ENGLISH
31 މާރިޗު 2026
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވައިދިނުމަށް އެދި ހައިކޯޓަށް
31 މާރިޗު 2026
|
ހައިކޯޓް -- ފައިލް ފޮޓޯ
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހުރި ނެތް ގޮތް ބެލުމަށް އަންނަ ހޮނިހިރު ދުވަހު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވައިދި ނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ އެވެ.
ޝުނާނާގެ މި މައްސަލައިގައި ވަނީ ދެ އިންތިހާބުގެ ރިފަރެންޑަމްގައި ކުރާ ސުވާލުގައި ފުށުއެރުންތަކެއް ހުރިކަމަށެވެ. އަދި ދެ އިންތިހާބުގެ ރެފަރެންޑަމްގެ ފުރިހަމަ މަގުސަދު އިލެކްޝަން ކޮމިޝަނަށް ވެސް ބުނެ ދެވިފައި ނުވާ ކަމަށް މައްސަަލައިގައި ވެއެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަނީ ގާނޫނުއަސާސީ އަށް ގެންނަ އިސްލާހުތަކެއްގެ ގޮތުގައިކަމަށާއި ނަމަވެސް ހިނގަމުންދާ މަޖިލީހުގެ ދައުރު 2028 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ފުރަތަމަ ދުވަހަށް ހަމަވާނެ ކަމަށް ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ނޫންކަމަށް މައްސަލައިގައިވެއެވެ. ގާނޫނުއަސާސީގެ ދުސްތޫރު ބޭރުން، ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ނޫން ގޮތަށް ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވެގެން ކުރެވޭ ކަމެއްގެ ދޭހަވާގޮތަށް ބިލުގައި ހިމަނާފައިވާކަމަށް ބުނެ ސަރުކާރުން އެދޭ ގޮތަށް ދެ އިންތިހާބު ބާއްވޭނީ ފަސް އަހަރުގެ މުއްދަތަށް އިންތިހާބުކޮށް ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުގެ ގާތްގަނޑަކަށް 177 ދުވަސް ކުރިން މަޖިލީސް އުވާލެވިގެން ކަމަށް ވާއިރު، އެކަން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ހިމަނާފައިނުވާކަމަށް މައްސަލައިގައި ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ރިފަރެންޑަމް ބޭއްވުމުގައި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި ދައުވާ ލިބޭ ފަރާތްތަކުން ހިލާފުވެފައިވާ ކަމާއި އިންސާފުވެރި އިންތިހާބެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމެއް ނެތި، ރައީސް ކަނޑައަޅުއްވާފައިވާ ތާރީހަށް އިންތިހާބު ބާއްވަން އެ ކޮމިޝަން ނިންމާފައިވަނީ މުސްތައްގިލު މިނިވަންކަމެއް ނެތި ކަމަށް ވެސް ދައުވާގައި ބުނެފައި ވެއެވެ.
އިންތިހާބު ބާއްވަން ނިންމައި އިއުލާނުކުރި ތާރީހާއި އިންތިހާބު ބާއްވާ ތާރީހާ ދެމެދު އޮތީ ގާތްގަނޑަކަށް 47 ދުވަހުގެ މުއްދަތެއްކަމަށާއި މިއީ ރައްޔިތުން ހޭލުންތެރިކުރުވުމަށާއި ބަހުސްކުރުމާއި ތާއީދުކުރާ ފަރާތްތަކާއި ދެކޮޅު ފަރާތްތަކުން ތައްޔާރުވުމަށާއި އަދި އިންތިހާބާ ގުުޅޭ އެހެނިހެން ކަންތައްތަކަށް ތައްޔާރުވުމަށް ވަރަށް ކުރު މުއްދަތެއްކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރަށް ވޯޓުލުމަށް ބޭނުންވާ އެންމެ އަސާސީ މައުލޫމާތު އެއް ތަނަކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަފައި ނެތްކަމަށް ވެސް މައްސަލައިގެ ދައުވާގައި ވަނީ ބުނެފަ އެވެ.
މި ސަބަބުތަކާ ހެދި އަންނަ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ ދެ އިންތިހާބުގެ ރެފަރެންޑަމް ވޯޓު ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ޝުނާނާ ވަނީ ހައިކޯޓުގައި އެދިވަޑައިގެންފަ އެވެ.
މި މައްސަލަ އަދި ކޯޓަށް ބަލައި ނުގަނެ އެވެ.