ENGLISH

05 މޭ 2026

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި

05 މޭ 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުން --

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރު (ކޮލަމްބޯގެ ނެޝަނަލް މިއުޒިއަމް) އަށް ޒިޔާރަތް ކުރައްވައިފި އެވެ.

މި ޒިޔާރަތަކީ އެމަނިކުފާނު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ސަގާފީ ގުޅުން ބަދަހިކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ކުރެއްވި ޒިޔާރަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދާރުލްއާސާރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ އެތަނުގެ އިސްވެރިންނެވެ. މި ޒިޔާރަތުގައި ދާރުލްއާސާރުގެ އެކި ގެލެރީތައް ބައްލަވާލައްވައި، ސްރީލަންކާގެ މުއްސަނދި ތާރީޚާއި، ސަގާފީ ތަރިކަ އަދި އާދަކާދަތައް ދައްކުވައިދޭ ތަކެއްޗާ ބެހޭ މަޢުލޫމާތު އެމަނިކުފާނުގެ ދެކަނބަލުން މި ޒިޔާރަތުގައި އޮޅުންފިލުއްވި އެވެ.

ދާރުލްއާސާރަށް ކުރެއްވި ޒިޔާރަތުގައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، އަންނަން އޮތް ޖީލުތަކަށްޓަކައި ޤައުމުގެ ތަރިކަ ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެ ތާރީޚު ދައްކުވައިދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވައި، އެކަމުގެ އަގުވަޒަންކުރެއްވި އެވެ.

މިފަދަ ސަގާފީ ހަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންއިތުރަށް ހަރުދަނާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު