ENGLISH
28 އޭޕްރީލު 2026
އައު ކައުންސިލަރުން ހުވާކުރުން، ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި
28 އޭޕްރީލު 2026
|
ލޯކަލް ގަވަރމަންޓް އޮތީރިޓީ-- ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު
އެންމެ މަޤްބޫލު
ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން އިޤްރާރުގައި ސޮއިކުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތީރިޓީން (އެލްޖީއޭ) އިން ބުނެފި އެވެ.
މި އިންތިޚާބުގައި އަލަށް ހޮވުނު ފަރާތްތައް ހުވާކުރުމުގެ ތާރީޚު ކަނޑައަޅާފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ ފަސް އަހަރު ހަމަވާ ދުވަހަށް ރިޢާޔަތްކޮށް ކަމަށް އެލްޖީއޭއިން ބުނެފައިވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ 5 ވަނަ ދައުރަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމުގެ ހުވާކުރެއްވުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހު އެވެ.
ކައުންސިލްތަކުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ، އަލަށް އިންތިޚާބުވި ހުރިހާ މެންބަރުން ހުވާކުރައްވައި އިޤުރާރުގައި ސޮއިކުރައްވައި ނިމުމުންނެވެ. މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އެލްޖީއޭއިން ބުނެފައިވެ އެވެ. މިއީ އައު ދައުރުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ.
އެލްޖީއޭ އިން ބުނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންވެސް އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު، އެ ކޮމިޓީތަކުގެ ނައިބު ރައީސުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމަކީ، ފުލްޓައިމް މަޤާމެކެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރެވޭ މި މަސައްކަތަކީ، ދިވެހިރާއްޖޭގެ ލޯކަލް ގަވަރމަންޓް ހިންގުމުގެ ނިޒާމުގެ މުހިންމު ދައުރެއް އަދާކުރާނެ ކަމެއްކަމަށް އެލްޖީއޭއިން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިޤުރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ 2011 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.