ENGLISH

28 އޭޕްރީލު 2026

Advertisement

ހޮސްޕިޓަލްގެ ކިއުގައި ހުއްޓާ ވެއްޓި ނިޔާވުން: ތައްޔާރުވަމުން ދިޔައީ ކުންފުނިން ލިބުނު ޢުމްރާ ދަތުރުގައި ދިއުމަށް

28 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ޝާހީން --

ރ. މަޑުއްވަރީ، ސިނަމާގެ އުމުރުން 29 އަހަރުގެ މުޙައްމަދު ޝާހީން ރަމީޒު، ކުއްލި ގޮތަކަށް ނިޔާވުމުން އޭނާގެ އާއިލާއާ ރަހްމަތްތެރީންނާއި އޭނާ މަސައްކަތް ކުރަމުންދިޔަ ކުންފުނީގެ ހުރިހާ މުވައްޒިފުންނަށް ބޮޑު ހިތާމައެއް ލިބުނެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ޝާހީން ނިޔާވީ ވަަރަށް ކުއްލި ގޮތަކަށެވެ. އޭނާއަކީ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) ގެ މުވައްޒިފެކެވެ. އެ ދުވަހު ވެސް ޑިއުޓީއަށް އޮފީހަށް ދިޔަ އެވެ. ބަރާބަރަށް މަސްއޫލިއްޔަތު އަދާކުރި އެވެ. އެއީ ފުރިހަަމަ ސިއްހަތެއްގައި ހުރި ދުޅަހެޔޮ ޒުވާނެކެވެ.

ނަމަވެސް ޑިއުޓީ ނިންމާލުމަށް ފަހު ގެއަށް އައިތާ ގިނައިރުތަކެއް ނުވެ ކުއްލިއަކަށް މެޔަށް ތަދެއް އެރީ އެވެ. އެހެން ކަމުން ވަގުތުން ހޮސްޕިޓަލަށް ދިޔަ އެވެ. ނަމަވެސް ކިއު ނަންބަރު ޖެހުމުގެ ކުރީން ޝާހީން ވެއްޓުނެވެ. ވަގުތުން އަވަސް ފަރުވާދޭން ފެށުނެވެ. ނަމަވެސް ގިނައިރުތަކެއް ނުވެ ނިޔާވީ އެވެ.

ޝާހީންގެ ޖަނާޒާ އޮތީ އިއްޔެ އަސުރު ނަމާދަށް ފަހު މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގަ އެވެ.

ޝާހީން ނިޔާވުމާއި ގުޅިގެން އައިބީއެމުން ވަނީ ތަޢުޒިޔާ ކިޔާފަ އެވެ. އެ ކުންފުނިން ފާހަގަކުރާ ގޮތުގަައި ޝާހީން އަކީ މަސައްކަތަށް ފަރުވާތެރި އަޚްލާޤު ރަނގަޅު މުވައްޒިފެކެވެ.

އަލަތު ދަރިފުޅު ލިބުން، ކުންފުނިން ޢުމްރާ ދަތުރެއް

ޝާހީން އަކީ މީހުންނާއި ގުޅޭ ވަރަށް މަޑުމައިތިރި މިޖާޒެއްގެ ޒުވާނެކެވެ. ޝާހިންގެ ހަޔާތުގައި މިއީ ވަރަށް ޚާއްސަ އެހާމެ އުފާވެރި ދުވަސްތަކެކެވެ.

އަލަތު ދަރިފުޅު ލިބުމުގެ މަތިވެރި ނިއުމަތާއި އުފާ ލިބުނީ މީގެ ހަތަރު މަހެއްހާ ދުވަސްކުރީންނެވެ. ލޯބިލޯބި އަންހެން ކުއްޖެއް ލިބުމަކީ ޝާހީންގެ ދެމަފިރީންގެ ހަޔާތަށް ލިބުނު އުފާވެރި ކަމަކާއި އުޖާލާ ކަމެކެވެ.

އެއާއެކު އައިބީއެމްގެ މި ފަހަރުގެ ގާލާ ނައިޓްގައި ވެސް އެންމެ ބޮޑު އުފަލެއް ލިބުނު މުވައްޒިފަކީ ޝާހީން އެވެ. ގާލާ ނައިޓްގެ ބޮޑު އިނާމަކީ އުމްރާ ދަތުރެކެވެ. އެ ދަތުރު ލިބެނީ ގުރުއަތުން ހޮވާ ބައިވެރި އަކަށެވެ. އެ ނަސީބުވެރިކަމަށް އެ ރޭ ހޮވުނީ ޝާހީން އެވެ.

އެ އުފާވެރި ޚަބަރު އާއިލާއާ ހިއްސާކޮށް ޝާހީން ދިޔައީ އުމްރާގެ މަތިވެރި އަޅުކަމަށް ދިއުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެ ފުރުސަތު ނުލިބި ދުނިޔެއާ ވަކިވާން ޖެހުނީ އެވެ. ކީރިތި އިލާހުގެ ތަނަވަސް ރަޙްމަތުން ޝާހީންއަށް އުމްރާއެއް ކުރުމުގެ މަތިވެރި ދަރުމައާ ދަރަޖަ ދެއްވާށި އެވެ.

އާއިލާއަށް ކެތްތެރިކަން ދެއްވާ ހެޔޮގޮތް މިންވަރު ކުރައްވާށި އެވެ. އާމީން

ކިޔުންތެރިންގެ ހިޔާލު