ENGLISH

28 އޭޕްރީލު 2026

Advertisement

ފިޔޯރީ އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތް ނިންމާލައިފި

28 އޭޕްރީލު 2026

ގދ. ފިޔޯރީ އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނީ، މި މަހުގެ އެއް ވަނަ ދުވަހު ފިޔޯރީ އައުޓްޑޯ ޖިމްގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ފިޔޯރީ އައުޓްޑޯ ޖިމް ނިމި ހުޅުވަން ތައްޔާރުވުން-- ފޮޓޯ: އެމްޓީސީސީ

މި އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ވެސް އެކަމިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މި މަޝްރޫއުތަކަކީ ރައްޔިތުންގެ ޖިސްމާނީ، އަދި ނަފްސާނީ ޙާލަތު ރަނގަޅުކޮށް، ޢާއިލީ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާގެން ކުރައްވަމުން އަންނަ މަސައްކަތްތަކެކެވެ.

ސްޕޯޓްސް މިނިސްޓްރީން ފިޔޯރީ އައުޓްޑޯ ޖިމްގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އަމާޒުގެ ދަށުން ސަރުކާރުން ވަނީ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފަ އެވެ. 

މީގެ އިތުރުން އެޗްޑީސީން 71 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމުގެ މަޝްރޫއުތައް މި މަސްތެރޭގައި ވަނީ ފަށާފަ އެވެ. އެގޮތުން މުޅިން އަލަށް 58 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރުމަށް ހަމަޖެހިފައި ވާއިރު، 13 ރަށެއްގައި އައުޓްޑޯ ޖިމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެޗްޑީސީ އިން އަންނަނީ ކުރަމުންނެވެ.