ENGLISH

28 އޭޕްރީލު 2026

Advertisement

ޑރ. މޫސާ އަންވަރުގެ ޕޯސްޓުން ޤަޒުފުގެ ނުބައިކަން

28 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. މޫސާ އަންވަރު ހަސަން

ޤަޒުފުކުރުމުގެ ނުބައިކަމާއި އޭގެ ނުރައްކާތެރިކަން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. މޫސާ އަންވަރު ހަސަން އާއްމުންނަށް ތިލަކޮށްދެެއްވައިފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި ސާބިތުނުހިފޭ ވާހަކަތަކެއް އަޅުވައި "އަދަދު" ނޫހުން ނެރުނު ޑޮކިއުމަންޓްރީގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން ނެވެ. 

އަދި ރައީސް ވަނީ "އަދަދު" ނޫހުން ނެރުނު ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތުކޮށްފައިވާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ އެ ވާހަކަތައް ފެތުރި ފަރާތްތަކާ ދެކޮޅަށް ދަޢުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

މީގެ ކުރިން ވެސް ހަމަ އެ ނޫހުން އެމަނިކުފާނާ ގުޅުވައި ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރާފައިވާ ކަމަށް ވިދާޅުވެ މިފަހަރުގެ އަމަލުގެ ސަބަބުން ހައިރާންވެވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ދަނޑިވަޅުގައި ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ޑރ. މުސާ އަންވަރު ހަސަން ވަނީ ޤަޒުފުގެ ނުބައިކަން ހާމަކޮށްދެއްވައި ޕޯސްޓެއް އާއްމުކުރައްވާފަ އެވެ. 

ޤަޒުފުކުރުން!

ޤަޒުފުކުރުމަކީ (މީހެއްގެ އަބުރަށް އަރައިގަނެ، ޒިނޭގެ ތުހުމަތު އެޅުވުމަކީ) އިސްލާމްދީނުގައި ނުހަނު ބޮޑުވެގެންވާ ފާފައެކެވެ. މިއީ މުޖުތަމައުގެ މަސްލަހަތު ގެއްލި، އާއިލާތަކުގެ އަބުރު ކަތިލެވެގެންދާ ކަމަކަށްވާތީ، ޝަރީޢަތާއި ޤާނޫނުގައި މިކަމަށް ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައިވެއެވެ. ޤަޒުފުކުރުމުގެ ނުބައިކަން ތިރީގައިވާ ބައިތަކުން ސާފުވެއެވެ.

ޤަޒުފުކުރުމުގެ ކުށަކީ އިސްލާމީ ފިޤުހު އިލްމުވެރިންގެ ނަޒަރުގައި "މަޤާޞިދުއް ޝަރީޢާ" ނުވަތަ ދީނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ "ނަސްލާއި އަބުރު ހިމާޔަތްކުރުން" މި އަސާސާ ސީދާ ގުޅިފައިވާ ކަމެކެވެ.

ޢިލްމުވެރިން ޤަޒުފު މާނަކުރައްވަނީ: "ޒިނޭގެ ތުހުމަތުން ނުވަތަ ނަސަބު ނަފީކުރުމުގެ ގޮތުން މީހަކަށް ބަހެއް ބުނުން" ކަމަށެވެ.

މީގެ ތެރޭގައި ސީދާ ބަހުން ބުނުމާއި، އިޝާރާތުން ނުވަތަ ދޭހަވާ ގޮތަށް ބުނުންވެސް ހިމެނޭކަމަށް މޫސާ އަންވަރު ވިދާޅުވި އެވެ. މޫސާ އަންވަރު ވަނީ މި އަމަލުގެ ނުބައިކަން ނައްސުތަކުން ތަފްސީލުކޮށްދެއްވާފަ އެވެ.

1. ކީރިތި ޤުރްއާނުގެ އަލީގައި:

ކީރިތި ޤުރްއާނުގައި ޤަޒުފުކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައިވެސް ލައުނަތްލައްވާފައިވާކަން ބަޔާންކުރައްވާފައިވެއެވެ. ސޫރަތުއް ނޫރުގެ 23 ވަނަ އާޔަތުގައިވެއެވެ. ‎﴿إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ﴾‏ މާނައީ: "ހަމަކަށަވަރުން، عفة ތެރި، غفلة ތެރި (އެބަހީ: ފާފަކުރުމުގެ خيال ވެސްނެތް) مؤمن އަންހެނުންނަށް قذف ކުރާ މީހުންނަށް، ދުނިޔެއާއި، آخرة ގައި لعنة ލައްވާފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ." މީގެ އިތުރުން، ޤަޒުފުކުރާ މީހުންގެ މައްޗަށް 80 އެތިފަހަރުން ޙައްދު ޖެހުމަށާއި، އެމީހުންގެ ހެކިބަސް ދުވަހަކުވެސް ގަބޫލުނުކުރުމަށް ޤުރްއާނުގައި އަމުރުކުރައްވާފައި ވެއެވެ.

2. ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގެ އަލީގައި:

ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ހަލާކުކޮށްލަނިވި ހަތް ފާފައެއްގެ (الموبقات السبع) ތެރޭގައި ޤަޒުފުކުރުން ހިމަނުއްވާފައެވެ. އެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުން ހަލާކުކޮށްލަނިވި ހަތް ފާފައަކުން ދުރުހެލިވާށެވެ!" އޭގެ ތެރޭގައި "ފާފައަކުން ބަރީއަވެގެންވާ މުއުމިނު އަންހެނުންނަށް ޤަޒުފުކުރުން" އެކަލޭގެފާނު ހިމެނުއްވިއެވެ. (ބުޚާރީ އަދި މުސްލިމް)

3. ޢިލްމުވެރިންގެ ބަސްފުޅުތައް:

ޢިލްމުވެރިން އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި ޤަޒުފަކީ ބޮޑެތި ފާފަތަކުގެ (الكبائر) ތެރެއިން ހިމެނޭ ކަމެކެވެ.އިމާމް ނަވަވީ، ވިދާޅުވަނީ ޤަޒުފުކުރުމަކީ އިންސާނާގެ އަބުރަށް އަރައިގަތުން ކަމަށާއި، އެއީ މުޖުތަމައުގައި ފިތުނަ އުފެދިގެންދާ ކަމެއް ކަމަށެވެ.

ޢިލްމުވެރިންގެ ނަޒަރުގައި ޤަޒުފުކުރާ މީހާ ތައުބާވި ނަމަވެސް، އޭނާގެ ހެކިބަސް ގަބޫލުކުރުމާ މެދު އިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް ހުންނަކަމަށާއި މިއީ އެކަމުގެ ނުބައިކަން ބޮޑުކަމުންކަމަށް ޑރ. އަންވަރު ވިދާޅުވި އެވެ.

4. ޤާނޫނީ ގޮތުން (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޤަޒުފުކުރުމަކީ ކުށެކެވެ. އިސްލާމީ ޝަރީއަތުގައިވާ ފަދައިން، ރާއްޖޭގެ ގާނޫނުގައިވެސް މިކަމަށް އޮންނަނީ "ޙައްދު" އެވެ.

އަދަބު: ޤަޒުފުގެ ކުށް ސާބިތުވެއްޖެ މީހެއްގެ މައްޗަށް 80 އެތިފަހަރުން ޖަލްދުކުރުން (ބުރަކަށީގައި ތެޅުން) ޙައްދު ގާއިމުކުރަންޖެހެއެވެ.

ޝަރުތު: ޤަޒުފުގެ ދައުވާ ސާބިތުކުރުމަށްޓަކައި، އެ ތުހުމަތު ކުރި މީހަކު އެކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. ސާބިތުކޮށްނުދެވިއްޖެނަމަ، އޭނާގެ މައްޗަށް ޙައްދު ހިނގާނެއެވެ.

ޚުލާސާ: ޤަޒުފުކުރުމަކީ ހަމައެކަނި ދުލުން ބުނެލާ ބަހެއް ނޫނެވެ. އެއީ:

އާޚިރަތުގައި: ބޮޑުވެގެންވާ އަޒާބު ހުރި ކަމެކެވެ.

ދުނިޔޭގައި: 80 އެތިފަހަރުގެ ޙައްދުޖެހި، އެފަދަ މީހުންގެ އިތުބާރު ގެއްލިގެންދާ (ހެކިބަސް ގަބޫލުނުކުރެވޭ) ކަމެކެވެ.

މުޖުތަމައު ފާސާދުވުން ހުއްޓުވުން: ހެއްކެއް ނެތި ތުހުމަތު ކުރުމުގެ ދޮރު ހުޅުވިއްޖެނަމަ، މީހުންގެ މެދުގައި އޮންނަ އިތުބާރު ގެއްލި، ބަދަލުހިފުމުގެ ރޫހު އުފެދޭނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ "البيّنة أو حدّ في ظهرك" މާނައީ: "ހެކި ދައްކާށެވެ! ނޫންނަމަ ތިބާގެ ބުރަކަށީގައި ޙައްދު ޖެހޭނެއެވެ." މިއީ އިސްލާމީ އަދުލުގެ ނިޒާމުގައި އަބުރު ހިމާޔަތްކުރުމަށް އޮތް ވަރުގަދަ އުސޫލެކެވެ.

ޒަމާނީ ވަސީލަތްތަކުން ކުރެވޭ ޤަޒުފު:

ޑރ. އަންވަރު ވިދާޅުވީ ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް އަރައިގަނެ، ޒިނޭގެ ތުހުމަތުކުރުމަކީވެސް ހަމަ ޤަޒުފުގެ ތެރޭގައި ހިމެނޭނެ ކަމެއްކަމަށް މިއަދުގެ އިލްމުވެރިން ހާމަކުރައްވާ ކަމަށެވެ. މިފަދަ ޕޯސްޓްތައް ލިޔާ މީހުންނާއި، އެ ޝެއާކުރާ މީހުންވެސް މި ނުރައްކާތެރި ފާފައަށް ހުށަހެޅިގެންދާނެކަމަށް ވިދާޅުވި އެވެ.

ޤަޒުފުގެ ނުބައިކަން ބޮޑީ އެކަމުގެ ސަބަބުން މީހެއްގެ މުޅި ދިރިއުޅުން ހަލާކުވެ، އާއިލާ ރޫޅި، އަދި މުޖުތަމައުގައި އޮންނަންޖެހޭ އަމާންކަން ގެއްލިގެންދާތީކަމަށް ވިދާޅުވެ އިސްލާމީ ޝަރީޢަތުން މިކަމަށް ހަރުކަށި އަދަބު ކަނޑައަޅާފައިވަނީ އިންސާނީ ކަރާމާތް ހިމާޔަތްކުރުމުގެ މަތިވެރި މަގުސަދުގައިކަމަށް ޑރ. އަންވަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު