ENGLISH
12 ޖޫން 2026
ތިން ރަތް ކާޑު، ދެކުނު އެފްރިކާ ބަލިކޮށް މެކްސިކޯއަށް ރަނގަޅު ފެށުމެއް
12 ޖޫން 2026
|
ފީފާ ވޯލްޑް ކަޕުގައި މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ތިން ރަތް ކާޑު ފެނިގެންދިޔަ މެޗުގައި ދެކުނު އެފްރިކާ ބަލިކޮށް، ފީފާ ވޯލްޑް ކަޕް 2026 ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗު ކުޅެފައިވަނީ މެކްސިކޯ ސިޓީ ސްޓޭޑިއަމުގައެވެ. މިރޭ ކުޅުނު ގްރޫޕް އޭގެ މެޗު މެކްސިކޯއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު މެކްސިކޯއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި އެރިކް ލިރާގެ އެހީއާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ޖޫލިއަން ކުއިނޯނޭސްއެވެ.
މި މެޗުގައި ދެކުނު އެފްރިކާއަށް ގޮންޖެހުންތަކެއް ކުރިމަތިވީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު ސްޕެޕޭލޯ ސިޓޯލްއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ މެކްސިކޯގެ ބްރިއަން ގުޓިއޭރޭޒަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ދެކުނު އެފްރިކާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި މެޗުގެ 67 ވަނަ މިނެޓުގައި މެކްސިކޯއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ރޮބާޓޯ އަލްވަރާޑޯ ނަގައިދިން ހުރަހަކުން މި ލަނޑު ޖަހައިދިނީ ރައުލް ހިމެނޭޒެވެ.
ފީފާ ވޯލްޑް ކަޕުގައި މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ގެޓީ
އޭގެ ފަހުން މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ދެކުނު އެފްރިކާގެ ތެމްބާ ޒްވާނޭއަށްވެސް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ކާޑު ދެއްކީ ބޯޅަ ނެތިސް މެކްސިކޯގެ އަލްވަރާޑޯއަށް ހަމަލާ ދިނުމާ ގުޅިގެން، ވީޑއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހުއެވެ.
އަނެއްކޮޅުން މެކްސިކޯ އިންވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި ސެޒާ މޮންޓޭސްއަށް ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ކާޑު ދެއްކީ ދެކުނު އެފްރިކާގެ ޚުލިސޯ މަޑާއުއަށް ފައުލުކުރުމުންނެވެ.
މި މެޗުން މޮޅުވެ މެކްސިކޯއިން ފެށުން ރަނގަޅުކުރިއިރު، ގްރޫޕް އޭގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން ހެނދުނު 7:00 ގައެވެ.