ENGLISH
12 ޖޫން 2026
އެމެރިކާއަށް އެތެރެވުން މަނާކުރި ސޯމާލިއާގެ ރެފުރީއަށް ޔުއެފާ ސުޕަ ކަޕުން ފުރުސަތު
11 ޖޫން 2026
|
ސޯމާލިއާގެ ރެފުރީ އޮމާރް އަރްޓާން ---
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު ސޯމާލިއާގެ ރެފުރީ އޮމާރް އަރްޓާން، ޔުއެފާ ސުޕަ ކަޕުގައި ރެފުރީކަން ކުރުމަށް ހަމަޖައްސާފައިވާކަން ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާއިން އިއުލާންކޮށްފިއެވެ.
ވޯލްޑް ކަޕް ފެށުމަށް މަދު ގަޑިއިރުތަކަކަށް ވެފައިވަނިކޮށް، ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި، ޔުއެފާގެ ރައީސް އެލެކްސެންޑަރ ސެފެރިން ވަނީ އަރްޓާނަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ.
"އޮމާރް އަރްޓާންއަކީ ޒުވާން، ނަމަވެސް ތަޖުރިބާކާރު ކުޅަދާނަ ރެފުރީއެއް. އޭނާ ވަނީ އެފްރިކާގެ ފުޓްބޯޅަ ކޮންފެޑަރޭޝަންގެ އެންމެ މަތީ ފަންތީގެ މުބާރާތްތަކުގައި ހުނަރު ސާބިތުކޮށްދީފައި،" - ޔުއެފާގެ ރައީސް އެލެކްސެންޑަރ ސެފެރިން
ސެފެރިން އިތުރަށް ވިދާޅުވީ ފުޓްބޯޅައަކީ މީހުން ގުޅުވައިދޭ ވަސީލަތެއް ކަމަށާއި، އަރްޓާންގެ ފާހަގަކޮށްލެވޭ ރެފުރީކަމުގެ ހުނަރަށް އިހުތިރާމު އަދާކުރުމުގެ ގޮތުން ޔުއެފާއިން މިފަދަ ޝަރަފުވެރި ފުރުސަތެއް އޭނާއަށް ދޭން ނިންމީ ކަމަށެވެ.
ޔުއެފާއިން ހާމަކުރި ގޮތުގައި، އެފްރިކާގެ ފުޓްބޯޅަ އިދާރާއާ މަޝްވަރާކުރުމަށްފަހު، އަންނަ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު އޮސްޓްރިއާގެ ސާލްޒްބާގުގައި ކުޅޭ ޔުއެފާ ސުޕަ ކަޕުގެ މެޗު އިންސާފުކުރުމަށް އަރްޓާން ވަނީ ހަމަޖައްސާފައެވެ. މި މެޗުގައި ބައްދަލުކުރާނީ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީއެސްޖީ އާއި ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން އެސްޓަން ވިލާއެވެ.
ޔުއެފާއިން ބުނި ގޮތުގައި، މި ނިންމުމަކީ ޔުއެފާ އާއި އެފްރިކާގެ ފުޓްބޯޅަ އިދާރާ، ސީއޭއެފްއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގެ ދަށުން ނިންމި ނިންމުމެކެވެ. ދެ އިދާރާއިންވެސް ގަބޫލުކުރާ ގޮތުގައި މިއީ ފުޓްބޯޅައިގެ އެކި ފަންތިތައް ކުރިއަރުވައި، އެކުވެރިކަމާއި، ހަމަހަމަކަން އަދި ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ލިބުނު ފުރުސަތެކެވެ.
ސީއޭއެފްގެ ރައީސް ޕެޓްރިސް މޮޓްސެޕޭ ވިދާޅުވީ، އަރްޓާންއަކީ މުޅި ސޯމާލިއާއަށާއި އެފްރިކާ ބައްރަށް ލިބުނު ފަޚުރެއް ކަމަށެވެ.
އޭނާއަށް 2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ފިރިހެން ރެފުރީގެ މަގާމު ލިބުމާއި، 2026 ގެ ވޯލްޑް ކަޕަށް ހޮވުމަކީ އޭނާގެ ފެންވަރު ދުނިޔެ ބަލައިގަންނަކަމުގެ ހެއްކެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ސުޕަ ކަޕް އިންސާފުކުރުމުގެ ފުރުސަތަކީ އެފްރިކާ އާއި ޔޫރަޕް އަދި މުޅި ދުނިޔެ ފުޓްބޯޅައިގެ އެހީގައި ގުޅުވައިދޭނެ ވަރަށް ރީތި މިސާލެއް ކަމަށެވެ.
އެމެރިކާއިން ބުނެފައިވަނީ އަރްޓާން އާއި ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭތީ، އޭނާއަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދޭން ނިންމީ ކަމަށެވެ. މީގެ އިތުރުން ފީފާއިންވެސް ވަނީ އޭނާ ވޯލްޑް ކަޕުގެ ރެފުރީންގެ ލިސްޓުން އުނިކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.
ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބާއްވާ ވޯލްޑް ކަޕަށް ހޮވުނު 52 ރެފުރީންގެ ތެރޭގައި އަރްޓާން ހިމެނުމަކީ ސޯމާލިއާގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އޭނާ އެނބުރި މޮގަދިޝޫއަށް ދިޔުމުން އެ ގައުމުގެ ރައްޔިތުން ވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
އަރްޓާން ބުނެފައިވަނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ބައިވެރިވުމަށް މަސައްކަތްކުރާނެ ކަމަށެވެ.