ENGLISH
06 މޭ 2026
ރައީސްގެ ދެކަނބަލުން، ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފި
06 މޭ 2026
|
ރައީސްގެ ދެކަނބަލުން، ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުން --
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންދަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ޙާލުއަޙުވާލު އޮޅުންފިލުއްވައި، ކަންބޮޑުވުންތަކާއި ޝުޢޫރުތައް އަޑުއައްސަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ދިވެހި ސަރުކާރުގެ ބައެއް ވަޒީރުންނާއި، އިސް އޮފިޝަލުންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ފަރުދީ ފެންވަރުގައި އޮންނަ ގާތް ގުޅުން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، ސްރީލަންކާގެ ސަރުކާރާއެކު ކުރިއަށްގެންދެވި މަޝްވަރާތަކުގައި، ވިސާއާ ގުޅުންހުރި މައްސަލަތައް ފަދަ، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާމެދު ވާހަކަދެކެވުނުކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. އަދި ދެފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުން އެ ކަންކަމަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު އިޤްތިޞާދީ އެއްބާރުލުންދިނުން އިތުރުކުރުމާ ގުޅޭގޮތުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ. މީގެ ތެރޭގައި، ސްރީލަންކާގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ ގޮތްޕެއް ޤާއިމުކުރުމާއި، ދިވެހި އުފެއްދުންތައް އެ ޤައުމުގެ ބާޒާރަށް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާއިން ދެ ޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް، ފިޔަވަޅުތަކެއް އަޅުއްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނާއެކުވެސް ގާތްގުޅުމެއް ބޭއްވެވުމަކީ އެމަނިކުފާނު އިސްކަން ދެއްވާ ކަމެކެވެ. އަދި އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންނާއެކު ވަގުތު ހޭދަކުރެއްވުމަށް އެމަނިކުފާނު ވަރަށްބޮޑު އަހުމިއްޔަތުކަމެއް ދެއްވަ އެވެ.