ENGLISH

21 ޖުލައި 2026

Advertisement

ނިންމަން ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

21 ޖުލައި 2026

|

ޙުސައިން މަޚްތޫމް

ނައިފަރު ބިން ހިއްކާފައި - ފޮޓޯ: އެމްޓީސީސީ

މަސައްކަތް ނިންމަން ދިން ތާރީހަށްވުރެ ކުރިން އެމްޓީސީސީ އިން ޅ. ނައިފަރު ބިން ހިއްކާ ނިންމާލައިފިއެވެ. 

ނައިފަރު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މަސައްކަތް ނިންމަން ދީފައިވަނީ 1 އަހަރާއި 9 މަސް ދުވަހުގެ މުއްދަތެކެވެ. މިއީ ދައުލަތުގެ ބަޖެޓުން 679 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްެރޫއެކެވެ. 

ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ. 

މި މަޝްރޫޢުގެ ދަށުން ޅ. ނައިފަރުގައި 44.8 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. މީގެ އިތުރުން ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކައި 1813 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 803 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި އަދި 474 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖަހާނެއެވެ. މި މަޝްރޫޢު ނިމުމުން، ނައިފަރުގެ ގޮނޑުދޮށް ރައްކާތެރިވެ، ރަށުގެ ތަރައްޤީއަށް ބޭނުންވާ ބިން އިތުރުވެގެންދާނެއެވެ.

މީގެ އިތުރުން ބިން ހިއްކާ ނިމިފައިވާއިރު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 24 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. 

ނައިފަރުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މިދިޔަ އަހަރުގެ އޮކްޓޫބަރ މަހު 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބެވެ. އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީ އާއި ނައިފަރު ދާއިރާގެ މަޖްލިސް މެމްބަރުގެ އިތުރުން ކައުންސިލްގެ ރައީސް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ގާތްގަނޑަކަށް 6000 މީހުންގެ އާބާދީ އެއް ދިރިއުޅޭ ނައިފަރު މީހުންގެ އެންމެ ބޮޑު އެއްކަން ބޮޑު ވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. މި މަޝްރޫޢު ނިމުމުން، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.

ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީ އިން އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު