް ވެފައި އޮތް ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި އެފަދަ މައްސަލަތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމަށް އެންޓި ބުލީ ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ވަނީ ފަށާފަ އެވެ.
ބުލީގެ ޝިކާރައަކަށްވެ، މީހުންގެ ފުރާނަދާ ހިސާބަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ކަންކަން ގޮސްފައިވާއިރު މިފަހުން ހިނގި މިފަދަ ހާދިސާތަކަކާއެކު އާންމުން ދަނީ އެފަދަ ކަންކަމުގައި ދުރާލާ ފިޔަވަޅު އެޅުމަށާއި ބުލީކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުން ނެވެ.