ENGLISH
28 އޭޕްރީލު 2026
އަބުރަށް އަރައިގަންނަނަމަ މެމްބަރެއް، ވަޒީރެއް، ނޫސްވެރިއެއް ތަފާތުނުކޮށް ފިޔަވަޅު އަޅަން ޖެހޭ: މުޢިއްޒު އަދުނާން
28 އޭޕްރީލު 2026
|
ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން
އެންމެ މަޤްބޫލު
މުޖުތަމައުގެ އެއްވެސް އަފްރާދެއްގެ އަބުރަށް އަރައިގަންނަނަމަ މެމްބަރެއް، ވަޒީރެއް، ނޫސްވެރިއެއް ތަފާތުނުކޮށް ފިޔަވަޅު އަޅަން ޖެހޭކަމަށް ކުރީގެ ޖަސްޓިސް މިނިސްޓަރު މުޙައްމަދު މުޢިއްޒު އަދުނާން ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީ ބަސްފުޅެއް ވިދާޅު ނުވާތީ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދަނިކޮށް އިއްޔެ ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ނޫހުން ނެރުނު ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތުކޮށްފައިވާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ އެ ވާހަކަތައް ފެތުރި ފަރާތްތަކާ ދެކޮޅަށް ދަޢުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން ވެސް ހަމަ އެ ނޫހުން އެމަނިކުފާނާ ގުޅުވައި ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ފަތުރާފައިވާ ކަމަށް ވިދާޅުވެ މިފަހަރުގެ އަމަލުގެ ސަބަބުން ހައިރާންވެވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަދަދު" ނޫހުން މިދިޔަ މާޗު މަހު އާއްމުކުރި ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫސް ހިންގާ އޮފީސް އިމާރާތް ބަލައިފާސްކުރުމުގެ މަސައްކަތް ފުލުހުން ރޭ ވަނީ ފަށާފަ އެވެ. އެއާއެކު އިދިކޮޅު ފަރާތްތަކުން މިހާރު ބުނަމުން އަންނަނީ ސަރުކާރުން އުޅެނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަންނަން ކަމަށެވެ.
އިސްލާމީ މުޖުތަމައެއްގައި އެންމެ ބޮޑަށް ރައްކާތެރިކުރަން ޖެހޭ އެކައްޗަކީ އަފްރާދުންގެ އަބުރާއި ޢިއްޒަތް ކަމަށް ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވިދާޅުވީ މީހުންނާމެދު އެކިއެކި ތުހުމަތުކޮށް ބަޔަކު ނުވަތަ މީހަކުދައްކާ ވާހަކަތައް، ތެދެއް ދޮގެއް ސާބިތުނުވާ ޙާލުގައި ހާމަކޮށް އިތުރަށް ފަތުރާ ޝާއިޢުކޮށް ހެދުމަކީ ދީނީގޮތުން ވެސް ކޮށްގެންވާނެކަމެއްނޫން ކަމަށެވެ.
ނޫސްވެރިކަމަކީ ތިމާ ނުވަތަ ބަޔަކު ބޭނުންވާހާގޮތަކަަށް އުޅުމަށް އޮންނަ ލައިސަންސެއްނޫން ކަމަށައި ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުގެ އިމުގެ ތެރޭގައި އޮންނަ ކަމެއްކަމަށް ވިދާޅުވި އެވެ.
"ކޮންމެ މީހެއްގެވެސް އަބުރަކާއި ޢިއްޒަތެއް އޮވެއެވެ. އެއީ އާދައިގެ މީހަކަށްވިޔަސް ކިތަންމެ ބޮޑު ރަސްކަލަކަށްވިޔަސްމެއެވެ. މިއަދު ދިވެހިރާއްޖޭގައި މީހެއްގެ އަބުރެއް، ޢިއްޒަތުންނަފުސެއް އޮންނަކަމަކަށްނުވެއެވެ. ހަމަ ހިތަށްއެރިހާއެެއްޗެއް ގޮވާނަގަންވީއެވެ. މިޔަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެކަމެއް ނޫނެވެ. މިއަދު މިރާއްޖެ އަޚްލާޤީގޮތުން ވެއްޓިފައިމިވަނީ ހިތާމަކުރުން ޙައްޤު ދަރަޖައަކަށެވެ،". މުއިއްޒު ވިދާޅުވި އެވެ.
މިފަދަ ވާހަކަތައް ފަތުރާ ނަމަ އެއީ މަޖިލީހުގެ މެމްބަރެއް، ވަޒީރެއް، ނޫސްވެރިއެއް އަދި އެހެން މީހަކު ނުވަތަ ބަޔަކުކަމުގައި ވީނަމަވެސް ޤާނޫނީ އަދި ޝަރުޢީ އިމުގެ ތެރެއިން، ހަރުކަށި ފިޔަވަޅު އަޅަންޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.