ENGLISH

12 ޖޫން 2026

Advertisement

އަނިޔާގެ ސަބަބުން ވޯލްޑް ކަޕުން ވަކިވެ، އެންޑޯ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

12 ޖޫން 2026

|

އިސްމާއިލް ޝާހު

ޖަޕާންގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ވަޓާރޫ އެންޑޯ ---

ޖަޕާންގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ވަޓާރޫ އެންޑޯ، ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ފީފާ ވޯލްޑް ކަޕުގެ ސްކޮޑުން ވަކިވެ، ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިިއުލާންކޮށްފިއެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ އުމުރުން 33 އަހަރުގެ މިޑްފީލްޑަރުގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުރި ސާޖަރީއަށްފަހު، މިދިޔަ ފެބުރުއަރީ މަހުން ފެށިގެން އޭނާ ކުލަބު ފުޓްބޯޅައިގައި ކުޅެފައެއް ނުވެއެވެ. ނަމަވެސް، މެއި މަހުގެ ފަހުކޮޅު އައިސްލެންޑާ ދެކޮޅަށް ޖަޕާނުން ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގެ ފުރަތަމަ ހާފުގައި އޭނާ ވަނީ ފެނިގެން ގޮސްފައެވެ.

ގައުމީ ޓީމަށް ކުޅުނު 73 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްދީފައިވާ އެންޑޯގެ އަނިޔާ މުޅިން ރަނގަޅުވެފައި ނުވާތީ، އޭނާގެ ބަދަލުގައި ސްކޮޑުން ފުރުސަތު ދީފައިވަނީ ބޮރޫޝިއާ މޮންޗެންގްލަޑްބަކުގެ ޝޫޓޯ މަޗީނޯ އަށެވެ.

2015 ވަނަ އަހަރު ޖަޕާންގެ ގައުމީ ޓީމަށް ކުޅެން ފެށި އެންޑޯ ބުނީ، "އަނިޔާވީއްސުރެ މިއަދާ ހަމައަށްވެސް އަހަންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރިން. އެހެންކަމުން މި ނިންމުމާ މެދު އެއްވެސް ހިތާމައެއް ނެތް. މިހާރު މިއޮތް ޓީމަކީ ހަގީގަތުގައިވެސް ވަރަށް މޮޅު ޓީމެއް. ކޮންމެފަދަ ގޮންޖެހުމަކުންވެސް އަރައިގަނެ، މީގެ ކުރިން ނުފެންނަ ފަދަ ކާމިޔާބީތަކެއް އެ ކުޅުންތެރިން ދައްކައިދޭނެ ކަމަށް އަހަރެން ގަބޫލުކުރަން."

ބްރައިޓަންގެ ފޯވާޑް ކައޯރޫ މިޓޯމާގެ ފައިގެ ފަހަތު މަސްގަނޑު (ހޭމްސްޓްރިންގް) އަށް ލިބުނު އަނިޔާއަކާ ގުޅިގެން ވޯލްޑް ކަޕުން ވަކިވާން ޖެހުމަށްފަހު، އެންޑޯއަށް ނުކުޅެވުމަކީ ޖަޕާނަށް ކުރިމަތިވި އިތުރު ހިތްދަތިކަމެކެވެ. އުމުރުން 29 އަހަރުގެ މިޓޯމާއަށް އަނިޔާވީ ވުލްވްސް އަތުން ބްރައިޓަން 3-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައެވެ. މީގެ ސަބަބުން ލީޑްސް ޔުނައިޓެޑާއި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޕްރިމިއަރ ލީގުގެ ފަހު ދެ މެޗުގައިވެސް އޭނާއަށް ނުކުޅެވުނެވެ.

ގްރޫޕް އެފްގައި ހިމެނޭ ޖަޕާނުން ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި މި މަހުގެ 14 ގައި ނެދަލެންޑްސްއާ ދެކޮޅަށް ނުކުންނައިރު، މި މަހުގެ 21 ގައި ޓިއުނީޝިއާ އާއި، އަދި އޭގެ ފަސް ދުވަސް ފަހުން ސްވިޑެންއާ ދެކޮޅަށް ކުޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު