ENGLISH
12 ޖޫން 2026
ތިން އަހަރުގެ އެއްބަސްވުމަކާއެކު ރެއާލްގެ ކޯޗަކަށް މޮރީނިއޯ
12 ޖޫން 2026
|
އެންމެ މަޤްބޫލު
ރެއާލް މެޑްރިޑުގެ ކޯޗުގެ މަގާމަށް ޖޯސޭ މޮރީނިއޯ އަލުން އައްޔަންކުރިކަން އެ ކުލަބުން ކަށަވަރުކޮށްދީފިއެވެ.
އުމުރުން 63 އަހަރުގެ މޮރީނިއޯ ރެއާލް މެޑްރިޑާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، އޭނާ މަސައްކަތާ ރަސްމީކޮށް ހަވާލުވާނީ އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހު ޕްރީ-ސީޒަން ތަމްރީނުތަކަށް ޓީމު އެނބުރި އައުމުންނެވެ.
ޕޯޗުގަލްއަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗު އަލުން ސެންޓިއާގޯ ބާނަބިއުއަށް ގެނައުމަށްޓަކައި، ރެއާލް މެޑްރިޑުން ވަނީ ބެންފީކާއަށް ބަދަލުގެ ގޮތުގައި 15 މިލިޔަން ޔޫރޯ (13 މިލިޔަން ޕައުންޑް) ދައްކާފައެވެ.
ދާދި ފަހުން ބޭއްވި ރެއާލްގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ، މޮރީނިއޯ އަލުން ކޯޗުގެ މަގާމަށް ގެންނާނެ ކަމަށް ފްލޮރެންޓީނޯ ޕެރޭޒް ކުރިން އޮތީ ވައުދުވެފައެވެ. 2009 ވަނަ އަހަރުން ފެށިގެން ރެއާލްގެ ރައީސްކަން ކުރައްވަމުން ގެންދަވާ އުމުރުން 79 އަހަރުގެ ޕެރޭޒް މި އިންތިޚާބު ކާމިޔާބުކުރެއްވީ 65 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވީ ވިޔަފާރިވެރިޔާ އެންރީކޭ ރިކޭލްމޭއެވެ.
ޕެރޭޒްގެ މި ކާމިޔާބީއާއެކު، ޕޯޓޯ އަދި އިންޓަރ މިލާނަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން މޮރީނިއޯއަށް، 15 ފަހަރު އެ މުބާރާތުގެ ތަށި އުފުލާލާފައިވާ ރެއާލް މެޑްރިޑާ އަލުން ގުޅުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.
މޮރީނިއޯ މީގެ ކުރިން ރެއާލް މެޑްރިޑުގައި ހޭދަކުރި ތިން ސީޒަނުގައި (2010 އިން 2013 އަށް)، އޭނާ ވަނީ އެ ކުލަބަށް ސްޕެނިޝް ލީގާއި، ސްޕެނިޝް ކަޕުގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްދީފައެވެ.
އޭގެ ފަހުން އޭނާ ވަނީ ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓްނަމް ހޮޓްސްޕަރގެ އިތުރުން ރޯމާ، ފެނަބާޗޭ އަދި ބެންފީކާގެ ކޯޗުކަންކޮށްފައެވެ. ބެންފީކާގައި އޭނާ ހޭދަކުރި ދެވަނަ ދައުރުގެ ހަމައެކަނި ސީޒަނުގައި، ޕޯޗުގަލް ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ ސީޒަން ނިންމާލި ނަމަވެސް، އެ ޓީމަށް ލިބުނީ ތިންވަނައެވެ.
މި ހަފުތާގެ ކުރީކޮޅު ބެންފީކާއިން ވަނީ މޮރީނިއޯގެ ބަދަލުގައި، ފުލަމްގެ ކުރީގެ ކޯޗު މާކޯ ސިލްވާ އެ މަގާމަށް އައްޔަންކުރުމަށް އެއްބަސްވެފައެވެ. މޮރީނިއޯ އަލުން ރެއާލް މެޑްރިޑާ ގުޅެނީ، ވޭތުވެދިޔަ ދެ ސީޒަނުގައި އެ ކްލަބަށް އެއްވެސް މުބާރާތެއް ކާމިޔާބުކުރެވިފައި ނުވާ ދަނޑިވަޅެއްގައެވެ. މިދިޔަ ޖެނުއަރީ މަހު އެ ކުލަބުން ޒަބީ އޮލޮންސޯ ކޯޗުގެ މަގާމުން ވަކިކޮށް، ސީޒަން ނިމެންދެން ޓީމަށް އިރުޝާދުދިނީ އަލްވާރޯ އާބެލޯއާއެވެ.