ENGLISH

28 އޭޕްރީލު 2026

Advertisement

މޭޔަރު އާޒިމަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

28 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

މައްސަލާގައި ހައްޔަރުކުރެވުނު މީހާ-- ފޮޓޯ: ފުލުހުންގެ އިދާރާ

މާލެ ސިޓީ މޭޔަރު އާދަމް އާޒިމަށް މަގުމަތިން ހަމަލާދޭން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ގ. އީރީ، އުމުރުން 35 އަހަރުގެ ޢަބްދުﷲ މުޢާޒް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މުޢާޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އެމްޑީޕީން މާލޭގައި މިހާރު ބާއްވަމުންއަންނަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ބޮޑުރަސްގެފާނު މަގުން ގަލޮޅު ސަހަރާ ކައިރިން އާޒިމް ވަޑައިގަންނަވަނިކޮށް މީހަކު ވަނީ މުޒާހަރާގެ ތެރެއަށް ވަދެގަނެ އާޒިމަށް ހަމަލާދޭން އުޅެފަ އެވެ. އެވަގުތު އެމްޑީޕީގެ މެމްބަރުންވަނީ، އެމީހާ ވަގުތުން ހުއްޓުވާފަ އެވެ.

މި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.

އެމަނިކުފާނުގެ ފަރާތުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަމުންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު އަރުއްވާ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު