ENGLISH
08 ޖެނުއަރީ 2026
އާސަންދައިގެ ޕާފޯމަންސް އޮޑިޓް: 2019 އިން 2023 އަށް ޚަރަދުތައް 32 އިންސައްތަ އިތުރުވި
06 ޖެނުއަރީ 2026
|
އާސަންދައިގެ ދަށުން 2019 އިން ފެށިގެން 2023 ގެ ނިޔަލަށް ކުރި ޚަރަދުތައް 32 އިންސައްތަ އިތުރުވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު އާއްމުކުރި އާސަންދައިގެ ޕާފޯމަންސް އޮޑިޓުން ދައްކައިފި އެވެ.
އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމުގެ ތެރެއިން އެއް ކަމަކީ 2019 އިން 2023 އަށް ސްކީމުގެ ޚަރަދުތައް 32 އިންސައްތަ އިތުރުވެ، ސްކީމުން ޚިދުމަތް ހޯދި މީހުންގެ އަދަދު ހަތް އިންސައްތަ އިތުރުވުމެވެ. ރިޕޯޓުގައިވާ ހިމަނާފައިވާ އަދަދުތަކަށް ބަލާއިރު، ބޭސްފަރުވާގެ ޚިދުމަތް ހޯދި މީހުންގެ އަދަދު އިތުރުވި ނިސްބަތަށްވުރެ ސްކީމުގެ ޚަރަދު ވަނީ އިތުރުވެފައެވެ.
އެ މުއްދަތުގައި ޚިދުމަތް ހޯދި ފަރާތްތައް ވަނީ 2020 ވަނަ އަހަރުން ފެށިގެން އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު ނިމުނުއިރު އާސަންދައިން ޚިދުމަތް ހޯދި ފަރާތްތަކުގެ އަދަދު 375،304 އަށް އަރަ އެވެ.
ރިޕޯޓުގައި ވަނީ އެ މުއްދަތުގައި އާސަންދަ ސްކީމުގެ ޚަރަދުތައް ވެސް ތަފްސީލުކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި ބޭސްފަރުވާއަށް ދައުލަތުން ކުރާ ހޭދައިގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސަރުކާރު ހޮސްޕިޓަލްތައް ހިންގުމަށް ކުރާ ހަރަދާއި، އާސަންދަ ސްކީމުން ކުރާ ހަރަދާއި ސްކީމުގެ ބޭރުން ބޭސފަރުވާއަށް ކުރާ ހަރަދު ކަމަށެވެ. އެގޮތުން 2019 އިން 2024 އަށް ޖުމުލަ 35،809،973،681 ރުފިޔާ ބޭސްފަރުވާއަށް ހޭދަކޮށްފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އެއީ، އެވްރެޖްކޮށް އަހަރަކަށް 5،968،328،947 ރުފިޔާ އެވެ.
ސަރުކާރު ހޮސްޕިޓަލްތަކަށް ދައުލަތުން ކުރާ ހޭދަ ފިޔަވައި، ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަމުން ދަނީ އާސަންދަ ސްކީމަށްކަން އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން، 2019 އިން 2024 އަށް ޖުމްލަ 16،078،780،958 ރުފިޔާ ސްކީމަށް ވަނީ ޚަރަދުކޮށްފައެވެ. އެއީ އެވްރެޖްކޮށް އަހަރަކަށް 2،679،296،826 ރުފިޔާއެވެ.
އާސަންދައިގެ ޕާފޯމަންސް އޮޑިޓުގައި ވަނީ މުހިއްމު އެހެނިހެން ތަފާސްހިސާބުތައް ވެސް ހިއްސާކޮށްފައެވެ. އަދި، އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މުހިއްމު އިސްލާހުތަކެއް ވެސް ހިމަނާފައިވެއެވެ.