ENGLISH

01 އޭޕްރީލު 2026

Advertisement

ރައްޔިތުންނަށް ހިދުމަތްދިނުމުގައި ތަފާތެއް ނުކުރަން: މެމްބަރު ޢަފޫ

01 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

މެމްބަރު ޢަފޫ ކެނދިކުޅުދޫ ދާއިރާގައި ކޮންގްރެސް ޕާޓީން ކުރިއަށްގެންދާ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛ ޕީއެންސީ

ރައްޔިތުންނަށް ހިދުމަތްދިނުމުގައި މި ސަރުކާރުން ތަފާތުކުރުމެއް ނުގެންގުޅޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަފޫ ހާމިދު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީން ކެނދިކުޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ކޮންގްރެސް ޕާޓީން ވެރިކަމަށް އައީ ތަސައްވުރަކާ އެކުގައިކަމަށާއި، އަދި މަޖިލިސް އިންތިހާބު ކާމިޔާބުކޮށް މަޖިލީހުގެ ތަޅުމަށް ވަނީ ވެސް ތަސައްވުރަކާއެކުގައި ކަމަށެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރުމަށް ނިކުމެތިބީ ވެސް ތަސައްވުރަކާ އެކުގައި ކަމަށް ޢަފޫ ވިދާޅުވި އެވެ. 

ސަރުކާރު ތަސައްވުރުގައި ކުލަ ޖެއްސޭނީ ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވައިގެން ކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ އެކަން އެހެން ނުވި ނަމަ ބޮޑެތި ގޮންޖެހުންތަކާ ސަރުކާރާ ކުރިމަތިލާން ޖެހޭނެކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މި ސަރުކާރުން ތަފާތު ނުކުރި ނަމަވެސް ބައެއް ކައުންސިލްތަކުން ވަކި ފިކުރަކަށް ބަލައި ސަރުކާރާ އެކު ކުރިއަށްދާން ބޭނުން ނުވާކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ލިބޭކަމަށް ޢަފޫ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ގަބޫލުކޮށްގެން ނުވާނެ އަލުގަނޑުމެންގެ ހިތު ނިޔަތް ސާފުވީމަ،އަޅުގަނޑުމެން ދެކޭ ގޮތް ސާފުވީމަ ދެން ތިބޭ ބަޔަކު ކަންކުރާނީ އެގޮތައް ކަމަށް. އަޅުގަނޑުމެން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ތަފާތުކުރުމެއް ނުގެންގުޅެން. އެހެންނަމަވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން އެބަދޭ ސިޔާސީ ފިކުރުގެ ސަބަބުން، ސިޔާސީ ކުލައިގެ ސަބަބުން، ސިޔާސީ ވިސްނުމުގެ ސަބަބުން އަޅުގަނޑުމެންނާ މުއާމަލާތު ނުކުރާ ދަރަޖައަށް އެބަދޭ ބައެއް ކައުންސިލުތަކުން. ނުވަތަ އަޅުގަނޑުމެން ކުރިއަށްގެންދާ މަޝްރޫއުތަކަށް ހުރަސްއަޅައި ޖެއްސުންކުރޭ އެބަ ބައެއް ކައުންސިލުތަކުން". މެމްބަރު ވިދާޅުވި އެވެ. 

މިކަހަލަ ހުރަސްއެޅުންތައް ކެނދިކުޅުދޫގެ ރައްޔިތުން ތަހައްމަލުކުރާތަން ދެކެން ބޭނުުންފުޅުވެވަޑައި ނުގަންނަވާކަމަށާއި ވުމާއެކު ކުރިއަށް އޮތް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ހޮވައިދެއްވުމަށް ޢަފޫ ވަނީ އެދިވަޑައިގެންފަ އެވެ. 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހުރި ނެތް ގޮތް ބެލުމަށް ނަގަން ނިންމާފައިވާ ވޯޓަކީ ގައުމަށް އަދި ރައްޔިތުންނަށް އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ވޯޓެއްކަން ފާހަގަކުރައްވައި ޢަފޫ ވަނީ އެ ވޯޓަށް "އާނއެކޭ" ބުނުމަށް ވެސް ކެނދިކުޅުދޫގެ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު