ENGLISH
12 ޖޫން 2026
ޤައުމީ ވޮލީ ލީގު: ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އެމްޓީސީސީ އާއި ސަން ސްޕޯޓްސްއަށް
12 ޖޫން 2026
|
ޤައުމީ ވޮލީބޯޅަ ލީގުގެ އަންހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި އެމްޓީސީސީ --- ފޮޓޯ: ވީއޭއެމް
އެންމެ މަޤްބޫލު
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ޤައުމީ ވޮލީބޯޅަ ލީގު 2026 ގެ އަންހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ކުލަބު އެމްޓީސީސީން ހޯދިއިރު، ފިރިހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ސަން ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު އަންހެން ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗުން އެމްޓީސީސީ މޮޅުވީ ވޮލީބޯލް ޔޫތު ނިއު ޖެނެެރޭޝަން އަތުން ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެމްޓީސީސީން ގެންދިޔައީ 25-13، 25-14 އަދި 25-16 އިންނެވެ.
މި ޑިވިޝަނުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ އެމްޓީސީސީގެ މާޔާ ހުސައިން ސޮލާހު، އައިމިނަތު ރަފާ އިބްރާހީމް، ފާތިމަތު މަޒިއްޔާގެ އިތުރުން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އައިޝަތު ނަސްމާ އަޙްމަދު، އައިޝަތު ނަފުހާ ޖަލީލް އަދި ރާއްޖެ ވޮލީ ކުލަބުގެ އާމިނަތު ހަޝްމާ އަޙްމަދެވެ. މީގެ ތެރެއިން މުބާރާތުގެ އެންމެ މޮޅު ކުޅުންތެެރިއަކީ މާޔާއެވެ.
އެންމެ މޮޅު ލިބަރޯއަށް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ އައިޝަތު މައިހާ އަބްދުލް ރަޝީދު ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެެރިއަކީ އެމްޓީސީސީގެ ފާތިމަތު ޒަހާއެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެމްޓީސީސީގެ ކޯޗު އިބްރާހީމް ނިޒާރެވެ.
މީގެ އިތުރުން ރޭ ކުޅުނު ފިރިހެން ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗުން ސަން ސްޕޯޓްސް މޮޅުވީ ސްޕޯޓްސް ކުލަބު ސިޓީ އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު ސަން ސްޕޯޓްސްއިން ވަނީ ފަސޭހަކަމާއެކު 25-14 އަދި 25-14 އިން ގެންގޮސްފައެވެ. އެކަމަކު ތިންވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ސަން ސްޕޯޓްސްއިން ކާމިޔާބުކޮށްފައިވަނީ 25-20 އިންނެވެ.
މި ޑިވިޝަނުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ސަން ސްޕޯޓްސްގެ މުޙައްމަދު މަދީހު، މުޙައްމަދު އަމާން އަސްލަމް، ޝަދާދު ޒަކީގެ އިތުރުން ސްޕޯޓްސް ކުލަބު ސިޓީގެ އަލީ އާމިރު، އަޝްފާގު އާދަމް އަދި ޔުނައިޓެޑް ހެންވޭރިއަންސްގެ އިބްރާހީމް ރާކިން ހަސަނެވެ. މީގެ ތެރެއިން މުބާރާތުގެ އެންމެ މޮޅު ކުޅުންތެެރިއަކީ މަދީހެވެ.
އެންމެ މޮޅު ލަޔަންސް ރެކްރިއޭޝަން ކުލަބުގެ އިބްރާހީމް މިނާމް މުޙައްމަދު ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެެރިއަކީ އެ ޓީމުގެ އަލްހާން ރަބީއުއެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސަން ސްޕޯޓްސްގެ ކޯޗު ހައުލަތު ނިޝާރެވެ.
މި މަހުގެ 1-11 ގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 24 ޓީމެއް ވާދަކުރިއިރު، ފިރިހެން ދެވަނަ ޑިވިޝަނުގައި 13 ޓީމެއް ވަނީ ވާދަކޮށްފައެވެ.