ENGLISH
28 އޭޕްރީލު 2026
ގޯތި ދިނުމުން މާލޭ ސަރަހައްދުގައި ފުލެޓު އަޅާނެ ބިމެއް ނެތް، ރަސްމާލެ މަޝްރޫއު ހިންގަން މަޖުބޫރު
28 އޭޕްރީލު 2026
|
ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެންމެ މަޤްބޫލު
ރަސްމާލެ މަޝްރޫއަަކީ މިހާރު މާލޭ ސަރަހައްދަށް ކުރިމަތިވެފައި އޮތް ގޯތި ގެދޮރުގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލޭ ސަރަހައްދުން ހިއްކާފައި ހުރި އަދި ހިއްކަމުންދާ ބިންތަކުން ގޯތި ދޫކޮށްފައި އޮތުމުގެ ސަބަބުން ފުލެޓު އަޅާނެ ބިމެއް ނެތަތީ ހިންގަން މަޖުބޫރު މަޝްރޫއެއް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަޒީރާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރުވަނީ ސަރުކާރުން ރަސްމާލެ މަޝްރޫއު ހިންގަން މަޖުބޫރުވެފައި އޮތް ސަބަބު ވަރަށް ތަފުސީލުކޮށްް ވިދާޅުވެދެއްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި ނިމުނު ސަރުކާރުގައި ހުޅުމާލޭ ދެވަނަަ ފިޔަވަހީގެ ހުރިހާ ބިންތަކާއި، ހިއްކަން ނިންމި ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހުރިހާ ބިންތަކާއި ގުޅިފަޅުގައި ޕޯޓު އަޅަން އޮތް ތަނާއި، ގިރާވަރުފަޅުގައި ހިއްކާ ހުރިހާ ބިމަކުން ގޯތި ދޫކޮށްފައި އޮތް ކަމަށެވެ.
އިތުރަށް ވަޒީރު ފާހަގަކުރެއްވީ ގިރާވަރުފަޅުން ހިއްކަނީ 169 ހެކްޓަރު ބިންކަމަށްވާއިރު، އެ ސަރަހައްދުން 5،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމެވެ. އަދި އެ އަދަދަށް ހިއްކާ ބިމުން އެހައި ބައިވަރު ގޯތި ދޫކުރެވޭނެ ގޮތެއް ވިސްނިވަޑައިނުގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެހެންވީމާ މިހާރު މިމާލެ ސަރަހައްދުގައި ފުލެޓު އެޅުމަށްޓަކައި ބިމެއް ނެތް. މާލެ ސަރަހައްދު ނުވަތަ މިކިޔާ މާލޭ ގްރޭޓާ އޭރިއާއިން އެންމެ ގިނަވެގެންވެސް އެޅޭނީ ގާތްގަނޑަކަށް 12،000 ފުލެޓު. އެހެންވީމާ ހަގީގަތުގައި މިހާރު ހިއްކަމުންދާ ބިންތަކުން ރައްޔިތުންނަށް ގޯތި ބަހާފަައިހުރީމާ، ރައްޔިތުންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކޮންމެވެސް އެހެން ގޮތެއް ހޯދަންޖެހޭ،" މުއްތަލިބު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މި ސަބަބުތަކަަށް ބަލާއިރު ރަސްމާލެ މަޝްރޫއަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކޮންމެހެން ކުރިއަށްގެންދަންޖެހޭ މަޝްރޫއެއް ކަމަށެވެ. އަދި ގުޅިފަޅާއި ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގިރާވަރުފަޅުގައި ހިއްކާފައި ހުރި ބިންތަކުގައި ނަރުދަމާއާއި ފެނުގެ ނިޒާމު ގާއިމުކޮށް މަގުތައް ހެދުމަކީ ގިނަ ފައިސާ ހަރަދުވާނެ ކަމަކަށްވީ ނަމަވެސް އެކަންކަން ކޮށް ރައްޔިތުންނަށް އެތަންތަނުން ގޯތި ދޫކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ މި މަސައްކަތްތައް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ސަރުކާރުން މިހާރު ގެންގުޅޭ ވިސްނުމަކީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ވީހާވެސް އަވަހަކަށް އެ މަޝްރޫއުތައް ފެށުން ކަމަށެވެ. އެކަމަށް މިހާރު ތައްޔާރީތައް ވަމުން އަންނަކަމުގައިވެސް ވިދާޅުވިއެވެ.