ENGLISH

21 ޖުލައި 2026

Advertisement

ސާފް ޗެމްޕިއަންޝިޕް ފަށާނީ ނޮވެމްބަރު 4 ގައި

21 ޖުލައި 2026

|

އިސްމާއިލް ޝާހު

2023 ގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ނޮވެމްބަރު މަހުގެ 4 އިން 17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކަމަށް އިއުލާންކޮށްފިއެވެ. މި ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ ބައްދަލުވުމެއްގައެވެ.

މިއީ ސާފް ޗެމްޕިއަންޝިޕުގެ 15 ވަނަ މުބާރާތެވެ. ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން ބޭއްވީ 2023 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައެވެ. ކުރިން ރޭވިފައި އޮތީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު މި މުބާރާތް ބޭއްވުމަށެވެ. ނަމަވެސް ދިމާވި އެކި ގޮންޖެހުންތަކާ ހުރެ މުބާރާތް ވަނީ މި އަހަރުގެ ފަހުކޮޅަށް ފަސްކޮށްފައެވެ.

މުބާރާތުގެ ރަސްމީ ލޯގޯ އަންނަ ހޮނިހިރު ދުވަހު ޑާކާގައި އިފުތިތާހުކުރުމަށް ހަމަޖެހިފައިވާއިރު، ގުރުއަތުލުން އޮންނާނީ އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ބޫޓާންގެ ވެރިރަށް ތިމްޕޫގައެވެ.

ސާފްގެ ޖެނެރަލް ސެކްރެޓަރީ ޕްރުޝޮތަމް ކަޓޭލް މުބާރާތުގެ ތަފްސީލުތައް ހާމަކުރައްވަމުން، މި މުބާރާތާ މެދު އޭނާ ހުންނެވި ފޯރިއާއި ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

އޭނާ ވިދާޅުވީ، "މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާނެ ތާރީޚުތަކާއި މުބާރާތް ބާއްވާނެ ތަން އިއުލާންކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. މިއީ އަޅުގަނޑުމެންގެ ހިތްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ، އަދި ފާއިތުވި އަހަރުތަކުގައި ދެކުނު އޭޝިއާގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ހަނދާނުން ފޮހެލަން ދަތި އެތައް އުފާވެރި ވަގުތުތަކެއް ގެނެސްދީފައިވާ މުބާރާތެއް."

މި އަހަރުގެ ފީފާ ވޯލްޑް ކަޕް ނިމުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް މިކަން އިއުލާންކުރުމަކީ، މި ސަރަހައްދުގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބިގެންދާނެ އައު އުއްމީދަކާއި އިތުރު ފޯރިއެކެވެ.

މުބާރާތް ބާއްވާ ޤައުމެއްގެ ގޮތުގައި ބަންގްލަދޭޝް އިޚުތިޔާރުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކަޓޭލް ވަނީ، އެ ޤައުމުގައި ފުޓްބޯޅައަށް އޮތް ލޯތްބާއި ޝައުގުވެރިކަން ދުވަހުން ދުވަހަށް އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ.

ބަންގްލަދޭޝްއިން އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2018 ވަނަ އަހަރެވެ. މީގެ އިތުރުން 2003 އަދި 2009 ވަނަ އަހަރުވެސް އެ ޤައުމުން ވަނީ މި މުބާރާތް ބާއްވާފައެވެ.

ބަންގްލަދޭޝްއަށް މި މުބާރާތުގެ ތަށި އުފުލާލުމުގެ ނަސީބު ލިބިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2003 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި މުބާރާތުގައެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޤައުމަކީ 9 ފަހަރު ތަށި ހޯދާފައިވާ އިންޑިއާއެވެ. ދިވެހިރާއްޖެއިން ވަނީ 2008 އަދި 2018 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން 2013 ވަނަ އަހަރު ތަށި ހޯދާފައިވާއިރު، ސްރީ ލަންކާއިން ވަނީ 1995 ވަނަ އަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު