ENGLISH
06 މޭ 2026
ވިސާގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވި: ރައީސް
06 މޭ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އެންމެ މަޤްބޫލު
އަވައްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް ދިމާވެފައިވާ ވިސާގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ ޤައުމުގެ ވެރީން ދެއްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ލަންކާގައި ދިރިއުޅޭ ވަރަށް ގިނަ އަދަދެއްގެ ދިވެހީން ބައިވެރިވި މި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމަށް މިދިޔަ މުއްދަތުގައި އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރެވުނު އެއް ކަމަކީ ވިސާގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުން ކަމަށެވެ.
މި ފަހަރުގެ ފުރަމާނަ ދަތުރުފުޅުގައި ވެސް އެކަމަށް ވަރަށް ބޮޑު އިސްކަމަކާއި އަހަންމިއްޔަތު ކަމެއް ދެއްވި ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކުރީއްސުރެ ކުރެވުނު މަސައްކަތުން އެކަމުގައި ކުރިއެރުންތަކެއް ވެސް ލިބިފައިވާ ކަމަށެވެ.
އަދި މި ފަހަރުގެ ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކުގައި ވިސާގެ މައްސަލައަށް ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ލަންކާގެ ވެރީން ދެއްވާފައިވާ ކަމުގައި ވިދާޅުވި އެވެ.
"މި ޤައުމުގެ ރައީސް އަޅުގަނޑަށް ދެއްވި ޔަޤީންކަމަކީ އިރާދަކުރެއްވިއްޔާ މިކަމުގައި -- ވިސާގެ މައްސަލާގައި -- ދާއިމީ ޙައްލެއް ގެނެސްދެއްވޭނެ ކަމުގެ އުންމީދީ ޖަވާބެއް ދެއްވި،"
ރައީސް ވިދާޅުވީ ލަންކާގެ ދިވެހީންނަށް ވިސާގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވުމަށް ލަންކާގެ ރައީސް ވަރަށް އިސްކަން ދެއްވައިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަމަށް ޝުކުރުއަދާ ކުރައްވާ ކަމުގައި ވިދާޅުވި އެވެ.