ENGLISH
12 ޖޫން 2026
72 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި
11 ޖޫން 2026
|
72 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު --
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 72 ވަނަ ބެޗުގެ ދަސްވެނިވުން ބާއްވައިފި އެވެ.
މިިއަދު ހަވީރު އައްޑޫ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި 72 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދު އެވެ. ރަސްމިއްޔާތުގައި ވަޒީރު، ޙަސަން ރަޝީދު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ.
ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް މުޙައްމަދު ނަޒީހު ރަޝީދު އެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ "ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް" ހާސިލުކޮށްފައިވަނީ ޕްރައިވެޓް އައިޝަތު ރަނާ ޢަބްދުއް ރަޙްމާން އެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ޕްރައިވެޓް އަނޫސް މުޙައްމަދު ހާސިލުކުރި އިރު، އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަށް ދޭ "މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މުޙައްމަދު ރަޒާން ޢަލީ ޒާހިރު އެވެ.
މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ ސިއެރާ ޕްލެޓޫނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ، ސިއެރާ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް ފާތިމަތު ސަރާ އާދަމް ހޮވުނު އިރު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ، އަލްފާ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އައިޝަތު ރަނާ ޢަބްދުއް ރަޙުމާން އެވެ. އަދި، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ، ޓެންގޯ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް މާއިޒް މުޙައްމަދު ޒުހައިރު އެވެ. އަދި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ، ޗާރލީ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އުލްވާން އަތޫފް އަރީބް އެވެ.
މި ކޯހުން 137 ދަރިވަރުން ވަނީ ދަސްވެނިވެފަ އެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 07 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިންގ ސެންޓަރުގަ އެވެ.
މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ނަޞްރުﷲ ވަސީމް އަދި، ސިފައިންގެ އޮފިސަރުންނާއި ކޯހުގެ މުދައްރިބުންނާއި، ކޯހުގެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެލެއްވި އެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.