ENGLISH

05 މޭ 2026

Advertisement

ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް މީހުން ބިނާކުރުމުގެ ޤައުމީ މަސައްކަތު ބައްދަލުވުން ފަށައިފި

05 މޭ 2026

|

އާމިނަތު ނުޒްލާ

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބާއްވާ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

މައުނަވީ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ 2003 ވަނަ އަހަރުގެ ޔުނެސްކޯ މުއާހަދާއާ ގުޅިގެން ބާއްވާ، މީހުން ބިނާކުރުމުގެ ގައުމީ މަސައްކަތު ބައްދަލުވުން މިއަދު ފަށައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ގެންދަނީ މާދަމާގެ ނިޔަލަށެވެ. މި މައްސަކަތު ބައްދަލުވުމުގެ ސަބަބުން ޔުނެސްކޯގެ 2033 މައުނަވީ ތަރިކައިގެ މުއާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅިގެންދާނެ އެވެ.

މި މުއާހަދާއަކީ ދިވެހިރާއްޖޭގެ މައުނަވީ ސަގާފީ ތަރިކަ ރައްކާތެރިކޮށް ކުރިއަރުވާ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ އަދި ފަންނުގެ ތެރޭ އުޅުއްވާ ބޭފުޅުންނަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި ބަލައިގަތުން ހޯދައި އެ ފަރާތްތަކުގެ މަސައްކަތް ކުރިއެރުވުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފައިވެ އެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބާއްވާ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނީ، މި މަސައްކަތުގެ ބައްދަލުވުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގައިވާ ގޮތަށް މަޢުނަވީ ސަގާފީ ތަރިކަ ދަފުތަރު އިތުރަށް ފުރިހަމަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، މަޢުނަވީ ތަރިކަ ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތައް ހިއްސާކޮށް އެހެން ގައުމުތަކުގައި އެފަދަ ކަންކަމަށް ހޯދާ ހައްލުތައް މަޝްވަރާކުރުމެވެ. މީގެ އިތުރުން 2003 ވަނަ އަހަރު ޔުނެސްކޯ އިން ތަޢާރަފްކޮށްފައިވާ " ކޮންވެންޝަން ފޮރ ސޭފްގާޑިންގ އޮފް ދި އިންޓޭންޖިބަލަ ކަލްޗަރަލް ހެރިޓޭޖް" ގައި ރާއްޖެ ސޮއިކުރުމަށް މިހާރު ކުރަން ހުރި ކަންކަން ދެނެގަތުން ކަމަށްވެސް އެ މަރުކަޒުން ބުނެފައިވެ އެވެ.

މި މައްސަކަތު ބައްދަލުވުމުގެ ތެރެއިން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ޔުނެސްކޯއާއި ދިވެހި ތަރިކަ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނާއި ބައްދަލުވެ ދިމާވާ ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވިގެންދާނެ އެވެ. އަދި މައްސަލަތަކުގައި ލިބޭނެ ލުއިތައްވެސް ހިއްސާކުރެވިގެންދާނެކަމަށް މަރުކަޒުން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު