ENGLISH
05 މޭ 2026
ލަންކާގައި މިފްކޯގެ އުފެއްދުންތައް ތައާރަފްކޮށްފި
05 މޭ 2026
|
މިފްކޯގެ އުފެއްދުންތައް ސްރީލަންކާގައި އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި އެ ޤައުމުގެ ރައްޔިތުންނަށް އަމާޒުކޮށްގެން، މިފްކޯގެ "ފަސްމީރު" ބްރޭންޑްގެ އުފެއްދުންތައް އެ ޤައުމުގައި ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މިފްކޯގެ އުފެއްދުންތައް ސްރީ ލަންކާއިން ލިބޭނެ އިންތިޒާމު ހަމަޖެއްސީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީ ލަންކާއަށް ކުރައްވާ ދަތުރުފުޅުގައެވެ. މިއަދު އޮތް އެ ރަސްމިއްޔާތުގައި މިފްކޯގެ އުފެއްދުންތައް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މިފްކޯއިން ލަންކާގެ ބާޒާރަށް ނެރުނީ، ފަސްމީރު ބްރޭންޑްގެ ވަޅޯމަހާއި، އެކި ބާވާތްތަކުގެ މަސްދަޅުގެ އިތުރުން ރިހާކުރު އަދި ޕެކެޓްކުރި މުގުރި މަހެވެ.
މިފްކޯގެ އުފެއްދުންތައް ތަޢާރަފުކުރުމުގެ ރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މިފްކޯގެ އުފެއްދުންތައް ލަންކާގައި ފެށިގެން ދިއުމަކީ ދިވެހި މަސްވެރިންނަށް އިޤްތިޞާދީ ގޮތުން ނަފާ ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ކަމަށެވެ.
"މިއީ ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ބައިނަލްއަޤުވާމީ ބާޒާރުގައި އައު ފުރުޞަތުތަކެއް ހުޅުވި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތް ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ. މިގޮތުން، މަހުގެ ބާވަތްތަކަށް އަގުއެއްކޮށް ބައިނަލްއަޤުވާމީ މާކެޓުގައި "ފްރޮމް މޯލްޑިވްސް" ބްރޭންޑްގެ ދަށުން ދިވެހި އުފެއްދުންތައް އިޝްތިހާރުކުރުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.
ލަންކާގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ޤައުމުގެ ވިޔަފާރިއާއި ކާނާއާ ބެހޭ ވަޒީރު ވަސަންތާ ސަމަރަސިންގެއާއި، ވިޔަފާރިވެރިން އަދި ދެ ޤައުމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.