ENGLISH
28 އޭޕްރީލު 2026
ތޫފާން އަންނަކަން ދެނެގަތުމަށް ފިޖީގައި ބޭނުންކުރާ އާދަޔާޚިލާފު ގޮތްތައް
28 އޭޕްރީލު 2026
|
ތޫފާން އަންނަކަން ދެނެގަތުމަށް ބޭނުން ކުރާ އާދަޔާޚިލާފު ގޮތްތައް-- ފޮޓޯ: ބީބީސީ
އެންމެ މަޤްބޫލު
ޖުލައި މަހަކީ ފިޖީގެ ދަނޑުވެރިން ހައްދާ ބިލެތްކައްޓަލަ ގަހަށް ވަރަށް ފަރުވާތެރިކަމާއެކު ބަލަން ފަށާ މަހެކެވެ. ބިލެތްކައްޓަލަ ގަސްތަކުގެ މޫތައް ބިމު އަޑީގައި ފެތުރެމުންދާނަމަ، އޭގެ މާނައަކީ ނޮވެމްބަރު މަހާއި އޭޕްރީލް މަހާ ދެމެދު، ތޫފާނެއް އައުމުގެ ފުރުސަތު ބޮޑުކަމެވެ. ނަމަވެސް، އެ މޫތައް މައްޗަށް މިސްރާބު ޖަހާނަމަ، ތޫފާނެއް އައުމުގެ ފުރުސަތު ކުޑަ ކަމަށް ފިޖީގެ ދަނޑުވެރިން ގަބޫލްކުރެ އެވެ.
ފިޖީގެ ދެވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ ވަނުއާ ލެވޫގެ ޖަންގަލިތަކުގެ ތެރޭގައި އޮންނަ، ރާޑުއާ ނަމަކަށް ކިޔާ މީހާގެ ދަނޑަކީ ފެހިކަން ގަދަ ތަނެކެވެ. އެތަނުގައި ހުރި ކޮންމެ ގަހެއް ވެސް އިންދާފައިވަނީ ވަކި ތަރުތީބަކުންނެވެ.
ފިޖީގެ އިހުގެ ތިމާވެށީގެ އިލްމުގައި ބިލެތްކައްޓަލަ ގަހުގެ މޫތަކަކީ މޫސުމީ ނުރައްކާތައް ދެނެގަތުމަށް ބޭނުންކުރާ ގުދުރަތީ ވަސީލަތެކެވެ. މިއީ އެ ގައުމުގެ އަސްލު ވަޒަންވެރިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އިލްމެކެވެ. ރާޑުއާގެ ގަހުގެ މޫތައް ބިންގަނޑު ވަށާ ބައްދާލަނީ ގަދަ ވަޔާއި ތޫފާނުން ސަލާމަތްވުމަށްޓަކަ އެވެ. މިއީ ގުދުރަތުގެ ނިޒާމެވެ.
ފީޖީގެ ދަނޑުވެރިއެއްކަމަށްވާ ރާޑުއާ-- ފޮޓޯ: ބީބީސީ
ފިޖީގެ ގިނަ ބަޔަކު، ޚާއްޞަކޮށް ދޮށީ އުމުރުގެ މީހުން ގަބޫލުކުރާ ގޮތުގައި ދޮންކެޔޮ، މާމުއި ކުޅަނދުރު އަދި ބަނބުކެޔޮ ފަދަ ގަސްތަކުން ވެސް މޫސުން ލަފާކުރާ ގޮތް އަންގައިދެ އެވެ. ޒަމާނީ ޓެކްނޮލޮޖީގެ ކުރިން، މުޅި ދުނިޔޭގައި ވެސް ގުދުރަތީ ކާރިސާތައް ދެނެގަތުމަށް ބޭނުންކުރީ މިފަދަ ނިޝާންތަކެވެ. ނަމަވެސް، ފާއިތުވި ގަރުނުގައި ސެޓެލައިޓާއި ރާޑާ ފަދަ ވަސީލަތްތަކުގެ ސަބަބުން މޫސުން ލަފާކުރުން ވަނީ ވަރަށް ބޮޑަށް ކުރިއަރާފަ އެވެ.
ޕެސިފިކްގައި މިހާރު އަންނަނީ ޒަމާނީ ވަސީލަތްތަކާ އެކު، އިހުގެ މި ހިކުމަތްތެރި ގޮތްތައް އަލުން ބޭނުންކުރަމުންނެވެ. ފިޖީގެ މޫސުމާ ބެހޭ އިދާރާއިން އަންނަނީ ތޫފާނާއި ފެންބޮޑުވުމުގެ ހާދިސާތަކުގެ ކުރިން ފެންނަ މިފަދަ "ނިޝާންތައް" ރެކޯޑުކުރަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކާ އެކު ކާރިސާތައް އިތުރުވަމުންދާއިރު، މި އިލްމުގެ ސަބަބުން ތައްޔާރުވުމަށް އިތުރު ވަގުތު ލިބިގެންދެ އެވެ.
ފިޖީގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ސައިންޓިފިކް މޫސުން ލަފާކުރުންތަކުގެ ތެރެއަށް އިހުގެ ތިމާވެށީގެ އިލްމު މަސްހުނިކުރާނެކަން 2024 ވަނަ އަހަރު އިއުލާންކޮށްފަ އެވެ. އެ އިދާރާއިން ސިފަކުރާ ގޮތުގައި މިއީ ފުރިހަމަ ޕެކޭޖެކެވެ. ފިޖީއަކީ މިފަދަ ނިޒާމެއް ގާއިމުކުރި ފުރަތަމަ ގައުމެއް ނޫނެވެ. ވަނުއާޓޫ، ޓޮންގާ، ސަމޯއާ، އަދި ސޮލޮމަން އައިލެންޑްސް އިން ވެސް ދަނީ މި މަސައްކަތް ކުރަމުންނެވެ.
ޕެސިފިކް ރީޖަނަލް އެންވަޔަރަންމަންޓް ޕްރޮގްރާމްގެ އޮފިސަރެއް ކަމަށްވާ ސިއޯސިނަމެލޭ ލުއީ ވިދާޅުވާ ގޮތުގައި، އެކަހެރިކޮށް އޮންނަ ރަށްތަކަށް މިއީ މޫސުމަށް އަންނަ ބަދަލަށް ތައްޔާރުވުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ. ދުނިޔޭގެ އެހެން ތަންތަނުގައި މި ދެ ކަންތައް އެކުގައި ބޭނުން ނުކުރި ނަމަވެސް، ޕެސިފިކް ސަރަހައްދުގައި މިއީ މިހާރު އާންމު ކަމެކެވެ.
މޫސުމް ދެނެގަންނަ ޒަމާނީ މެޝިންތައް ހުރިހާ ރަށެއްގައި ބެހެއްޓުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެކެވެ. އެހެންކަމުން، މުވާސަލާތީ ގޮތުން އެކަހެރިވެފައިވާ ރަށްތަކަށް ސަރުކާރުގެ އިންޒާރުތައް ނުލިބޭ ހާލަތުގައި، މިފަދަ ގުދުރަތީ ނިޝާންތަކަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ އެންމެ މުހިންމު ވަސީލަތެވެ.
ރާޑުއާ ބުނާ ގޮތުގައި، ފިޖީގެ މީހުންނަށް މިފަދަ އިލްމަކީ ހަމައެކަނި ފޮތްތަކުގައި ލިޔެފައި ހުންނަ އެއްޗެއް ނޫނެވެ. މިއީ ވާހަކަޔާއި، ލަވަޔާއި، ނެށުމާއި، އަދި މިސާލު ބަސްތަކުގެ އެހީގައި އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދެވޭ ކަންކަމެވެ. އޭނާ މިހާރު ދަނީ މި ހިކުމަތްތައް އެއްކޮށް، ދަނޑުވެރިންނަށް ބޭނުންކުރެވޭނެ މޫސުމީ ކަލަންޑަރެއް ތައްޔާރުކުރަމުންނެވެ.
ގުދުރަތާ އެކުވެގެން އުޅުމުގެ މުހިންމުކަން ރާޑުއާ ފާހަގަކުރެއެވެ.
"ގަސްތަކުން އެކަން އަންގައިދޭނެ، މަލެއް ފޮޅުމުން ވެސް އެ އަންގައިދެނީ މެސެޖެއް،" އޭނާ ބުންޏެވެ.
މިއީ ކާރިސާތަކަށް ތައްޔާރުވުމަށާއި، ކެތްތެރިކަން އިތުރުކުރުމަށް އެހީތެރިވެދޭ ކަމެކެވެ.
ސައިކްލޯން ވިންސްޓަން އައުމުގެ ހަތަރު މަސް ކުރިންވެސް ބައެއް ރަށްތަކުން ގުދުރަތީ ބަދަލުތައް ފާހަގަކުރި އެވެ. މިސާލަކަށް، މާމުއި ކުޅަނދުރު ބިމާ ކައިރީގައި ހާލި ހެދުމާއި، ބަނބުކޭލުގެ އެއް ތަނޑީގައި ފަސް ހަ ކޭލަށްވުރެ ގިނައިން އެޅުމާއި، އަދި ކަނޑުގެ މަސްތައް މަރުވެގެން އަތިރިމައްޗަށް ލެއްގުން ފަދަ ކަންކަމެވެ. ތޫފާނުގެ ހަފްތާއެއް ކުރިން ކަނޑުގެ ދޫނިތައް ބިމާ ދިމާލަށް ވަރަށް ތިރިން އުދުހެން ފެށި އެވެ.
މިފަދަ ނިޝާންތަކަށް ފަރުވާތެރިވުމުން، ކާރިސާއެއް އައުމުގެ ކުރިން ކާބޯތަކެތި ރައްކާކުރުމަށާއި، ގެދޮރު ވަރުގަދަކުރުމަށް ގިނަ ވަގުތު ލިބިގެންދެ އެވެ.
އޮސްޓްރޭލިއާގެ ޔުނިވަރސިޓީއެއްގެ ޕްރޮފެސަރެއް ކަމަށްވާ ޕެޓްރިކް ނަން ވިދާޅުވާ ގޮތުގައި، މި އިލްމަކީ ހަމައެކަނި އިއްތިފާގެއް ނޫނެވެ. މިއީ އެތައް ގަރުނެއް ވަންދެން ތަޖުރިބާކޮށް، ކާމިޔާބުކަމާއެކު ބޭނުންކުރެވެމުން އައިސްފައިވާ ކަންކަމެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގޮންޖެހުންތައް ހުރި ނަމަވެސް، އިހުގެ މި ހިކުމަތްތަކަކީ މިއަދު ވެސް ފިޖީގެ ރައްޔިތުންނަށް މޫސުމީ ކާރިސާތަކުން ސަލާމާތްވާން އޮތް ވަރަށް މުހިންމު އައްޑަނައެކެވެ.