ENGLISH
05 މޭ 2026
ޕީއެންއެފްއިން އިޝްތިހާރުކޮށްގެން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކާ އެޕާޓީން ހަވާލުނުވި
05 މޭ 2026
އެންމެ މަޤްބޫލު
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އިން ސިލްސިލާ ގޮތެއްގައި މާލޭގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި ބޭއަދަބީ އަމަލުތައް ހިންގައި އެހެން ޕާޓީތަކަށް އުދަގޫކުރާ މައްސަލަ ފެންމަތިވުމާއެކު އެ ޕާޓީން މުޒާހަރާތަކާ ހަވާލުވުމަށް އިންކާރުކޮށްފިއެވެ.
ޕީއެންއެފްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީއެއް އެ ޕާޓީގައި އިސްކޮށް މަސައްކަތް ކުރައްވާ މަލީހު ޖަމާލުވަނީ މީޑިޔާތަކާ ހިއްސާކުރައްވާފައެވެ. އެ ސިޓީގައި ބުނެފައިވާ ގޮތުން ޕީއެންއެފްއިން މިދުވަސްވަރު ސިލްސިލާ ގޮތެއްގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގައެވެ.
ނަމަވެސް އެ ޕާޓީގެ މީޑިޔާ ގުރޫޕުގައި ޕާޓީގެ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކޮށް އެ ޕާޓީން ކުރި ޕޯސްޓެއްގައި އޭޕްރީލު މަހުގެ 14 ވަނަ ދުވަހު ބުނެފައިވަނީ ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ހުރިހާ ދުވަހެއްގައި ޕީއެންއެފްގެ މަގުމަތީ ހަރަަކާތް ރޭގަޑު 8:45 ގައި އެ ޕާޓީގެ އޮފީސް ކުރިމަތިން ފެށޭނެ ކަަމަށެވެ.
އޭގެ ފަހުން ކޮންމެ ހަފުތާއަކުވެސް އެ ޕާޓީގެ މީޑިޔާ ގުރޫޕުގައި ޕީއެންއެފްގެ މަގުމަތީ ހަރަކާތް އޮންނާނެކަން އިއުލާނުކުރެއެވެ. އަދި ސިލްސިލާކޮށް މާލޭ މަގުމަތީގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި އެ ޕާޓީގެ ދިދަވެސް ބޭނުންކުރަމުންދެއެވެ.
މި މުޒާހަރާތައް ލައިވްކުރުން ހުއްޓުމަށް މިޑިޔާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް-13އަށް އެންގުމުން އެ ޕާޓީގެ މީޑިޔާ ގުރޫޕުގައި އެވާކަ ޝާއިއުކުރިއިރުވެސް ބުނެފައިވަނީ އެ މުޒާހަރާތަކަކީ ޕީއެންއެފްއިން ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކެއް ކަމަށެވެ.
މިކަންކަން ފާހަގަކޮށް ނޫސްވެރިޔަކު ސުވާލުކުރުމާ ގުޅިގެން މަލީހު ދެއްވި ޖަވާބުގައި ވިދާޅުވީ އެ މުޒާހަރާތަކަކީ ޕީއެންއެފްގެ ހަރަކާތެއް ނޫންކަމަށާއި، އެ ޕާޓީއަށް ތާއީދުކުރާ ބަޔަކު ހިންގާ ސިޔާސީ މަސައްކަތްތަކަށް އެ ޕާޓީން ހުރަސްނާޅާނެ ކަމަށެވެ.
ޕީއެންއެފްގެ މުޒާހަރާގެ ބައިވެރިން ޕީއެންސީގެ ހަރުގޭގައި ޖަލްސާތައް ކުރިއަށްގެންދަނިކޮށް އެތަނަށް ޖަމާވެ ބޭއަދަބީ ބަސްތައް ބޭނުންކޮށް ޕީއެންސީގެ ޖަލްސާއަށް ހުރަސްއަޅައި އުދަގޫކުރަން މަސައްކަތްކުރިއިރު، ކޮންމެ ރެޔަކުވެސް އެ މުޒާހަރާތަކުގައި އާއްމު އިޖުތިމާއީ މިންގަނޑާ ހިލާފު ބަސްމަގު ބޭނުންކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން އެ ޕާޓިއަށް އަމާޒުވެފައިވެއެވެ.