ENGLISH

06 މޭ 2026

Advertisement

ކާވާ ވިމެންސް ޗެމްޕިއަންޝިޕް މި މަހު 22 ގަ ފަށަނީ

05 މޭ 2026

|

މުޙައްމަދު އަދުހަމް

މިދިޔަ އަހަރު ބޭއްވި ކާވާ ވިމެންސް ކަޕްގައި ވާދަކުރި ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުގެ ކުޅުންތެރިން. --ފޮޓޯ: ކާވާ

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ވިމެންސް ޗެމްޕިއަންޝިޕް މި މަހުގެ 22 ވާ ހުކުރު ދުވަހު ފަށަން ހަމަޖެހިއްޖެއެވެ.

މުޅިއެކު އަށް ޓީމު ވާދަކުރާ މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ނޭޕާލްގެ ކަތުމަންޑޫގައި މި މެއި މަހުގެ 22 އިން 29 ގެ ނިޔަލަށެވެ. 

މުބާރާތުގައި ވާދަކުރާ އަށް ޓީމު ދެ ގްރޫޕަަކަށް ބަހާލާފައިވާއިރު، ޕޫލް އޭ ގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ؛ ނޭޕާލް އާއި ކިރްގިސްތާން އަދި އިންޑިއާ އެވެ. ޕޫލް ބީ ގައި ހިމެނެނީ؛ އިރާން، ކަޒަކިސްތާން، ސްރީ ލަންކާ އާއި ބަންގްލަދޭޝް އެވެ.

މުބާރާތުގެ މެޗު ތާވަލް. --ފޮޓޯ: ކާވާ

މި މުބާރާތް ރޭވިފައިވާ ގޮތުން، ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގެ ކުޅުން ނިމުމުން ކޮންމެ ގްރޫޕަކުން އެންމެ ކުރިހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. އެގޮތުން، ސެމީގައި ޕޫލް އޭ ގެ އެއްވަނަ ޓީމު ޕޫލް ބީ ގެ ދެވަނަ ޓީމާ ދެކޮޅަށް ނިކުންނައިރު، ޕޫލް ބީ ގެ އެއްވަނަ ނިކުންނާނީ ޕޫލް އޭ ގެ ދެވަނަ ޓީމާ ދެކޮޅަށެވެ. އެއަށްފަހު، މި ދެ މެޗުން ކުރިހޯދާ ދެ ޓީމުގެ މެދުގައި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ތިންވަނަ އާއި ހަތަރުވަނަ މަގާމު ހޯދާ ޓީމުތަކުގެ މެދުގައި ލޯ މެޑަލް ކަނޑައެޅުމަށް މެޗެއް ކުޅެވޭނެ އެވެ. މީގެއިތުރުުން، މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއްގެ ރޭންކިންގ ކަނޑައެޅުމަށް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 22 ވާ ހުކުރު ދުވަހުގެ އިރުއޮއްސި ހައެއް ޖަހާއިރު ބައްދަލުކުރާނީ ކިރްގިސްތާނާ އެވެ.  

ރާއްޖޭން ވަނީ މިދިޔަ އަހަރު މާލޭގައި ކުރިއަށްދިޔަ ކާވާ ވިމެންސް ކަޕްގެ ރަނަރަޕް މަޤާމު ހާސިލްކޮށްފައެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކިރްގިސްތާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު