ENGLISH

28 އޭޕްރީލު 2026

Advertisement

އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލާއިރު އެކަން ހުއްޓުވަން ޖެހޭ: ވަޒީރު ޝިޔާމް

28 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް

އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށާއި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ކަތިލެވޭއިރު، މިކަން ނުހުއްޓުވައިފިނަމަ މާދަމާ މިކަމުގެ ޝިކާރައަކަށް ކޮންމެ ދިވެއްސަކުވެސް ވެދާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. 

ވަޒީރު މިފަދައިން ވިދާޅުވީ "އަދަދު" ނޫހުން މިދިޔަ މާޗު މަހު ގެނައި ޑޮކިއުމެންޓްރީ އާ ގުޅިގެން އެ ނޫސް ހިންގާ އޮފީސް އިމާރާތް ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ދަނޑިވަޅެއްގައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކެއްކަމަށާއި ހަމަ މި ޙައްޤުތަކާއި އެކުއެކީ ޒާތީ ދިރިއުޅުމުގެ ޙައްޤާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤަކީވެސް ހަމަ ކޮންމެ ރައްޔިތަކަށްމެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ. މިޙައްޤުތައް ކަށަވަރުވުމުގައި ޤައުމުގެ ވަލިއްޔުލްއަމްރު އިސްތިސްނާވެގެންނެއް ނުވާކަން ވެސް ޝިޔާމް ވަނީ ފާހަގަކުރައްވާފަ އެވެ. 

މި ޙައްޤުތަކާއި މިނިވަންކަމަކީ އިސްލާމީ ރިވެތި އިންތަކާއި މިންތައް ފަހަނައަޅައި، މީހުންގެ އަބުރު ކަތިލައި، ސާބިތު ހިފޭ ހެކި ނެތި ޒިނޭ އާއި ޤަޛްފުގެ ތުހުމަތު އެއްވެސް މީހެއްގެ ބޮލުގައި އެޅުވުމަށް ދެވޭ ލައިސަންސެއް ނޫންކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ޤަޛްފާއި ޒިނޭއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ 7 އުޑުމަތިން ބާވާލެއްވި އިސްލާމީ ޝަރީޢަތުގައި އެކަންކަން ސާބިތުކުރުމަށް ހެކީގެ ވަކި ޚާއްސަ މިންގަނޑެއް ކަނޑައަޅައި، ޙައްދު ކަނޑައަޅާފައިވާ ކުށްތަކެއް. އަދި އަބުރު ރައްކާތެރި ކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެއް މަޤްސަދު ކަމުގައިވެފައި، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމުގައިވާއިރު، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު، އަދި ވަކިން ޚާއްސަކޮށް އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން. އެއީ ބަލައިގަނެވޭނެ ކަމެއްވެސް ނޫން. އަޅުގަނޑުމެންގެ މުޖުތަމައަކީ އެފަދަ ކަންކަމަށް ތަރުހީބު ދޭނެ މުޖުތަމައެއްވެސް ނޫން،". ވަޒީރު ވިދާޅުވި އެވެ. 

ވަޒީރު ވިދާޅުވީ ދިވެހި ނޫސްވެރިންނަކީ އެފަދަ ފާހިޝް ހުތުރު ކަންކަމަށް ހިތްވަރުދޭ، ދޮގު ޚަބަރު ފަތުރާ ބަޔަކަށްވުރެ މާ ތަހުޒީބު، މާ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާނެ ސަރުކާރެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރައީސަކީ  ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. 

ކަންމިހެން އޮތް ނަމަވެސް މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ކަތިލެވޭއިރު، މިކަން ނުހުއްޓުވައިފިނަމަ މާދަމާ މިކަމުގެ ޝިކާރައަކަށް ހަމަ ކޮންމެ ބޭފުޅަކުވެސް ވެދާނެކަމަށާއި  އެހެންކަމުން، ނޫސްވެރިކަމަކީ ސާބިތު ހިފޭ ހެކިތަކުގެ މައްޗަށް ރައްޔިތުންނާ ހަމައަށް ތެދު މަޢުލޫމާތު ގެނެސްދޭ މަސައްކަތަކަށް ވާންޖެހޭނެކަމަށް ވިދާޅުވި އެވެ.

ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކާގެ ޙައްޤުތަކާއި މިނިވަންކަން ނަގާލައި، އަބުރު ކަތިލެވޭ ހިސާބަށް ވެގެންނެއް ނުވާނެކަމަށް ޕޯސްޓު ނިންމަވާލައްވަމުން ޝިޔާމް ވަނީ ވިދާޅުވެފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު